އެމެރިކާ އާއި އިނގިރޭސިވިލާތުގެ ގުޅުމަކީ "އެންމެ މަތީ ލެވެލްގެ ހާއްސަ ގުޅުމެއް" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި ބުރާސްފަތި ދުވަހު ރައީސް ޓްރަމްޕް އެގައުމަށް ވަޑައިގެންފައިވާއިރު، ބޮޑު ވަޒީރު ތެެރީސާ މޭ އާ ހުކުރު ދުވަހު ބައްދަލު ކުރައްވައި ވިދާޅުވީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމަކީ "ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި" އީޔޫ އިން އިނގިރޭސިވިލާތް ވަކިވުމަށް ނިންމުމާއި ގުޅިގެން "އިނގިރޭސި ވިލާތުން ކުރި ކޮންމެ ކަމެއް އެމެރިކާ އަށް ރަނގަޅު ކަމަށެވެ." ރައީސް ޓްރަމްޕް މިހެން ވިދާޅުވުމުގެ ކުރިން އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ "ސަން" އަށް ވިދާޅުވެފައި ވަނީ ވިދާޅުވެފައި ވަނީ އިނގިރޭސިވިލާތް، އީޔޫ އިން ވަކިވުމާ ގުޅޭ ތެރީސާ މޭ ގެ، ޕްލޭން އަކީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ވިޔަފާރީގެ ޑީލް އެއް ނެތިގެންދާނެ ފަދަ ކަމެއް ކަމަށެވެ.
ތެރީސާ މޭ ވިދާޅުވީ އެމެރިކާ އާ އެކު "ވަރަށް އުންމީދީ" ޓްރޭޑް އެގްރީމެންޓެއްގެ ޕްލޭނަކަށް އެމެރިކާގެ ރައީސް އާ އެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ރައީސް ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ މަގުތަކުގައި ރައީސް ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް ބަޔަކު ދަނީ މުޒާހަރާވެސް ކުރަމުންނެވެ.
ރައީސް ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވަނީ "ވާރކިން ވިޒިޓެކެވެ." އެމަނިކުފާނު އިނގިރޭސި ބޮޑު ވަޒީރުގެ އިތުރަށް، އިނގިރޭސި ވިލާތުގެ ވިޔަފާރިވެރިންނާއި އިނގިރޭސި ރާނީ ކްއީން އެލިޒަބަތު އާ ވެސް ބައްދަލު ކުރައްވާނެއެވެ.
އިނގިރޭސިވިލާތަށް ރައީސް ޓްރަމްޕް ކުރައްވާ ދަތުރުފުޅުގައި ބުރާސްފަތި ދުވަހާއި ހުކުރު ދުވަސް ހޭދަ ކުރައްވާނީ އިންގްލެންޑުގައެވެ. އަދި އެއަށް ފަހު ވަޑައިގަންނަވާނީ ސްކޮޓްލެންޑަށެވެ. ރައީސް ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވަނީ "ސްޓޭޓް ވިޒިޓެއް" ނޫން ކަމުން ރައީސް ޓްރަމްޕް ހުންނަވާނީ ލަންޑަނުގައި، އެމެރިކާ އިން އިގިރޭސިވިލާތަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރުގެ އަރިހުގައެވެ.