ތައިލެންޑްގެ އުތުރު ޗިއަންގް ރާއީ ސްޓޭޓްގައި ހޮހަޅައެއްގެ ތެރޭގައި ތާށިވެފައިތިބި 12 ކުދިންނާއި އެކުދިންގެ ފުޓުބޯޅަ ޓީމްގެ ކޯޗު އެތަނުން ނެރުމުގެ މަސައްކަތް ފަށައި، އޭގެ ތެރެއިން 6 ކުއްޖަކު ސަލާމަތްކޮށްފިއެވެ.
ތަމް ލުއާންގް ހޮހަޅައިގެ ތެރޭގައި ޤާއިމްކޮށްފައިވާ ރެސްކިއު ކޭމްޕަށް ހަތަރު ކުއްޖަކު ގެންގޮސްފައިވާކަމަށް އޮފިޝަލަކާއި ހަވާލާދީ އޭއެފްޕީއިން ރިޕޯޓްކުރެއެވެ. އަދި ހޮހަޅައަށް ވަންނަ މަގުން 4 އެމްބިއުލާންސް ދިޔަތަން ފެނުނުކަމަށް ބީބީސީގެ ރިޕޯޓަރުން ބުނެއެވެ.
ހޮހަޅައިގެ ގާތްގަނޑަށް 4 ވަރަކަށް ކިލޯމީޓަރު އެތެރޭގައި ތާށިވެފައި ތިބި ކުދިން އެތަނުގެ ތެރޭގައި ތާށިވީ ކުއްލިއަކަށް ބޯކޮށް ވާރޭވެހި، ހޮހަޅައިގައި ފެން ބޮޑުވުމުންނެވެ. މިއީ ވިއްސާރަ މޫސުން ކަމުން ހޮހަޅައިން ފެން ހިނދެން އެތައް ދުވަހެއް ނަގާފާނެތީ އެކުދިން ނެރުމުގެ މަސައްކަތް ތައިލެންޑްގެ އަސްކަރިއްޔާއިން ފެށީ ފަތަންވެސް ނުދަންނަ އެކުދިންނަށް ޑައިވްކުރަން ކޮންމެވެސް ވަރަކަށް ދަސްކޮށްދީގެންނެވެ.
ހޮހަޅައިގެ ތެރޭގައި ހުންނަ ރެސްކިއު ކޭމްޕުން އެކުދިން ގެންދަނީ ހޮހަޅައިގެ ބޭރުގައި ޤާއިމްކޮށްފައިވާ ވަގުތީ ހޮސްޕިޓަލަށެވެ. އަދި އެތަނުން ޗިއަންގް ރާއީ ސްޓޭޓްގެ ވެރިރަށް ޗިއަންގް ރާއީ ސިޓީއަށެވެ. އެންމެ ފުރަތަމަ ސަލާމަތްކުރެވުނު ދެ ކުދިން ހޮހަޅައިގެ ބޭރުގައި ޤާއިމްކޮށްފައިވާ ވަގުތީ ހޮސްޕިޓަލަށް ގެންދެވުނުކަމަށް އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
އެންމެ ފުރަތަމަ ނެރުނު ކުދިންނަކީ އެންމެ ހާލު ދެރަ ކުދިންކަމަށް އެކުދިން ކައިރީގައި ހޮހަޅައިގައި ހުރި އޮސްޓްރޭލިއާ ޑޮކްޓަރަކު ވަނީ ބުނެފައެވެ.
ކުދިން ހޮހަޅައިން ނެރުމުގެ މަސައްކަތް ކުރަން ފެށުމާއިއެކު އެސަރަހައްދަށް ޖަމާވެތިބި ނޫސްވެރިން ވަނީ ފަހަތަށް ޖައްސާފައެވެ. އެހެންކަމުން ވަދެ ނިކުމެވާ އެމްބިއުލާންސްތަކުގެ އަދަދުގެ އިތުރުން އޮފިޝަލުން ހާމަކުރާ މައުލޫމާތު ފިޔަވައި އިތުރު މައުލޫމާތެއް އަދި ސާފެއް ނުވެއެވެ.
އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން 2 ކުއްޖަކު ޗިއަންގް ރާއީ ސިޓީ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، 2 ކުއްޖަކު ތިބީ ހޮހަޅައިގެ ބޭރުގައި ހުރި ވަގުތީ ހޮސްޕިޓަލްގައެވެ. އަދި އަނެއް 2 ކުދިން މިވަގުތު ތިބީ ހޮހަޅައިގެ ތެރޭގައި ޤާއިމްކޮށްފައިވާ ރެސްކިއު ކޭމްޕްގައެވެ.
ކަނުއަނދިރީގައި އެކުދިން ހޮހަޅައިން ނެރުމުގެ މަސައްކަތްކުރަމުންދާއިރު، މިއީ ނުރައްކާތެރި މަސައްކަތެކެވެ. އެކުދިންނަށް ހޮހަޅައިގައި ތިއްބައި އޮކްސިޖަން ފޯރުކޮށްދިނުމުގެ މަސައްކަތްކުރި ތައިލެންޑް އަސްކަރިއްޔާގެ ތަޖުރިބާކާރު ޑައިވަރަކުވެސް ވަނީ މަރުވެފައެވެ.