ކ. މާލެ
|
12 ޖުލައި 2018 | ބުރާސްފަތި 11:19
11 ޖުލައި 2018 ނޭޓޯގެ ބައްދަލުވުމުގެ ފުރަތަމަ ދުވަހު ގައުމުތަކުގެ ލީޑަރުން
11 ޖުލައި 2018 ނޭޓޯގެ ބައްދަލުވުމުގެ ފުރަތަމަ ދުވަހު ގައުމުތަކުގެ ލީޑަރުން
އޭއެފްޕީ/ގެޓީ
ނޭޓޯ ސަމިޓް
ނޭޓޯ ސަމިޓް: ދެވަނަ ދުވަހުގެ ވާހަކަތައް އަފްޣާނިސްތާނަށް އަމާޒުކުރެވޭތޯ ބަލަނީ
އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ މިއަދުގެ ބައްދަލުވުމަށް ވަޑައިގަންނަވާނެ
ފުރަތަމަ ދުވަހުގެ ބައްދަލުވުމުގައި ގިނައީ ރައީސް ޓްރަމްްޕްގެ ޝަކުވާތައް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޑިމާންޑްތައް ގިނަވެފައި އޮތް ނޭޓޯ ސަމިޓްގެ ދެވަނަ ދުވަހު ގައުމުތަކުގެ ލީޑަރުންގެ ފޯކަސް އަފްޣާނިސްތާނަށް ބެހެއްޓެވުމަށް އަމާޒުކުރައްވައިފިއެވެ.

ރައީސް ޓްރަމްޕް ބުދަ ދުވަހު ވަނީ ނޭޓޯގެ ބައިވެރިންގެ ކިބައިން އެ ގައުމުތަކުގެ އައުޓްޕުޓް ޖީޑީޕީގެ ހަތަރު އިންސައްތައަކީ އަސްކަރިއްޔާއަށް ކުރާ ހޭދަ ކަމަށް ހެއްދެވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ރައީސް ޓްރަމްޕް ވަނީ ޖަރުމަނުން ދިފާއީ ދާއިރާއަށް ކުރާ ހޭދައާ ބެހޭ ގޮތުން ފާޑުވިދާޅުވެ ވަކިން އެ ގައުމު ފާހަގަކުރައްވާފައެވެ.

ނޭޓޯގެ ލީޑަރުން އުއްމީދު ކުރައްވަނީ ރައީސް ޓްރަމްޕް ބުރާސްފަތި ދުވަހު އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވުމުގެ ކުރިން ބައްދަލުވުމުގައި އެއްބަސްވެވޭ ކަންތައްތަކެއް ފެނިގެންދާނެ ކަމަށެވެ. ނަމަވެސް ބްރަސަލްގައި ހުންނަވައި ދަންވަރު ކުރެއްވި ޓްވީޓްގައި ވެސް ޓްރަމްޕް ވަނީ އެ މަނިކުފާނު ފާޑުވިދާޅުވާ ފާޑުވިދާޅުވުން ތަކުރާރުކުރައްވާފައެވެ.

ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ މިދިޔަ އަހަރު ނޭޓޯ ބައްދަލުވުމަށް އެ މަނިކުފާނު ވަޑައިގެން އެ މަނިކުފާނު އެދިވަޑައިގަތުމުގެ މަތީން ގައުމުތަކުން އެތައް ބިލިއަން ޑޮލަރެއް ޚަރަދުކޮށްފައިވާ ކަމަށެވެ  ނަމަވެސް އެއީ ފުދޭ މިންވަރެއްތޯ އެމަނިކުފާނު އައްސަވާފައިވެއެވެ.

މީގެ ކުރިން ޓްރަމްޕް ވަނީ ރަޝިއާ އިން ޖަރުމަނަށް ނެޗުރަލް ގޭސް އެތެރެކުރުމަކީ ސަލާމަތީ ގޮތުން ކަންބޮޑުވާ ކަމެއް ކަމަށް ވެސް ވިދާޅުވެފައެވެ.

ރައީސް ޓްރަމްޕް ވިދާޅުވާ ގޮތުން ޖަރުމަނުގެ ހަކަތައިގެ ދާއިރާ އެކީގައި ކަހަލަ ގޮތަކަށް ކޮންޓްރޯލް ކުރަނީ މޮސްކޯއިންނެވެ.

އީޔޫގެ ހިސާބުތަކުން ދައްކާ ގޮތުގައި ޖަރުމަނަށް އެތެރެކުރާ ނެޗުރަލް ގޭހުގެ %50 އާއި %75 އާ ދެމެދުގެ އަދަދަކީ ރަޝިއާ އިން އެތެރެކުރާ ގޭހެވެ. ނަމަވެސް ޖަރުމަނުގައި ހަކަތަ އުފެއްދުމަށް ގެންގުޅޭ އެކި ގޮތްގޮތަށް ބަލާއިރު ގޭސް ހިއްސާ ކުރަނީ އެންމެ20%  އެވެ.

ބުރާސްފަތި ދުވަހަކީ ނޭޓޯގެ ބައްދަލުވުމުގެ ދެވަނަ ދުވަސް ކަމަށްވާއިރު އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ބައްދަލުވުމަށް ވަޑައިގަންނަވާނެއެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބަރގް އުއްމީދުކުރައްވާ ގޮތުގައި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކަށް 2024 ވަނަ އަހަރުގެ ނިޔަލަށް ފަންޑުކުރުމަށް ނޭޓޯގެ ގައުމުތަކުން އެއްބަސްވާނެއެވެ.

އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ މިހާރު ވެސް ވަނީ އިނގިރޭސި ވިލާތުން އިތުރު 440 ސިފައިން އަފްޣާނިސްތާނަށް ފޮނުވާނެކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އެ ގައުމުގެ ސިފައިން ކުރިމަތިލުންތަކުގައި ބައިވެރިނުވާނައެވެ.

އެމެރިކާއިން ވެސް އަފްޣާނިސްތާނަށް 3،000 ސިފައިން ފޮނުވުމަށް 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެއްބަސްވެފައިވާއިރު އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިންގެ އަދަދު 15،000 އަށް އަރާނެއެވެ.

 

- ކޮމެންޓް