ދެކޮރެއާގެ ދެމެދުގައި 1950-1953 ވަަނަ އަހަރަށް ކުރެވުނު "ކޮރެއާ ހަނގުރާމަ" އިގައި މަރުވި އެމެރިކާ ސިފައިން ގައުމަށް އެނބުރި ފޮނުވުމާ ގުޅޭގޮތުން ދެކޮރެއާ ބޯޑަރު ސަރަހައްދުގައި އެމެރިކާ އާއި އުތުރު ކޮރެއާގެ އޮފިޝަލުން ބާއްވަން ހަމަޖެހުނު ބައްދަލުވުމަށް ބުރާސްފަތި ދުވަހު އުތުރު ކޮރެއާގެ އޮފިޝަލުން ހާޒިރުވެފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޖޫން 12 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ބޭއްވި ބައްދަލުވުމުގައި އުތުރު ކޮރެއާގެ ލީޑަރު ވަނީ "ކޮރެއާ ހަނގުރާމަ" އިގައި މަރުވެ ދިޔަ އެމެރިކާގެ ސިފައިން ގައުމަށް ފޮނުވުމަށް އެއްބަސްވެވަޑައިގެންފައެވެ. ދާދިފަހުން އުތުރު ކޮރެއާ އަށް ވަޑައިގެންނެވި އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވަނީ "ކޮރެއާ ހަނގުރާމަ" އިގައި މަރުވެ ދިޔަ އެމެރިކާގެ ސިފައިން ގައުމަށް ފޮނުވުމާ ބެހޭގޮތުން އެމެރިކާ އާއި އުތުރު ކޮރެއާގެ އޮފިޝަލުން މަޝްވަރާ ކުރައްވަން ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.
ނަންހާމަނުކުރުމަށް ޝަރުތުކޮށް އެމެރިކާގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ދެކޮރެއާ ބޯޑަރު ސަރަހައްދުގައި އެމެރިކާ އާއި އުތުރު ކޮރެއާގެ އޮފިޝަލުން ބާއްވަން ހަމަޖެހުނު ބައްދަލުވުމަށް އުތުރު ކޮރެއާގެ އަސްކަރިއްޔާގެ އޮފިޝަލުން ވަޑައިނުގަންނަވާ ކަމަށެވެ.
"ކޮރެއާ ހަނގުރާމަ" އިގައި މަރުވި ބައެއް އެމެރިކާ ސިފައިންގެ ހަށިގަނޑު އުުތުރު ކޮރެއާ އިން ވޭތުވެދިޔަ އަހަރުތަކުގައި ހަވާލު ކޮށްފައިވެއެވެ. "ކޮރެއާ ހަނގުރާމަ" އިގައި މަރުވި 5300 އެމެރިކާ ރައްޔިތުންގެ ހަށިގަނޑަށް ވީގޮތެއް އަދި ނޭނގެއެވެ.
އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު، އެމެރިކާ އާއި އަދި ބައިނަލްއަގްވާމީ މުޖުތަމައު އިން އަޅާފައި ވެއެވެ. އެމެރިކާ އިން ތަކުރާރުކޮށް ބުނަމުން ދަނީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ އެމެރިކާއަށާއި އަދި މުޅި ދުނިޔެ އަށް ވެސް ހުރި ބިރެއް ކަމަށެވެ. އުތުުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް ބާރުއެޅުމުގެ ގޮތުން ޖޫން 12 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވަނީ ބައްދަލުވުމެއް ބާއްވަވާފައެވެ. މި ބައްދަލުވުން ބޭއްވުމަށް އެންމެ ބޮޑަށް ޑިޕްލޮމަސީ ކުރިއަށް ނެރެ މަސައްކަތް ކޮށްދިން ގައުމަކީ ދެކުނު ކޮރެއާއެވެ.