ސްޕެއިން ހައްޔަރު ކުރަން އަމުރު ނެރެފައިވާ ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލްސް ޕުއިޖްޑެމޮންޓް، ސްޕޭނަށް ފޮނުވާލުމުގެ ހުއްދަ ދޭން ޖަރުމަނުގެ ކޯޓަކުން ބުރާސްފަތި ދުވަހު ނިންމައިފިއެވެ.
ސްޕޭންގެ ބެލުމުގެ ދަށުގައިވާ ކެޓަލޯނިއާގެ މިނިވަންކަން މިދިޔަ އަހަރު ޕުއިޖްޑެމޮންޓް އިއުލާން ކުރެއްވުމުން، ސްޕޭންގެ ސަރުކާރު ހިތްހަމަނުޖެހި އޭނާއާ ދެކޮޅަށް ފިޔަވަޅުތައް އަޅައި ހައްޔަރު ކޮށްފާނެ ކަމުގެ ބިރު ހީވުމުން ވަނީ ބެލްޖިއަމުން ސިޔާސީ ހިމާޔާތް ހޯއްދަވައި އެގައުމަށް ވަޑައިގެންފައެވެ. ނަމަވެސް މި އަހަރު މާޗު މަހު އޭނާ ވަނީ ޑެންމާކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ވަޑައިގަންނަވަނިކޮށް ޖަރުމަނުގެ އުތުރު ހިސާބަކުން ހައްޔަރު ކޮށްފައެވެ.
ޖަރުމަނުގެ އުތުރުގެ ޝްލެސްވިގް-ހޯލްސްޓެއިންގެ ކޯޓަކުން ޕުއިޖްޑެމޮންޓް ސްޕޭނަށް ފޮނުވާލުމުގެ ހުއްދަ ދިނީ ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް އެ ގައުމުން ހައްޔަރު ކުރަން ނެރެފައިވާ އަމުރުގައި ވާތީއެވެ. އަދި އެ އަމުރުގައި ކެޓަލޯނިއާގެ މިނިވަންކަން އިއުލާންކުރި މައްސަލަ ހިމެނިފައެއް ނުވެއެވެ.
ޕުއިޖްޑެމޮންޓްގެ ގާނޫނީ ޓީމުން ބުނީ އަމުރު އިސްތިއުނާފް ކުރުމަށް ހުށަހަޅާނެ ކަމަށެވެ.