ކ. މާލެ
|
9 ޖުލައި 2018 | ހޯމަ 09:28
ޑޭވިސް އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 2016 ވަނަ އަހަރު
ޑޭވިސް އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 2016 ވަނަ އަހަރު
ބީބީސީ
ބްރެކްސިޓް
ބްރެކްސިޓް ސެކްރެޓަރީ އިސްތިއުފާ ދެއްވައިފި
އީޔޫއިން ވަކިވުމާއި ބެހޭ ސިޔާސަތެއް ހުކުރު ދުވަހު ކެބިނެޓުންވަނީ ފާސްކޮށްފައި
ޖޫނިއަރ މިނިސްޓަރ ސްޓީވަން ބޭކަރވެސް ވަނީ މަގާމުން ވަކިވެ ވަޑައިގެންފައި

ބްރެކްސިޓް ސެކްރެޓަރީ ޑޭވިޑް ޑޭވިސް އިނގިރޭސި ސަރުކާރުން އިސްތިއުފާދެއްވައިފިއެވެ.

އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ އިނގިރޭސި ވިލާތް އީޔޫއިން ވަކިވުމަށް އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ހުށަހަޅުއްވާފައިވާ ޕްލޭނަށް ކެބިނެޓުގެ ތާއީދު ލިބުނުތާ ދުވަސްކޮޅެއްގެ ތެރޭގައެވެ.

ޑޭވިސް އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ 2016 ވަނަ އަހަރު ކަމަށްވާއިރު އޭނާގެ މަސްއޫލިއްޔަތަކީ އިނގިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މައްސަލައިގައި މަޝްވަރާތައް ކުރިޔަށް ގެންދިއުމެވެ.

ޑޭވިސްގެ އިސްތިއުފާދެއްވިތާ ވަގުތުކޮޅެއްގެ ތެރޭގައި ޖޫނިއަރ މިނިސްޓަރ ސްޓީވަން ބޭކަރވެސް ވަނީ މަގާމުން ވަކިވެ ވަޑައިގެންފައެވެ.

ބޮޑުވަޒީރު މޭ އަށް ފޮނުއްވާފައިވާ އިސްތިއުފާގެ ސިޓީގައި ޑޭވިސްވަނީ މިހާރު ސަރުކާރުގެ ސިޔާސަތާއި އުކުޅުތައް ހުރި ގޮތަށްބަލައިރު އިނގިރޭސި ވިލާތަށް ކަސްޓަމްސް ޔޫނިއަން އަދި ސިންގަލް މާކެޓް ދޫކޮށްލެވިދާނެ ކަމަށް ފެނިވަޑައި ނުގަންނަވާކަމަށެވެ.

ކެބިނެޓުން ފާސްކުރި ސިޔާސަތު  ހުރި މިސްރާބަކީ އިނގިރޭސިވިލާތަށް މަޝްވަރާތައް ބަލިކަށިވާނެ އަދި އެކަމަކުން އަރައި ނުގަނެވިދާނެ ފަދަ ގޮތަކަށް ކަމަށް ޑޭވިސް ވިދާޅުވެފައިވެއެވެ.

ރައްދުގައި ޑޭވިސްއަށް މޭ ފޮނުއްވާފައިވާ ޖަވާބުގައި ވިދާޅުވެފައިވަނީ ހުކުރު ދުވަހު ކެބިނެޓްގައި އެއްބަސްވި ސިޔާސަތު އޮތީ ޑޭވިސް ސިފަ ކުރައްވާ ގޮތަށް ކަމަށް ބަލައި ނުގަންނަވާ ކަމަށެވެ.

އިނގިރޭސި ވިލާތް އީޔޫއިން ވަކިވުމަށް އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ ހުށަހަޅުއްވާފައިވާ ޕްލޭނަށް ކެބިނެޓުން ނިންމެވި ގޮތް ހޯމަ ދުވަހުގެ ވަގުތެއްގައި ގާނޫނުހަދާ މަޖިލީހަށް ހުށަހަޅުއްވާނެއެވެ.

ކެބިނެޓްގެ ނިންމުންތަކަކީ މާ ލުއި ގޮތަކަށް އޮތް ނިންމުންތަކެއްކަމަށް ބުނެ އެކަމަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

މީގެ ދެ އަހަރުކުރިން 2016 ވަނަ އަހަރުގެ ޖޫންމަހުގެ 23 ވަނަ ދުވަހު ނެގި ވޯޓުގައި އީޔޫއިން ވަކިވުމަށް ފެންނަ ކަމަށް 52 އިންސައްތަ ވޯޓް ލިބިފައިވެއެވެ. ވޯޓަށް ފަހު އެ ގައުމު އީޔޫއިން ވަކިވުމުގެ މަޝްވަރަތައް ފެށިފައިވާއިރު އެ މަސައްކަތްދަނީ މަޑު ދުވެއްޔެއްގައެވެ.

- ކޮމެންޓް