ކ. މާލެ
|
4 އޮކްޓޯބަރ 2023 | ބުދަ 21:55
ނަބީލް
ނަބީލް
ރޮއިޓާސް
ކައިވެނި ހަފުލާއެއް އޮތް ތަނެއްގައި ރޯވުން
ރޯވި މާލަމުގައި ހުރި ގޮނޑިއެއްގައި މަރުވެފައި އިން މަރްޔަމް ފެނުނީ، އޭނާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ނަބީލަށް!
ބްރޭކަކަށް އަހަރެން ބޭރަށް ޖެހިލީ 10 ވަރަކަށް މިނެޓަށް
ކައިވެނީގައި ލާނެ ހެދުންތައްވެސް ހުރީ ގަނެފައި
އަހަރެންގެ މުސާރައިގެ ކަންކަމާއި ވަޒީފާގެ ކަންތައްތައް ހުރިގޮތުން ކައިވެނި ކުޑަކޮށް ފަސްކޮށްލީ

އިރާގުގެ ހަމްދާނިއްޔާގައި ހިތްދަތި ގޮތަކަށް ނިމިގެން ދިޔަ ކައިވެނި ހަފުލާގައި ޑީޖޭއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ އެކަކީ، އުމުރުން 23 އަހަރުގެ ސްޓީވަން ނަބީލެވެ. ޚުދު އޭނާއަކީވެސް ޒަވާޖީ ހަޔާތެއް ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދިޔަ ޒުވާނެކެވެ. ކައިވެނީގެ ގޮށްޖަހާލުމާއެކު ނަބީލުގެ ހަޔާތުގެ ބައިވެރިޔާގެ ގޮތުގައި އޭނާގެ ހިތުގައި ރަނިކަން ކުރަން ތައްޔާރުވަމުން ދިޔަ މަރްޔަމް މުއުތަސިމްވެސް އެ ކައިވެނި ހަފުލާގައި އުޅުނެވެ.

މިއަދު ނަބީލް އެ އިނީ މަރްޔަމްގެ ފޮޓޯއެއްގައި ބައްދާލައިގެންނެވެ. އެ ޒުވާން ހިތުގައި އަޅަމުން ދިޔަ ވޭން، ބަޔާންކޮށްދޭކަށް އިތުރު މީހަކަށް ނޭނގޭނެއެވެ. މަރްޔަމަކީ ސެޕްޓެމްބަރު 26 ވަނަ ދުވަހުގެ ރޭ ހިނގައިދިޔަ ބިރުވެރި، އަލިފާނުގެ ހާދިސާގައި މި ދުނިޔެއާއި ވަކިވެ ދިޔަ 100 އެތައް މީހުންނެއްގެ ތެރެއިން އެކަކެވެ. މަރްޔަމްގެ އެންމެ ފަހުގެ ހަނދާންތައް ހިއްސާކުރެވޭތޯ ނަބީލް މަސައްކަތް ކުރަމުން ދިޔައިރު، ކަރުނުން ދެލޯ ތެމި، ފޯވަމުން ދިޔައެވެ.

އަހަރެމެން ކައިވެނިކުރަން ނިންމާފަ އޮތީ ސެޕްޓެމްބަރު މަހު. އެކަމަކު ހާލަތު އޭރު ހުރިގޮތުންނާ، އަހަރެންގެ މުސާރައިގެ ކަންކަމާ، ވަޒީފާގެ ކަންތައްތައް ހުރިގޮތުން އަހަންނަށް އެކަން ނުވީ. އެހެންވެ، ކައިވެނި ކުޑަކޮށް ފަސްކޮށްލީ. އަހަރެމެން ހުންނާނީ ހުރިހާ ކަމެއްވެސް ތައްޔާރު ކޮށްފަ. ކައިވެނީގަ ލާނެ ހެދުންތައްވެސް ގަނެފަ ހުންނާނީ... އެކަމަކު، މިއީ އަހަރެމެންގެ ތަގުދީރު.
ސްޓީވަން ނަބީލް؛ ކައިވެނި ހަފުލާގެ ޑީޖޭއެއް

ހަމްދާނިއްޔާގައި ކުރިއަށްދިޔަ ކައިވެނީގެ ހަފުލާއަށް ނަބީލް ދިޔައީ މަރްޔަމަށްވުރެ ތަންކޮޅެއް ލަހުންނެވެ. އެ ހަފުލާއަށް މަރްޔަމް ދިޔައީ، އޭނާގެ އާއިލާއާއެކު، ދައުވަތު ލިބިގެން ދިޔަ މެހެމާނުންގެ ގޮތުގައެވެ.

އެއީ ހަފުލާގައި ޑީޖޭއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ނަބީލް، 10 ވަރަކަށް މިނެޓުގެ ބްރޭކަކަށް މާލަމުން ބޭރަށް ޖެހިލިއެވެ. ނަބީލަށް ލިބުނީ، އޭނާ އިންތިހާއަށް ލޯބިވާ މަރްޔަމްގެ ފޯނު ކޯލެކެވެ. މުޅި މާލަމުގައި ރޯވެއްޖެކަމަށް މަރްޔަމް ބުންޏެވެ.

