މަސްތުވާތަކެތި ޓްރެފިކް ކުރާ ފަރާތްތަކަށް މަރުގެ އަދަބު ތަންފީޒު ކުރުމަށް ސްރީލަންކާގެ ކެބިނެޓުން އަންގާރަ ދުވަހު ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ބުއްދާސަނާ ގަމިނީ ޖަޔަވިކްރަމަ ޕެރޭރާ ވިދާޅުވެއްޖެއެވެ.
މަރުގެ އަދަބު ތަންފީޒު ކުރެވޭނެ ފަރާތްތަކުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި މިހާރު މަރުގެ ހުކުމް އިއްވުމަށްފަހު ޖަލުގައި ތިބި ފަރާތްތައްވެސް ހިމެނެއެވެ.
މީޑިއާއާއި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މަރުގެ އަދަބު ދިނުމަކީ ވޭތުވެ ދިޔަ ފަނަރަ އަހަރުވެސް ކުރަން ޖެހޭނެ ކަމެއްކަމަށެވެ.
ކެބިނެޓުން މި ނިންމުން ނިންމާފައިވަނީ މަސްތުވާތަކެތި ޓްރެފިކް ކޮށްގެން މަރުގެ ހުކުމް އިއްވައި މިހާރުވެސް ޖަލަށްލާފައިވާ ފަރާތްތަކުން ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި އެތެރެކުރުމަށް ރާވާފައި ހުރި ރޭވުންތަކާއި ދާދި ފަހުން ހިނގާފައިވާ މަރުގެ މައްސަލަތަކާއި ގުޅިގެންނެވެ.
ކެބިނެޓް މިނިސްޓަރުންގެ ފުރިހަމަ ތާއީދާއިއެކު ރައީސް މައިތިރިޕާލާ ސިރިސެނާ ވަނީ މަރުގެ އަދަބު ތަންފީޒުކުރުމަށް ބިލެއް ޑްރާފްޓް ކުރުމަށް ޖަސްޓިސް އެންޑް ޕްރިޒަންސް ރިފޯމް މިނިސްޓަރއަށް އަންގަވާފައެވެ.