ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި ބޭއްވި ކެމްޕެއިން ރެލީއަކަށް އަމާޒުކޮށް ދިން ޖާނުންފިދާވުުމުގެ ހަމަލާއެއްގައި މަދުވެގެން 128 މީހުން މަރުވެއްޖެއެވެ.
މިއީ 2014 ވަނަ އަހަރަށް ފަހު އެގައުމުގައި ބޮމުގެ ހަމަލާއެއްގައި އެއްފަހަރާ އެންމެ ގިނަ މީހުން މަރުވި ހާދިސާއެވެ. މަސްތުންގ ޓައުންގައި ދިން މި ހަމަލާގައި ލޯކަލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކުު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އިސްލާމިކް ސްޓޭޓްގެ ނަމުުގައި އުޅެމުންދާ ޖަމާއަތުން ވަނީ މި ހަމަލާއަކީ އެ ޖަމާއަތުގެ ހަމަލާއެއް ކަމަށް ބުނެފައެވެ.
މީގެ ކުރިން އުތުރުގެ ޓައުނެއް ކަމަށްވާ ބައްނޫގައި ހަަމަ މިބާވަތުގެ އެއްވުމައްގައި ބޮމުގެ ހަމަލާއެއް ދީ ހަތަރު މީހުން މަރާލާފައި ވެއެވެ.
މި ހަމަލާތައް އައިސްފައި މި ވަނީ އެ ގައުުމުގެ އާއްމު އިންތިޚާބު ޖުލައި މަހުގެ 25 އަށް ތާވަލުކުރެވިފައި ވަނިކޮށެވެ.
މީގެ އިތުރުން އެގައުމުގެ ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފް އިނގިރޭސި ވިލާތުން އެނބުރި ގައުމަށް ވަޑައިގަތުމާ އެކު ހައްޔަރުކޮށްފައި ވަނިކޮށެވެ.
ނަވާޒް ޝަރީފާއި ދަރިކަނބަލުން މަރްޔަމް ނަވާޒް ޝަރީފް ވަނީ ލާހޯރްގެ އެއަރޕޯޓަށް ޖެއްސުމާ އެކު ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯއިން ހައްޔަރުކޮށްފައެވެ.
އެ އަށް ފަހު ދެ ބޭފުޅުން ވަނީ ޗާޓަރު ފްލައިޓެއްގައި ވެރިރަށް އިސްލާމްއާބާދަށް ގެންގޮސްފައެވެ. އޭގެ ފަހުން ވަނީ އެތަނުގެ ޖަލަކަށް ބަދަލުކޮށްފައެވެ.
ތިން ދައުރެއްގައި ބޮޑުވަޒީރުކަން ކުރައްވާފައިވާ ނަވާޒް ޝަރީފް މަގާމުން ވަކިކޮށްފައި ވަނީ ކޮަރަޕްޝަނުގެ ތަހުގީގަށް ފަހު މިދިޔަ އަހަރުއެވެ. މިދިޔަ ހަފްތާގައި ނަވާޒްގެ މައްޗަށް ވަނީ ޣައިރު ހާޒިރުގައި 10 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައެވެ.
ނަވާޒް ޝަރީފް ވަނީ މި ދައުވާތަކަކީ އިންތިޚާބު ބޯމަތިވެފައިވަނިކޮށް ޕާކިސްތާނުގެ ބާރުގަދަ ސަލާމަތީ ބާރުތަކުން އޭނާއާ ދެކޮޅަށް އުފައްދައިގެން ކުރާ ދައުވާތަކެއް ކަމަށް ތުހުމަތުކުރައްވާފައެވެ.
މަސްތުންގގައި ދިން ހަމަލާގައި 150 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
މަރުވި މީހުންގެ ތެރޭގަގައި ބަލޮޗިސްތާން ޕްރޮވިންސްގެ ގާނޫނުހަދާ މަޖިލީހަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓެއް ކަމަށްވާ ސިރާޖް ރައިސާނީ ހިމެނޭ ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ. އޭނާއަކީ ބަލޮޗިސްތާން އަވާމީ ޕާޓީގެ ކެންޑިޑޭޓެކެވެ.
އައިއެސް ޖަމާއަތުން ވަނީ އެ ޖަމާއަތުން ނެރޭ ނޫހެއްގައި ހަމަލާދިނީ އެ ޖަމާއަތުން ކަމަށް ބުނެފައެވެ.
ހުކުރު ދުވަހު ދިން ބޮމުގެ ހަމަލާއަކީ ޕާކިސްތާނުގެ ޕެޝާވަރުގައި އަސްކަރިއްޔާ އިން ހިންގާ ސްކޫލަކަށް ތާލިބާނުން 2014 ވަނަ އަހަރު ހަމަލާދީ 132 ކުދިންނާ އެކު ޖުމްލަ 141 މީހުން މަރާލި ހާދިސާ އަށް ފަހު އެންމެ ގިނަ ބަޔަކު އެ ގައުމުގައި މަރުވި ހާދިސާއެވެ.