ކ. މާލެ
|
9 ޖުލައި 2018 | ހޯމަ 05:47
ވަޒީފާއިން ވަކިކުރި މީހުންގެ ތެރޭގައި ގިނައީ ސިފައިންނާއި ފުލުހުން
ވަޒީފާއިން ވަކިކުރި މީހުންގެ ތެރޭގައި ގިނައީ ސިފައިންނާއި ފުލުހުން
ގެޓީ އިމޭޖަސް
ތުރުކީގެ ބަޣާވާތް
ތުރުކީއަށް ގެންނަން އުޅުނު ބަޣާވާތާއި ގުޅުން ހުރި އިތުރު 18 ހާސް ސަރުކާރު މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
ސިފައިންނާއި ފުލުހުން ވަޒީފާއިން ވަކިކުރި
ސިވިލް ސަރވިސްގެ ގިނަ ބަޔަކުވެސް މަޤާމުން ވަކިކުރި
ބަޣާވާތާއި ގުޅިގެން ލައްކައެއްހާ މީހުން މިހާތަނަށް ވަޒީފާތަކުން ވަކިކުރި

ތުރުކީވިލާތުގައި މީގެ 2 އަހަރު ކުރިން ގެންނަން އުޅުނު ބަޣާވާތާއި ގުޅުން ހުރި މައްސަލަތަކުގައި 18500 އަށްވުރެ ގިނަ މުވައްޒަފުން ސަރުކާރުގެ ވަޒީފާތަކުން ވަކިކޮށްފިއެވެ.

އާދިއްތަ ދުވަހު ރިޔާސީ ޤަރާރަކުން މި މުވައްޒަފުންތައް މަޤާމުން ވަކިކޮށްފައިވަނީ ޓެރަރިސްޓް ޖަމާޢަތްތަކާއި ގުޅުން އޮތްކަމަށް ބުނެއެވެ. ވަޒީފާއިން ވަކިކުރި މީހުންގެ ތެރޭގައި 8998 ފުލުހުންނާއި، 3077 އެއްގަމު ސިފައިންނާއި، 1949 ވައިގެ ސިފައިންގެ އިތުރުން 1126 ކަނޑުގެ ސިފައިން ހިމެނެއެވެ. މީގެ އިތުރުން 1052 ސިވިލް ސަރވަންޓުންނާއި 199 ޓީޗަރަކުވެސް ވަޒީފާއިން ވަކިކޮށްފައިވެއެވެ. 

ގިނަ ބަޔަކު ވަޒީފާއިން ވަކިކުރުމުގެ އިތުރުން 3 ނޫހަކާއި، ޓީވީ ޗެނަލެއްގެ އިތުރުން 12 ޖަމްއިއްޔާވެސް ހުއްޓުވާފައިވެއެވެ. 

މީގެ އިތުރުން މީގެ ކުރިން ވަޒީފާއިން ވަކިކުރި 148 މީހެއްގެ ވަޒީފާ އަލުން އަނބުރާ ދީފައިވެސް ވެއެވެ. 

ތުރުކީވިލާތުގެ މީޑިއާތައް ބުނާ ގޮތުން މިއީ ބަޣާވާތާއި ގުޅިގެން އަޅާނެ އެންމެ ފަހުގެ ފިޔަވަޅެވެ. އަދި ބަޣާވާތްކުރަން އުޅުމާއި ގުޅިގެން ތުރުކީވިލާތުގައި އިއުލާންކުރި ކުއްލި ނުރައްކަލުގެ ޙާލަތު ހޯމަ ދުވަހު އުވާލަފާނެކަމުގެ އިޝާރާތެއް އޮފިޝަލުން ވަނީ ކުރައްވާފައެވެ. ތުރުކީވިލާތުގައި 2016 ވަނަ އަހަރު އިއުލާންކުރި ކުއްލި ނުރައްކަލުގެ ޙާލަތު ޖުލައި 19 ވަނަ ދުވަހަށް ރަސްމީކޮށް ނިމޭއިރު، މީގެ ކުރިން 7 ފަހަރު ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރުކޮށްފައިވެއެވެ. 

އިތުރު ދައުރަކަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ހޯމަ ދުވަހު ހުވާކުރައްވާއިރު، އެމަނިކުފާނު މިފަހަރު ހުވާކުރައްވަނީ އިތުރު ބާރުތަކަކާއެކުގައެވެ. ބުދަ ދުވަހު މިބާރުތައް އިއުލާންކުރައްވާއިރު، ހަމައެދުވަހު އުރުދުޣާންގެ އައު ސަރުކާރު އިއުލާންކުރައްވާނެކަމަށް ބެލެވެއެވެ. އަލަށް އެކުލަވާލާ ސަރުކާރުގައި ބޮޑުވަޒީރުގެ އޮފީހެއް ނުހިމެނެއެވެ. 

2016 ވަނަ އަހަރުގެ ޖުލައި މަހު އުރުދުޣާންގެ ވެރިކަމާއި ދެކޮޅަށް އެޤައުމުގެ އަސްކަރިއްޔާގެ ބައެއް ސިފައިން ކުރަން އުޅުނު ބަޣާވާތް ނާކާމިޔާބުކޮށްލުމަށްފަހު ލައްކައެއްހާ މުވައްޒަފުން ސަރުކާރުގެ އެކި އިދާރާތަކުން ވަނީ ވަކިކޮށްފައެވެ. ނާކާމިޔާބު ބަޣާވާތަށްފަހު އުރުދުޣާންގެ ތާޢީދު ތުރުކީވިލާތުގައި އިތުރުވެފައިވާކަމަށް އެމަނިކުފާނުގެ ޕާޓީއިން ބުނެއެވެ. 

ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމަކީ އުރުދުޣާންގެ ރިޔާސީ އެއް ވައުދެވެ. 

- ކޮމެންޓް