މަޖިލީހުގެ ރައީސާއި ސިވިލް ސަރވިސް ކޮމިޝަންގެ ރައީސާއި ރައީސުލްޖުމްހުރިއްޔާ އައްޔަންކުރައްވާ މެންބަރު ޖޭއެސްސީގައި ނުހިމަނަން އިސްލާހެއް ހުށަހަޅައިފިއެވެ.
މެންބަރު އަސްލަމް ބިލް ހުށަހަޅުއްވަމުން ވިދާޅުވީ އެ ބިލުން އިސްލާހު ގެނެވެނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 7 ވަނަ ބާބުގެ 158 ވަނަ މާއްދާ ކަމުގައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާގޮތަށް ކަމަށެވެ. މި އިސްލާހުގައި 3 ހައިސިއްޔަތަކުން އެކޮމިޝަނުގައި ހިމެނިފައިވާ ބޭފުޅުން އުނިކުރުމަށް ވަނީ ހިމަނާފައެވެ.
އެގޮތުން 158 ވަނަ މާއްދާގެ (ހ) ހިމެނިފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ހިމެނިވަޑައި ނުގަންނަވާ ގޮތަށް އިސްލާހު ހުށަހެޅިފައިވެއެވެ. އަދި 158 ވަނަ މާއްދާގެ (ކ) ގައި ހިމެނިފައިވާ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ވެސް އިންނަވާ ކަމަށާއި، އިސްލާހުގައިވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޖޭއެސްސީގައި ނުހިމެނޭ ގޮތަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ 158 ވަނަ މާއްދާގެ (އ) ގައި ހިމެނިފައިވާ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރުވެސް ނުހިމެނޭ ގޮތަށް އިސްލާހު ހުށަހެޅިފައިވާނެކަމަށެވެ.
މި އިސްލާހުގެ މައިގަނޑު ބޭނުމަކީ، ޖުޑިޝަރީ އިތުރަށް ހަރުދަނާކޮށް ޖޭއެސްސީ އިތުރަށް ހަރުދަނާކުރުން. ޖޭއެސްސީގައި ސިޔާސީ ނުފޫޒެއް ނެތުން. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި ހުންނަވާ ބޭފުޅަކު އެ ކޮމިޝަނުގައި ހިމެނިވަޑައިގަތުން އެއީ ވަރަށް ބޮޑަށް ސިޔާސީ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ. އެހެންނަމަވެސް މަނިކުފާނު ތި މަގާމުގައި ހުންނަވައިގެން އިތުރަށް ހަރުދަނާކަން ގެންނަވަން މަސައްކަތް ކުރައްވާފައިވޭ. އެހެންނަމަވެސް އާންމުން ދެކެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ސިޔާސީ މީހެއް ކަމަށް. އެހެންކަމުން އެ މަގާމުގައި ހުންނަވާ ބޭފުޅަކު ޖޭއެސްސީގައި ހިމެނުމަކީ ސިޔާސީ ކުލަޖެހިގެންދާކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވަނީ. އުސޫލެއްގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ އެހާ ބޮޑަށް ސިޔާސީކަން ފެނިވަޑައިގަންނަވަންޖެހޭ ބޭފުޅެއް ނޫންކަން ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވާއިދުގައި ބުނެފައި އޮންނަނީ.ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް
އަސްލަމް ވިދާޅުވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސަކީ ސިޔާސީ ބޭފުޅެއް ނޫން ކަމަށެވެ. ނަމަވެސް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޖޭއެސްސީގައި ހިމެނުމަކީ ޖޭއެސްސީ އެކުލެވިގެންދާއިރު އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށް ގާނޫނު އަސާސީ އިސްލާހު ކުރެވިގެން ދިޔައިރުވެސް އެކިއެކި ގޮތްގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަރާތެއް ވެސް ޖޭއެސްސީގައި އިނުން އެއީ ރައީސުލްޖުމްހޫރިއްޔާއަށް ޖޭއެސްސީއަށް ބާރު ފޯރުވިގެންދާނެ ގޮތެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އެހެންނަމަވެސް 158 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރަކު އިންނަވާ ގޮތަށް ހިމެނިފައިވާ ކަމަށާއި، އެއީ މަޖިލީހުން ގާނޫނު އަސާސީ އިސްލާހު ކުރާއިރު ވިސްނާލަންޖެހޭ ކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ ރައްޔިތުން މަޖިލީހުން އައްޔަންކުރާ ފަރާތެއް ޖޭއެސްސީގައި ހިމެނިގެން ނުވާނެ ކަމަށެވެ.