ހޯލު ތެރޭގަ ހުރެފަ، އަހަރެން ބޭރަށް ޖެހިލި ވަގުތު އެއީ. އަހަރެން މަސައްކަތްކުރަމުން ދިޔައީ ޑީޖޭއެއްގެ ގޮތުގަ. މަރްޔަމް ދިޔައީ އޭނާގެ އާއިލާއަށް ލިބުނު ދައުވަތެއްގަ، އެ މީހުންނާ އެކީ. ބްރޭކަކަށް އަހަރެން ބޭރަށް ޖެހިލީ 10 ވަރަކަށް މިނެޓަށް. 10 ވަރަކަށް މިނެޓް ވީތަނާހެން މަރްޔަމް ގުޅައިފި. ގުޅާފަ ކިޔައިފި އަހަރެން މި މަރުވަނީއޭ، ނަބީލުގެ ކަންކަން ރަނގަޅަށް ބަލަހައްޓައްޗޭ، ނަބީލްދެކެ ވަރަށް ލޯބިވެޔޭ. އަހަރެން އަހައިފިން ކިހިނެއްހޭ ވީ... އެކޮޅުން، މަރްޔަމް ބުނީ، ހޯލު ތެރޭގަ ރޯވެފަ އޮތް ވާހަކަ. ދުންގަނޑު އޮތް ވާހަކަ. އަހަރެން ބުނިން ހަމަ ސިކުންތެއްގެ ތެރޭގަ މި ދަނީއޭ ތި ތަނަށް.
ސްޓީވަން ނަބީލް؛ ކައިވެނި ހަފުލާގެ ޑީޖޭއެއް

ނަބީލް އަވަސްވެގަތީ ކައިވެނީގެ ހަފުލާ ކުރިއަށްދިޔަ މާލަމަށް ވަނުމަށެވެ. އޭރު ދުންގަނޑުވެސް ހުރީ ފިސާރި މައްޗަށް އަރާފައެވެ. މާލަމުގެ ތެރެއަށް ނަބީލަށް ވަދެވޭ ގޮތެއް ނުވިއެވެ.

މާލަމުގެ ފާރު ވައްޓާލީ ބުލްޑޯޒަރެއް ބޭނުންކޮށްގެންނެވެ. އެވަގުތު ނަބީލަށް މަރްޔަމް ފެނުނެވެ. ނަމަވެސް އޭރު، ވަގުތު ފާއިތުވެއްޖެއެވެ. މަރްޔަމް އިނީ ގޮނޑިއެއްގައެވެ. ނަމަވެސް އެއީ، އޭނާގެ ފުރާނަ ނެތް މަސްގަނޑެވެ. އޭރު މަރްޔަމްގެ އަތުގައި އޭނާގެ ފޯނުވެސް އޮތެވެ.

ހޯލާ ހިސާބަށް އަހަންނަށް ދެވުނުއިރު މުޅި ތަނުގަ އޮތީ ހުޅު ހިފާފަ. ކުޑަކުދިންނާ، އަންހެނުންގެ ގައިގަވެސް ރޯވެފަ އޮތީ. ވަރަށް އެހެން ކަހަލަ އަޑުފަށްގަނޑެއް އިވެމުން ދިޔައީވެސް. މީހުންތައް ދިޔައީ މަރުވަމުން. މުޅިތަނުގަ ދުން. އަލިފާންގަނޑުވެސް ހުރީ ނޫ ކުލައެއްގަ. ދޮރު ކައިރިއަށްވެސް އަހަރެން ދިޔައިން، އެތެރެއަށް ވަންނަންވެގެން. އެތަނުގަވެސް އޮތީ އަލިފާނާ، ދުން. ވަރަށް ނޭވާ ހާސްވި އެ ދިމާލުގަ. ބިއްލޫރިގަނޑުވެސް ތަޅާލިން، އެކަމަކުވެސް ވަދެވޭ ގޮތެއް ނުވި. ދެން ބުލްޑޯޒަރެއް އައިސް ފާރު ވައްޓާލީ. އޭރު މަރްޔަމް އިން ގޮނޑީގަ، މަރުވެފަ. އަތުގަ ފޯނުވެސް އޮތް.
ސްޓީވަން ނަބީލް؛ ކައިވެނި ހަފުލާގެ ޑީޖޭއެއް

މަންޒަރު ދުށް ބައެއް މީހުންގެ ވާހަކަތަކަށް ބަލާއިރު، ހަފުލާ ކުރިއަށްދިޔަ މާލަމުގައި ރޯވާން ފެށީ، ހަފުލާ ފެށުނުތާ ގާތްގަނޑަކަށް ގަޑިއެއްހާއިރުގެ ތެރޭގައެވެ. މާލަމުގެ ތެރޭގައި ބޭނުންކުރި އަލިފާން އަރުވާ މެޝިންތަކެއް ބޭނުންކުރަން ފެށުމާއެކުހެން، އެ ތަން ޒީނަތްތެރި ކުރުމަށް ބޭނުން ކޮށްފައި ހުރި އެކި ސާމާނުތަކުގައި ހުޅުހިފައި، މާލަމުގައި ރޯވިކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. މަންޒަރު ދުށް މީހުން އިތުރަށް ކިޔައިދިން ގޮތުގައި، މާލަމުގައި ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ހިނދެއްގައި ބޭނުންކުރާނެ، އަލިފާން ނިއްވާ ފުޅިތަކެއް ފެންނާކަށް ނެތެވެ. ކުއްލި ހާލަތުގައި ނުކުތުމަށް ބޭނުންކުރެވެން ހުރީ މަދު ދޮރުތަކެއް ކަމަށާއި، އަލިފާން ނިއްވާ މީހުންނަށް އެ ހިސާބަށް ދެވުނީވެސް ދޮޅުގަޑިއެއްހާއިރު ފަހުން ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

ހާހެއް ނުވަތަ އެއަށްވުރެވެސް ގިނަ މީހުންނަށް ދައުވަތު ދީގެން ކުރިއަށްގެންދިޔަ މި ހަފުލާގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައި، 100އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލި، އެތައް ސަތޭކަ ބަޔަކު ޒަޚަމްވުމާ ގުޅިގެން މިހާތަނަށް 14 މީހަކު ހައްޔަރުކޮށްފައި ވާކަމަށް އިރާގުގެ ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް