ކ. މާލެ
|
30 ޖޫން 2018 | ހޮނިހިރު 05:52
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޓްވިޓަރ
ގުޅިފައިވާ ސިޔާސީ ޕާޓީތައް
ގުޅިފައިވާ ޕާޓީތަކުން ކެންޑިޑޭކަކު ނެރުމަށް އެއްބަސްވުމުން ރައީސް ނަޝީދު ޝުކުރު އަދާކުރައްވައިފި
ކެންޑިޑޭޓަކީ އެމްޑީޕީގެ ކެންޑިޑޭޓް
ރަނިންމޭޓް ނުކުންނާނީ ޖޭޕީއިން
އެ ދެ ޕާޓީން ނެރޭ ކެންޑިޓޭޓުންގެ ނަމެއް އަދި ހާމައެއް ނުކުރޭ

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޝުކުރު އަދާކުރައްވައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓެއް އަދި ރަނިންމޭޓެއްގެ ގޮތުގައި ޖޭޕީގެ ކެންޓިޑޭޑަކު ނެރެން އެއްބަސްވުމުން ގުޅިފައިވާ ޕާޓީތަކަށް ޝުކުރު އަދާކުރައްވާ ކަމަށާއި މިއީ ރާއްޖޭގައި ޑިމޮކްރޮސީ ދެމެހެއްޓުމަށްޓަކައި ކުރިއަށް އެޅުނު ފިޔަވަޅެއް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމުގެ ފުރުސަތު ލިބިވަޑައިނުގަންނަވާނެތީ، ރައީސް ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ކުރިމަތި ނުލެއްވުމަށް ނިންމަވާފައެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ނިންމެވިކަން އެމަނިކުފާނު ހާމަކުރެއްވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕަށް ހުކުރު ދުވަހު ހެނދުނުގެ ވަގުތެއްގައި ފޮނުއްވި މެސެޖެއްގައެވެ.  

ރައީސް ނަޝީދު ފޮނުއްވެވި މެސެޖްގައި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ނިންމެވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމުގެ ގޮތުން ކަމަށެވެ.

ރައީސް ނަޝީދުގެ މި ނިންމެވުން އިއުލާން ކުރައްވަން ހަމަޖެހިފައި ވަނީ ހޮނިހިރު ދުވަހު އުކުޅަހުގައި ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައެވެ.

ރައީސް ނަޝީދު ގުޅިފައިވާ ޕާޓީތަކަށް ޝުކުރު އަދާކުރައްވާ ޓުވީޓްކޮށްފައިވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވެސް ވަނީ ހުކުރު ދުވަހުގެ ރޭ ކޯލިޝަންގެ "ސިންގަލް" ކެންޑިޑޭޓަކީ ރައްޔިތުން އެދޭ ބަދަލު ކަމަށް ވިދާޅުވެ ޓުވީޓް ކުރައްވާފައެވެ.

މި ޓުވީޓްގައި ޤާސިމް އިތުރަށް ވިދާޅުވީ ޖުމްހޫރީ  ޕާޓީން މި މަގުން ކުރިއަށް ދިޔުމަކީ ރައްޔިތުންގެ އެދުން ކަމަށާއި އެ ޕާޓީ އަބަދުވެސް އޮންނާނީ ރައްޔިތުންނާއި ޤައުމުގެ ސަލާމަތްކަން އޮތް ގޮތަކަށް އަނިޔާވެރިކަމުން ސަލާމަތް ކުރުމުގައި، ދީނާ ހިލާފު ނޫން، އދ އަދި ވިލާތުގެ އިއްތިހާދުގެ ނިންމެވުންތަކާއެކު ކަމަށެވެ.

މިއަހަރު ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ނެރޭނީ އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ވަނީ ބެލެވިފައެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް