ކ. މާލެ
|
17 ޖުލައި 2018 | އަންގާރަ 12:18
އިންޑޮނޭޝިއާގެ އަވަށެއްގައި ކިނބޫތައް މަރާލަނީ
އިންޑޮނޭޝިއާގެ އަވަށެއްގައި ކިނބޫތައް މަރާލަނީ
ޑެއިލީ މެއިލް
އިންޑޮނޭޝިއާ
ބަދަލު ހިފުމުގެ ގޮތުން އިންޑޮނޭޝިއާގައި ގާތްގަނޑަކަށް 300 ކިނބޫ މަރާލައިފި
އިންޑޮނޭޝިއާގައި ކިނބުލަކީ ހިމާޔަތްކޮށްފައިވާ ޖަނަވާރެއް
ކިނބޫ މަރާ ފަރާތްތަކާ މެދު އެގައުމުގައި ވަނީ އަދަބުތައް ކަނޑައަޅާފައި

އިންޑޮނޭޝިއާގެ ހުޅަނގުގެ އަވަށެއްގައި މީހުންތަކެއް ނިކުމެ ގާތްގަނޑަކަށް 300 ކިނބޫ މަރާލައިފިއެވެ.

އިންޑޮނޭޝިއާގެ ޕައުޕާ އަވަށުގައި ގިނަ އަދަދެއްގެ ކިނބޫ މަރާފައި މި ވަނީ މިދިޔަ ހުކުރު ދުވަހު ކިނބުލެއް ދިން ހަމަލާއެއްގައި މީހަކު މަރުވުމާ ގުޅިގެންނެވެ. އެކަމުގެ ބަދަލު ހިފުމެއްގެ ގޮތުގައި އެއަވަށުގެ 600 ވަރަކަށް މީހުން ނިކުމެ ކިނބޫތައް މަރާލާފައި ވަނީ ވަޅި އާއި މަރުތެޔޮ ބޭނުންކޮށްގެން ކަމަށް ޑެއިލީ މެއިލް އިން ވަނީ ރިޕޯޓް ކޮށްފައެވެ. 

އެއަވަށުން ވާހަކަ ދެއްކި މީހަކާ ހަވާލާދީ ޑެއިލީ މެއިލްގައި ބުނެފައި ވަނީ އެމީހާ މަރާލީ އެމީހާ ގެންގުޅޭ ގެރިއަށް ކާންދިނުމަށް ވިނަ ހޯދުމަށް ގޮސް އުޅުމުގެ ތެރޭގައި ކަމަށެވެ.

ކިނބޫތައް މަރާލި މީހުން ހުއްޓުވަން އިންޑޮނޭޝިއާގެ 40 ވަރަކަށް ފުލުހުން ނުކުތް ކަމަށާއި އެހެން ނަމަވެސް އެހާ ގިނަ އަދަދެއްގެ ބަޔަކާ ކުރިމަތި ނުލެވުނީ އެމީހުން ތޫނު އެއްޗެހި ބޭނުން ކުރުމުން ކަމަށް ޚަބަރުތައް ބުނެއެވެ.

އިންޑޮނޭޝިއާގައި ކިނބުލަކީ ހިމާޔަތްކޮށްފައިވާ ޖަނަވާރެކެވެ. ކިނބޫ މަރާ ފަރާތްތަކަށް އެ ގައުމުގައި ވަނީ އަދަބުތައް ކަނޑައަޅާފައެވެ. އެގޮތުން ޖޫރިމަނާ ކުރުމާއި ޖަލަށްލުން ހިމެނެއެވެ.

މި މައްސަލައާ ގުޅިގެން ޕައުޕާ އަވަށުގެ ހަތަރު ދަނޑުވެރިއަކު ހައްޔަރުކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ކިނބޫގެ ހަމަލާތަކުގައި މީގެ ކުރިން ވެސް އެ ސަރަހައްދުން ގިނަ ބަޔަކު މަރުވެފައިވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް