އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ހުކުރު ދުވަހު އުތުރު ކޮރެއާ އަށް ވަޑައިގެންނެވީ އުތުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރު ގެންގުޅުމުން ދުރުވުމާ ގުޅޭ ތަފްސީލީ މައުލޫމާތު ހޯއްދެވުމަށް، އުތުރުު ކޮރެއާގެ ލީޑަރަށް ބާރުއެޅުއްވުމުގެ ގޮތުން ކަމަަށް ރިޕޯޓުތައް ބުނެފިއެވެ.
މިއީ ޖޫން 12 ވަނަ ދުވަހު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައްދަލުކުރެއްވިފަހުން އެމެރިކާގެ ޚާރިޖީ ވަޒީރު ޕޮމްޕެއޯ އުތުރު ކޮރެއާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރު ކަމަށްވާއިރު، ޕޮމްޕެއޯ މިހާރު ކުރައްވަމުން ގެންދަވަނީ އެމަނިކުފާނު އުތުރު ކޮރެއާ އަށް މިހާތަނަށް ކުރައްވަމުން ގެންދަވާ ތިން ވަނަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ހުކުރު ދުވަހާއި އަދި ހޮނިހިރު ދުވަހު މައިކް ޕޮމްޕެއޯ ގިނަ ބައްދަލުވުންތަކެއް އުތުރު ކޮރެއާގެ އޮފިޝަލުންނާ އެކު ބާއްވަވާނެއެވެ. އެމަނިކުފާނާއެކު އެމެރިކާގެ ޚާރިޖިއްޔާ، ސީއައިއޭ އަދި ނެޝެނަލް ސެކިޔުރިޓީ ކައުންސިލް ގެ "ނޯތު އޭޝިއާ" އާ ގުޅޭ މާހިރުން ބައިވެރިވެވަޑައިގަންނަވައެވެ. ޕޮމްޕެއޯ ގެ ދަތުރުފުޅުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާ ބައްދަލު ކުރައްވާނެ ކަމެއް އަދި ސާފުވެފައެއް ނުވެއެެެވެ.
އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމާއި ގުޅިގެން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު، އެމެރިކާ އާއި އަދި ބައިނަލްއަގްވާމީ މުޖުތަމައު އިން ވެސް އަޅާފައިވެއެވެ. އެމެރިކާ އިން ތަކުރާރުކޮށް ބުނަމުން ދަނީ އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމަކީ އެމެރިކާއަށާއި އަދި މުޅި ދުނިޔެއަށްވެސް ހުރި ބިރެއް ކަމަށެވެ.
ސިންގަޕޫރުގައި ޖޫން 12 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވަނީ ތާރިހީ ބައްދަލުވުމެއް ބާއްވަވާފައެވެ. ސުލްހަވެރި ދުނިޔެއަކާ ދިމާލަށް އިންސާނުން އަޅާ ބިޔަ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރެވިފައިވާ މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ސިންގަޕޫރުގެ ކަޕެލާ ހޮޓެލްގައެވެ. އެމެރިކާ އާއި އުތުުރު ކޮރެއާގެ ވެރިންގެ ބައްދަލުވުމުގައި ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަތިޔާރުން ސަލާމަތް ކުރުމަށް އުތުރު ކޮރެއާގެ ލީޑަރު ވައުދުވެވަޑައިގެންފައި ވެއެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އުތުރު ކޮރެއާގެ ސަލާމަތާއި ރައްކާތެރިކަން އެމެރިކާ އިން ކަށަވަރު ކޮށްދޭނެއެވެ. އަދި އުތުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރުގެ ހުރިހާ މަސައްކަތެއް ހުއްޓާލައި، މިހާރު ތައްޔާރުކޮށްފައި ހުރި ތަކެތި ނައްތާލުމަށް ވެސް އެއްބަސްވެފައިވެއެވެ.