ތުރުކީވިލާތުގައި ޑިމޮކްރަސީ ހަރުދަނާކުރައްވައި، އެޤައުމަށް ހުރިހާ ގޮތަކުން ކުރިއެރުން ގެނެސްދެއްވާނެކަމަށް އައު ދައުރަކަށް އިތުރު ބާރުތަކަކާއިއެކު ހުވައި ކުރެއްވި ރައީސް ރަޖަބް ތައްޔިބު އޮރްދޮޣާން ވައުދުވެވަޑައިގެންފިއެވެ.
އައު ދައުރުގެ ހުވައި ކުރެއްވުމަށްފަހު ވެރިރަށް އަންކާރާގައި ރިޔާސީ ގަނޑުވަރުގައި ރައްޔިތުންނާއި މުޚާޠަބުކުރައްވައި ވާހަކަ ދައްކަވަމުން އޮރްދޮޣާން ވިދާޅުވީ ތުރުކީވިލާތް މިފެށި އައު ދައުރުގައި ޑިމޮކްރަސީގެ އިތުރުން އިންސާނީ ހައްޤުތަކުގެ ޙާލަތާއި، އަސާސީ ހައްޤުތަކުގެ އިތުރުން ފަރުދީ މިނިވަންކަމާއި، އިޤްތިޞާދު ކުރިއަރައިގެންދާނެކަމަށެވެ. އަދި ބޮޑެތި އިންވެސްޓްމަންޓްތައް ގެންނަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްކަމުގައި ނުވަތަ ބޮޑުވަޒީރުކަމުގައި މިދިޔަ 15 އަހަރު ތުރުކީވިލާތުގައި ވެރިކަންކުރެއްވި އޮރްދޮޣާން ހޯމަ ދުވަހު މަޤާމުގެ ހުވައިކުރެއްވީ އެގްޒެކެޓިވް ޕްރެޒިޑެންޓްގެ ގޮތުގައެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހު ތުރުކީވިލާތުގައި ނެގުނު ޚިޔާލު ހޯދުމުގެ ވޯޓެއްގައި އެޤައުމުގެ ރައްޔިތުން ވަނީ ބަރުލަމާނީ ނިޒާމު ދޫކޮށް، އެގްޒެކެޓިވް ޕްރެޒިޑެންސީއަކަށް ދިޔުމަށް ރުހުން ދީފައެވެ.
ބައިނަލްއަޤްވާމީ މުޖްމަތައުން ވަނީ މިފަދަ ނިޒާމެއްގައި ސަރުކާރުގެ އަމަލުތަކަށް ފާރަވެރިވެވޭނެ ނިޒާމެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންނަމަވެސް އޮރްދޮޣާން ވިދާޅުވީ މީގެ ކުރިން އޮތް ނިޒާމުގެ ސަބަބުން ތުރުކީވިލާތުގެ ރައްޔިތުން ދައްކަން ޖެހުނު ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ އަގު ވަރަށް ބޮޑުކަމަށާއި، މިހާރު ބަަލައިގެންފައިވާ ނިޒާމުގެ ސަބަބުން ސުލްހަވެރިކަމާއިއެކު ތުރުކީވިލާތަށް ކުރިއަށް ދިޔުމަށް މަގު ފަހިވެއްޖެކަމަށެވެ.
އޮރްދޮޣާން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ވާނީ ހަމައެކަނި އެމަނިކުފާނަށް ތާޢީދުކުރާ ރައްޔިތުންގެ ސަރުކާރަކަށް ނޫންކަމަށާއި، ތުރުކީވިލާތުގެ އާބާދީގައި ހިމެނޭ 81 މިލިއަން ރައްޔިތުންގެ ސަރުކާރަކަށްކަމަށެވެ.
ވެރިކަމުގެ ހުވައި ކުރެއްވުމަށްފަހު އޮރްދޮޣާން ވަނީ ތުރުކީވިލާތުގެ އައު ކެބިނެޓް އިއުލާންކުރައްވާފައެވެ. ބާރުގަދަ މަޤާމުތަކަށް ބަލާއިރު ޚާރިޖީ ވަޒީރު މެވްލޫތު ކަވުސެގްލޫ އާއި ދާޚިލީ ވަޒީރު ސުލެއިމާން ސޮއެލޫ ވަނީ އެމަޤާމުތަކުގައި ތިއްބަވާ ގޮތަށް ހަމަޖައްސާފައެވެ. އަދި އޮރްދޮޣާންގެ ދަނބިދަރިކަލުން ބެރާތު އަލްބައިރާކް ވަނީ މާލީ ވަޒީރުކަމަށް ހަމަޖައްސަވާފައެވެ. އެހެން މަޤާމުތަކަށް އައްޔަން ކުރައްވާފައިވާ ގިނަ ބޭފުޅުންނަކީ އެކި ޖަމާޢަތްތަކުގެ ވެރިންނާއި ވިޔަފާރިވެރިންނާއި ގާތް މުޝީރުންނެވެ.