ޓެޑީ ބެއާތަކާއި ސޮފްޓް ޓޯއީސް އުފައްދާ މަޝްހޫރު ކުންފުނި ބިލްޑް-އަ-ބެއާ އިން ހިންގި އެއް ދުވަހުގެ ޕްރޮމޯޝަންގައި މައްސަލަތަކެއް ދިމާވުމުން އެ ކުންފުނީގެ ޗީފް އެގްޒެކުޓިވް ޝެރޮން ޕްރައިސް ޖޯން، ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިވަޑައިގެންފިއެވެ.
އެމެރިކާގެ މި ކުންފުނިން "ޕޭ ޔޯ އޭޖް"ގެ ނަމުގައި ހުކުރު ދުވަހު ހިންގި ޕްރޮމޯޝަންގެ ދަށުން ޓެޑީ ބެއާ ވިއްކާފައިވަނީ، ގަންނަ ކުއްޖާއަށް ފުރިފައިވާ އުމުރަކީ އަގުގެ ގޮތުގަ އެވެ.
މި ޕްރޮމޯޝަން އެ ކުންފުނީގެ އެމެރިކާ، ކެނެޑާގެ އިތުރުން އިނގިރޭސިވިލާތުގެ އައުޓްލެޓްތަކުގައި ކުރިއަށް ގެންގޮސްފައިވާއިރު މައްސަލަ ދިމާވީ ބެއާތައް ގަތް ކަސްޓަމަރުން ގިނަވެ، އައުޓްލެޓްތަކުން ބެއާތައް ހުސްވުމުންނެވެ. އެތައް އިރެއް ވަންދެން އެ ބެއާތައް ގަތުމަށްޓަކައި އެމީހުންގެ ދަރިން ގޮވައިގެން ގޮސް ކިއުގައި ތިބި ގިނަ ބަޔަކު އެކަމާ ނުރުހުން ފާޅު ކުރުމުންނެވެ. އިނގިރޭސިވިލާތުގެ އައުޓްލެޓަށް އެއްވެ ތިބި ކަސްޓަމަރުން މައިތިރި ނުވުމުން އެންމެ ފަހުން ޖެހުނީ ސިފައިން ގެނެސްގެން، އެ މީހުން އެ ސަރަހައްދުން ދުރަށް ޖައްސައި އައުޓްލެޓް ބަންދު ކުރާށެވެ.
ޝެރޮން މައާފައަށް އެދިވަޑައިގަތީ އެންބީސީއަށް ދެއްވި އިންޓަވިއުއެއް މެދެވެރިކޮށެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް މައާފަށް އެދެން އަޅުގަނޑުމެން ކުންފުނިން ދޭން ބޭނުންވި ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ނުދެވުމުން. އެހެންނަމަވެސް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެވޭތޯ" އިންޓަވިއުގައި ޝެރޮން ވިދާޅުވިއެވެ.
ބިލްޑް-އަ-ބެއާ ކުންފުނި އުފައްދާފައިވަނީ 1997 ވަނަ އަހަރުއެވެ. އަދި އެ ކުންފުނިން ވަނީ މިހާތަނަށް 160 މިލިއަން ޓެޑީ ބެއާ އުފައްދާފައެވެ.