ތައިލެންޑްގެ ތަމް ލުއަންގ ހޮހޮޅައިގައި ތާށިވެފައިވާ 12 ފިރިހެން ކުދިންނާއި އެކުދިންގެ ފުޓްބޯޅަ ކޯޗް ސަލާމަތް ކުރުމަށް ހިންގާ އޮޕަރޭޝަނުގައި މިހާރު ސަލާމަތްކޮށްފައިވާ އަށް ކުދިން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ތިބީ ދުޅަހެޔޮ ހާލަތެއްގައި ކަމަށް އޮފިޝަލުން ބުނެފިއެވެ.
ވޭތުވެ ދިޔަ ދެ ދުވަހު ހޮހޮޅައިން ނެރުނު ކުދިންގެ އެކްސްރޭ އަދި ލޭގެ ޓެސްޓް ވަނީ ހަދާފައެވެ. ދެ ކުއްޖެއްގެ ފުއްޕާމޭ ދުޅަވެގެން ފަރުވާ ދޭންޖެހިފައިވެއެވެ.
ހޮސްޕިޓަލުގައި އެކުދިން މަދުވެގެން ހަތް ދުވަސްވަންދެން ބައިތިއްބާނެއެވެ.
އޮފިޝަލުން ވަނީ ބާކީތިބި ކުދިންނާއި ކޯޗް އަންގާރަ ދުވަހު ނެރެވޭނެ ކަމަށް އުއްމީދުކުރާ ކަމަށް ބުނެފައެވެ.
ބާރަ ކުދިންނާއި އެކުދިންގެ ފުޓްބޯޅަ ކޯޗް ހޮހޮޅައިގެ ތެރޭގައި ތާށިވީ ވާރޭވެހި ފެން ބޮޑުވުމާއި ގުޅިގެން ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.
ގެއްލުނުތާ ނުވަ ދުވަހަށް ފަހު މި މަހުގެ ދެވަނަ ދުވަހު އެކުދިން ފެނިފައިވަނީ، ފެންބޮޑުވެފައިވާ އެ ހޮހޮޅައިގެ ތެރޭގައި ހިކިފަސްތަނެއްގައި ތިއްބައި އިނގިރޭސިވިލާތުގެ ދެ ޑައިވަރުންނެވެ.
މީގެ ކުރިން އާދީއްތަ ދުވަހު ހަތަރު ކުއްޖަކު ސަލާމަތް ކޮށްފައިވާއިރު އިތުރު ހަތަރުކުދިން ސަލާމަތްކޮށްފައިވަނީ ހޯމަ ދުވަހުއެވެ.
ބައެއް ކުދިން ފިނިބޮޑުވެފައި ތިބި އިރު ހޮސްޕިޓަލަށް ގެންދެވުނުއިރު އެއް ކުއްޖަކު ހިތުގެ ވިންދު ލަސްވެފައި ވާކަމަށް އޮފިލުން ބުނެފައިވެއެވެ. ނަމަވެސް މިހާރު އެ ހުރިހާކުދިންގެ ހާލުވެސް ރަނގަޅުކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ސިއްހީ ދާއިރާގެ އޮފިޝަލް ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔަ ކުދިންނަށް ފުރަތަމަ ދީފައިވަނީ ތައްޔާރީ ކާނާ އަދި އެނަރޖީ ޖެލް ކަމަށެވެ. މީގެ އިތުރުން އޮފިޝަލް ވިދާޅުވީ ބައެއްކުދިންގެ އާއިލާތަކަށް ކުދިން ދައްކާލާފައިވާ ކަމަށާއި ނަމަވެސް އެއީ ބިއްލޫރި ގަނޑެއް ހުރަސްކޮށް ކަމަށެވެ.
އިތުރު ޓެސްޓްތައް ހެދުމަށް ފަހު އިންފެކްޝަނެއްގެ އަސަރު ނެތްނަމަ އާއިލާތަކުން ކުދިންނަށް ޒިޔާރަތްކުރުމުގެ ފުރުސަތު ދޭނެ ކަމަށާއި އަދި އެ ފުރުސަތު ދޭނީ ރައްކާތެރި ހެދުން އަޅައި ދެ މީޓަރު ދުރުމިނުގައި ހުރެ ބައްދަލު ކުރުމަށް އޮފިޝަލް ވިދާޅުވިއެވެ.
ދެ ހަފްތާއަށް ވުރެ ގިނަ ދުވަހު އަނދިރީގައި ތިބެން ޖެހިފައިވާތީ އެކުދިން ވެސް އަދި ތިބެން ޖެހޭނީ އަވިއައިނު އަޅައިގެން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ކުދިން ނެރުމުގެ ސީދާ މަސައްކަތް ކުރަން ނިންމީ ހޮހޮޅައިގެ ތެރޭގައި ފެންގަޑު ބޮޑުވަމުން ދާން ފެށުމުންނެވެ.
ހޮހޮޅައިގެ ބައެއް ހިސާބުތަކުގައި ޑައިވް ކުރަން ޖެހޭއިރު އަނެއްބައި ހިސާބުގައި އުސް ތަންތަނަށް އަރަން ޖެހެއެވެ. އަދި ބައެއް ހިސާބުތައް ހަނިކަމުން ވަންނަން ދަތިކޮށް ހުންނައިރު ހޮހޮޅައިގެ ތެރެއިން ކުދިން ނެރުމަކީ އުނދަގޫ މަސައްކަތަކަށް ވަނީ ވެފައެވެ.
ކުދިން ތިބި ހިސާބަކީ ހޮހޮޅައިގެ ދޮރުން ފެށިގެން ބަލާނަމަ 4 ކިލޯމީޓަރު ދުރު ސަރަހައްދެކެވެ.
ކުދިން ނެރުމަށް ހިންގާ އޮޕަރޭޝަނުގައި ހޮހޮޅައިގެ ތެރޭގައި ތައިލެންޑްގެ 40 ޑައިވަރުންނާއި އެހެނިހެން ގައުމުތަކުގެ 50 ޑައިވަރުން ބައިވެރިވެއެވެ.