ޕާކިސްތާނަށް ވަޑައިގަތުމާއެކު އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފާއި ދަރިކަނބަލުން މަރިޔަމް ނަވާޒު ހައްޔަރު ކޮށްފިއެވެ.
އަނބިކަނބަލުން ކުލްސޫމް ނަވާޒުގެ ހާލު ކޮޅު ސީރއަސްވުމާއި ގުޅިގެން ނަވާޒު ލަންޑަނަށް ވަޑައިގެންނެވީ މަރިޔަމް އާއެކީގައެވެ. ކެންސަރާ ހަނގުރާމަ ކުރަމުންދާ ކުލްސޫމް މިވަގުތު އޮންނެވީ ލަންޑަންގެ ހޮސްޕިޓަލެއްގެ އައިސީޔޫގައެވެ.
އެވެންފީލްޑް ރެފަރެންސް މައްސަލާގައި ހުކުމް ކޮށްފައިވާ ނަވާޒާއި މަރިޔަމް ހައްޔަރު ކުރުމަށްފަހު ފުރަތަމަ ގެންދާނީ އަދިއާލާ ޖަލަށެވެ. އެއަށްފަހު ސިހަލަ ޕޮލިސް ޓްރެއިނިން ރެސްޓް ހައުސްއަށް ބަދަލު ކުރާނެކަމަށް ޚަބަރުތައް ބުނެއެވެ.
ނަވާޒު ޝަރީފު 10 އަހަރަށް ޖަލަށް ލުމަށާއި، 8 މިލިއަން ޕައުންޑުން ޖޫރިމަނާ ކުރުމަށް އަދި މަރިޔަމް 7 އަހަރަށް ޖަލަށް ލުމަށާއި، 2 މިލިއަން ޕައުންޑުން ޖޫރިމަނާ ކުރުމަށް އަދި ލިޔެކިއުންތައް އޮޅުވާލި މައްސަލައިގައި މަރްޔަމްށް އެއް އަހަރަށް ޖަލަށް ލުމަށް އެ ގައުމުގެ އެކައުންޓެބިލިޓީ ކޯޓުން މިދިޔަ ހުކުރު ދުވަހު ވަނީ ހުކުމް ކޮށްފައެވެ. މީގެ އިތުރުން މަރިޔަމްގެ ފިރިކަލުން މުޙައްމަދު ސަފްދަރު އެއް އަހަރަށް ޖަލަށްލުމަށާއި، މަރްޔަމް އާއި ސަފްދަރު އިންތިޚާބުކުރެވޭ އެއްވެސް މަގާމަކަށް 10 އަހަރު ވަންދެން ކުރިމަތިނުލެވޭނެގޮތަށް ހެދުމަށްވެސް ހުކުމުގައި ވެއެވެ. މި މައްސަލައިގައި ނަވާޒު ޝަރީފާއި މަރިޔަމާއި 100 ވަރަކަށް ފަހަރު ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯއިން ސުވާލުކޮށްފައިވާ ކަމަށް ވެއެވެ.
ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތުގައި ނަވާޒް ޝަރީފުގެ ނަން ހިމަނާފައި ނެތެވެ. މަޝްހޫރު ޕެނަމާ ޕޭޕަރުތަކުގެ ޒަރީއާއިން ލީކުވެފައިވާ މައުލޫމާތުގައި ނަވާޒް ޝަރީފްގެ ބޭފުޅުންވަނީ އޮފްޝޯ ކުންފުންޏެއް ރަޖިސްޓަރީކޮށް މާލީ ބޮޑެތި ފައިދާތަކެއް ހޯއްދަވާފައެވެ. ލީކު ވެފައިވާ ޕެނަމާ ޕޭޕަރު ތަކުގައިވާ ގޮތުން ނަވާޒް ޝަރީފް ބޭފުޅުންވަނީ ބްރިޓިޝް ވާޖިން އައިލެންޑްސްގައި ކުންފުންޏެއް ރަޖިސްޓަރީކޮށް އެ ކުންފުނިން އިނގިރޭސިވިލާތުން އިމާރާތްތައް ބައްލަވައި ގަނެފައެވެ. އެ މައްސަލައިގައި ނަވާޒު ޝަރީފާއި އެނާގެ އާއިލާގެ މައްޗަށް ވަނީ ތަހުގީގު ހިންގާފައެވެ.