ކ. މާލެ
|
10 ޖުލައި 2018 | އަންގާރަ 14:38
ރަނިންގމޭޓު ކަމުގެ ފޯމް ޖޭޕީގެ ސެކްޓްރީ ޖެނެރަލް އަހުމަދު ސަމީރުއާ އެ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ އަމީން ހަވާލުކުރައްވަނީ
ރަނިންގމޭޓު ކަމުގެ ފޯމް ޖޭޕީގެ ސެކްޓްރީ ޖެނެރަލް އަހުމަދު ސަމީރުއާ އެ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ އަމީން ހަވާލުކުރައްވަނީ
ސިމާހާ ނަސީމް
ކޯލިޝަންގެ ރަނިންގމޭޓް
ރަނިންގމޭޓު ކަމަށް ޖޭޕީގެ ފަރާތުން އަމީން ކުރިމަތިލައްވައިފި
އެންމެ ފުރަތަމަ ކުރިމަތިލި ކެންޑިޑޭޓަކީ އަމީން
ޖޭޕީގެ އިތުރު މެމްބަރުން ވެސް ރަނިންގމޭޓު ކަމަށް ކުރިމަތިލެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައިވޭ

ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ނެރޭ ރަނިންގމޭޓު ކަމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ އަމީން ކުރިމަތިލައްވައިފިއެވެ.

އަންގާރަ ދުވަހު މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވަނީ ރަނިންގމޭޓު ކަމުގެ ފޯމް ޖޭޕީގެ ސެކްޓްރީ ޖެނެރަލް އަހުމަދު ސަމީރުއާ ހަވާލުކުރައްވާފައެވެ.

އަމީން ވިދާޅުވީ އޭނާ މި މަޤާމަށް ކުރިމަތިލެއްވުމުގެ މަޤްސަދަކީ އެހެން ސިޔާސީ ފަރާތްތަކާއި ގުޅިގެން ރާއްޖެއަށް ގެންނަންޖެހޭ ސިޔާސީ ބަދަލުތައް ގެނައުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ކަމަށާއި މި ފަސް އަހަރު ރާއްޖެއަށް ކުރިމަތިވެފައިވާ އަނިޔާވެރިކަމުން ޤައުމު ސަލާމަތް ކުރުމުގެ މަޤްސަދުގައި ކަމަށެވެ.

"ޤާސިމް އިބްރާހީމް ދިވެހި ޤައުމާއިމެދު ދެކޭ ތަސައްވަރު ހަޤީޤަތަކަށް ހެދުމަށްޓަކައި ކޯލިޝަން ތެރެއިން ވަރުގަދަ މަސައްކަތްތަކެއް ކުރުމަކީ އަޅުގަނޑު އިސްނެގި އެއް ސަބަބު،" އަމީން ވިދާޅުވިއެވެ.

އަމީން އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތްކަމުގައިވީ ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ބަލިކުރެއްވުމަށާ ރާއްޖޭގައި އައު ވެރިކަމެއް ޤާއިމުކުރުމަށް އޭނާ ދެމިހުންނަވާނެ ކަމަށެވެ.

ގުޅިފައިވާ ޕާޓީތަކުން އެއްބަސްވެފައި ވަނީ ރިޔާސީ ކެންޑިޑޭޓް އެމްޑީޕީން، އަދި ރަނިންގ މޭޓް ޖުމްހޫރީ ޕާޓީ އިން ނެރުމަށެވެ. އަދި ޖުމްހޫރީ ޕާޓީން މީގެ ކުރިން ބުނެފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު ރަނިންގމޭޓް އިއުލާން ކުރާނެ ކަމަށެވެ. އެހެން ނަމަވެސް މި މަހުގެ 13 ވާ ހުކުރު ދުވަހުގެރޭ ރަނިންގ މޭޓް އިއުލާން ކުރުން އަވަސްކުރުމަށް ހޯމަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ޖޭޕީގެ އިތުރު މެމްބަރުން ވެސް ރަނިންގމޭޓު ކަމަށް ކުރިމަތިލެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ މެމްބަރުންގެ ނަންތަކެއް ސަމީރު ހާމައެއް ނުކުރައްވައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް