ޖަޕާނަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި އެ ގައުމުގެ ހުޅަނގުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ބިންގަޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު މަދުވެގެން 176 އަށް އަރާ ކަމަށް އެ ގައުމުގެ ކެބިނެޓް ސެކްރެޓަރީ ޔޮޝީޑޭ ސޫގާ ވިދާޅުވެއްޖެއެވެ.
މި ހާދިސާތަކުގައި އިތުރު ނުވަ މީހަކު ވަނީ ގެއްލިފައެވެ.
މިއީ 2011 ވަނަ އަހަރު އެ ގައުމަށް އައި ބިންހެލުމަށް ފަހު ގުދުރަތީ ކާރިސާއެއްގައި އެންމެ ގިނަ މީހުން މަރުވި ފަހަރެވެ. އަދި މިއީ ވޭތުވެ ދިޔަ ތިރީހަށް ވުރެ ގިނަ އަހަރުގެ ތެރޭގައި އެ ގައުމުގައި ވާރޭ ވެހި ފެން ބޮޑުވެގެން އެންމެ ގިނައިން މީހުން މަރުވި ފަހަރެވެ.
އެތައް ބަޔަކު ގެއްލިފައިވާ އިރު މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން ދަނީ ކުނިބުންޏާއި ކިސަޑުގެ ތެރެއިން ދިރި ހުއްޓައި މީހަކު ފެނޭތޯ ކޮންނަމުންނެވެ.
މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް 75،000 މީހުން ވަނީ ނެރެފައެވެ. ސޫގާ ވަނީ ކުރިޔަށް އޮތް ވަގުތުތަކުގައި ބިންގަޑު ކަނޑައިގެން ދިއުމުގެ ނުރައްކަލާ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު ދެއްވާފައެވެ.
ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ގެންދަވަނީ ފެންބޮޑުވުމުގައި ގެއްލުން ލިބުނު ސަރަހައްދުތަކަށް ޒިޔާރަތްކުރައްވައި އެތަންތަން ބައްލަވާލައްވަމުންނެވެ. ބުދަ ދުވަހު ހެނދުނު ހެލިކޮޕްޓަރުގައި އަބޭ ވަޑައިގެންފައި ވަނީ ފެންބޮޑުވުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ޕްރިފެކްޗަރ ކަމަށްވާ އޮކަޔާމާއަށެވެ.
ކޯރުގެ ފެންގަނޑު ބޮޑުވުމާ އެކު އެ ސަރަހައްދުގެ ދެ މިލިއަނެއްހާ ރައްޔިތުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.
ބޮޑުވަޒީރު ޝިންޒޯ އަބޭ ވަނީ ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްތަކެއް ކުރެއްވުމަށްޓަކައި ގައުމުން ބޭރަށް ކުރައްވަން އޮތް ދަތުރުފުޅު ވެސް ކެންސަލް ކުރައްވާފައެވެ.
ބުރާސްފަތި ދުވަހުން ފެށިގެން ޖަޕާނުގެ ހުޅަނގުގެ ސަރަހައްދުތަކަށް ވާރޭ ވެހިފައިވާ މިންވަރަކީ އާއްމުކޮށް މުޅި ޖުލައި މަހު ވެހޭ މިންވަރުގެ ތިންގުނައެވެ.
ވެރިރަށް ޓޯކިޔޯގެ ހުޅަނގުން 600 ކިލޯމީޓަރު ދުރުމިނުގައި އޮންނަ މޮޓޮޔާމާ ޓައުންއަށް ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން ހޮނިހިރު ދުވަހުގެ ހެނެދުނާ ހަމައަށް 583 މިލިމީޓަރގެ ވާރޭ ވެހިފައިވެއެވެ.