ކ. މާލެ
|
11 ޖުލައި 2018 | ބުދަ 12:01
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް - ބޮޑު މަހުޖަނެއް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް - ބޮޑު މަހުޖަނެއް
ގޫގުލް
ރައީސް ޓްރަމްޕް
ޓްރަމްޕްގެ ކުރީގެ ޑްރައިވަރަށް އިތުރުގަޑީގެ ފައިސާ ނުލިބި އޮތް މައްސަލަ ކޯޓަށް!
ޑްރައިވަރު ބުނަނީ ބަދަލެއްގެ ގޮތުން ދެ ލައްކަ ޑޮލަރު ލިބެން ޖެހޭ ކަމަށް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ އަމިއްލަ ޑްރައިވަރަށް އިތުރު ގަޑީގެ ފައިސާ ނުދެއްވާ އޮތް މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.

އެމެރިކާގެ ރައީސްއަކީ ވެރިކަމަށް ވަޑައިގެންނެވި އިރުވެސް މުއްސަނދި ބިލިއަނަރެކެވެ.

މައްސަލަ ފެންމަތި ކުރި މީހަކީ ޓްރަމްޕްގެ ޑްރައިވަރެއްގެ ގޮތުގައި ފަންސަވީސް އަހަރު ޚިދުމަތް ކޮށްފައިވާ ނޮއެލް ސިންޓްރޮން ނަމަކަށް ކިޔާ މީހެކެވެ.

އޭނާ ބުނެފައިވަނީ ފާއިތުވި ހަ އަހަރުގެ ތެރޭގައި އިތުރުގަޑީގެ ގޮތުގައި މަސައްކަތްކޮށް ފައިސާ ނުލިބޭ ތިން ހާސް ތިން ސަތޭކަ ގަޑީއިރު އެބައޮތް ކަމަށެވެ.

އިތުރު ގަޑީގެ ފައިސާ ނުލިބުމުގެ މައްސަލަ ޓްރަމްޕްގެ ޑްރައިވަރު ކޯޓަށް ހުށަހެޅި އިރު، ޓްރަމްޕްގެ ކުންފުނިން ފައިސާ ނުދައްކައިގެން ނުވަތަ ހަމަޔަށް ފައިސާ ނުދީގެން މީގެ ކުރިންވެސް އެތައް ފަރާތްތަކަކުން މައްސަލަ ޖައްސާފައިވާކަން ފާހަގަ ކުރެވެއެވެ.

ހުސްވި އަހަރު އެމެރިކާގެ އެޕީލް ކޯޓަކުން ވަނީ ބައްތިރީސް ހާސް ޑޮލަރަށް ވުރެ ގިނަ ފައިސާ ހިމެނޭ މައްސަލައެއް މައްސަލަ ހުށަހެޅި ފަރާތާ އެއްކޮޅަށް ނިންމާފައެވެ. އެއީ ފްލޮރިޑާގައި އޮންނަ ރައީސް ޓްރަމްޕްގެ ގޮލްފް ކޯސްގެ މަސައްކަތްތަކެއް ކުރުވި ބަޔަކަށް ފައިސާ ނުދީ އޮތް މައްސަލައެއްގައެވެ.

ޓްރަމްގެ ޑްރައިވަރު ބުނެފައިވަނީ، ކޮންމެ ދުވަހަކު ހެނދުނު ހަތެއް ޖަހާއިރު ވަޒީފާއަށް ނުކުންނަން ޖެހޭ ކަމަށާއި މަސައްކަތް ނިންމާލެވެނީ ޓްރަމްޕް އާއި އާއިލާއިން ދެން އިތުރަށް އެދުވަހު ކުރައްވާނެ އިތުރު ދަތުރެއް ނެތުމާ ހަމައިން ކަމަށެވެ. އެ ގޮތުން ހަފްތާއަކު ފަންސާސް ފަސް ގަޑީއިރު މަސައްކަތް ކުރަން ޖެހުނު ކަމަށް އޭނާ ބުނެފައިވެއެވެ. އެކަމަކު އޭނާ ބުނާގޮތުން ހަމައެކަނި ލިބިފައިވަނީ ކޮންމެ މަހަކުވެސް އެ މަހެއްގެ މަހު މުސާރަ އެކަންޏެވެ.

ސިންޓްރޮން ބުނެފައިވަނީ އިތުރުގަޑި ނުލިބުނު އިރު، އެންމެ ފަހުން ފާއިތުވި ބާރަ އަހަރުގެ ތެރޭގައި މުސާރައިގެ ކުރިއެރުމެއްވެސް ނުލިބޭ ކަމަށެވެ.

ސިންޓްރޮން ވަނީ ޓްރަމްޕް ވެރިކަމަށް ވަޑައިގަތުމުން، އެމެރިކާގެ ސީކްރެޓް ސާވިސް އިން ޚިދުމަތް ދިނުމަށް ފެށުމާ ހަމައަށް ޓްރަމްޕްގެ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

ނިއުޔޯކުގެ ސްޕްރީމް ކޯޓަށް ސިންޓްރޮން ޓްރަމްޕް އޮގައިނައިޒޭޝަން އާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި އޭނާ ބޭނުންވަނީ ބަދަލެއްގެ ގޮތުން ދެ ލައްކަ ޑޮލަރު ހޯދުމަށެވެ.

- ކޮމެންޓް