ރާއްޖޭގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭ އަލީ އަޝްފާގު (ދަގަނޑޭ) އާ އެކު ހަދާފައިވާ އެއްބަސްވުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އުވާލައިފިއެވެ.
ނިއު އިން ބުނެފައި ވަނީ ދަގަނޑޭއާ އެކު އެކްލަބުން ހަދާފައިވާ ކޮންޓްރެކްޓް އުވާލީ ދެ ފަރާތުން އެއްބަސްވެގެން ކަމަށާއި ޓީމަށް އޭނާ ކޮށްދިން ކަންކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުންވާ ކަމަށެވެ. ހަމައެހެންމެ އޭނާއަށް ކާމިޔާބު މުސްތަގުބަލަކަށް އެދޭ ކަމަށް ނިއުއިން ބުނެފައިވެއެވެ.
ދަގަނޑޭއާ އެކު ހަދާފައިވާ އެއްބަސްވުން ނިއުއިން އުވާލިއިރު ދަގަނޑޭ ވަނީ އޭނާގެ މުސާރައިގެ މައްސަލަތަކެއް އުޅޭތީ ކޮންޓްރެކްޓް ބާތިލުކޮށްދޭން އެފްއޭއެމްއަށް ހުށަހަޅާފައެވެ. މި މައްސަލަ ހުށަހަޅާފައި ވަނިކޮށް ވެސް ދަގަނޑޭ ވަނީ އެސްޓީއޯ މާލޭ ލީގުގައި މާޒިޔާ އަތުން މޮޅުވެ ލީގުގެ އައްޑަނަ ނިއުއިން އުފުލާލި މެޗުގައި ކުޅެފައެވެ.
We have decided to part ways with Ali Ashfaq on mutual consent and would like to thank him for the services to the club.
— New Radiant SC (@nrsc_mv) June 21, 2018
ދަގަނޑޭ ވަކިވުމާ އެކު ނިއުގައި މިވަގުތު ހުރީ އެންމެ ސެންޓަ ފޯވާޑެކެވެ. އެއީ ސީޒަނުގެ ކުރީކޮޅު ގެނައި ސްޕެއިންގެ ފޯވާޑް ގުއިލެމް މާޓީގެ ބަދަލުގައި ގެނައި ރުވާންޑާގެ ފޯވާޑް އަތުހިއޭ ކިޕްސަންއެވެ.
އޭނާގެ އިތުރުން ސީޒަންގެ ކުރީކޮޅު ނިއުއަށް ކުޅުނު އަފްޣާނިސްތާނުގެ ކެޕްޓަން އާމިރީ ވެސް ވަނީ ނިއު ދޫކޮށްލާފައެވެ. އޭނާ ނިއު ދޫކޮށްލީ ކްލަބުން މުސާރަ ނުދޭތީ ކަމަށް ބުނެއެވެ. ހަމައެހެންމެ ކްލަބަށް ނޭނގި އޭނާ ފުރައިގެން ދިޔައިރު އޭނާގެ މައްސަލަ ފީފާއަށް ހުށަހަޅާނެ ކަމަށް ނިއުއިން ވަނީ ބުނެފައެވެ.
މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް އަދި މިއަހަރުގެ މާލޭ ލީގު ނިއުއިން ކާމިޔާބުކުރި އިރު ދަގަނޑޭ މޮޅު ކުޅުމެއް ދެއްކިއެވެ.
ކްލަބް ވެލެންސިއާ ދޫކޮށްލުމަށް ފަހު ދަގަނޑޭ އެންމެ ފުރަތަމަ ނިއުއާ ގުޅުނީ 2006 ވަނަ އަހަރުއެވެ. އެ އަހަރު އޭނާގެ މޮޅު ކުޅުމާ އެކު ނިއު އިން އެފްއޭކަޕާއި ދިވެހި ޕުރިމިއާ ލީގު ކާމިޔާބުކުރިއެވެ. އަދި ޖެހިގެން އައި އަހަރު ޕްރެޒިޑެންޓްސް ކަޕާއި އެފްއޭކަޕް ނިއުއަށް ކާމިޔާބުކޮށްދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރިއެވެ.
ދަގަނޑޭއަކީ ނިއުގެ އެންމެ ކާމިޔާބު ސީޒަންތަކުގައި އެޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރިއެކެވެ. އެގޮތުން އޭނާގެ ކެޕްޓަން ކަމުގެ ދަށުން އެ ކްލަބު 2012 ވަނަ އަހަރުގެ ދިވެހި ލީގު ކާމިޔާބުކުރީ އެއްވެސް މެޗަކުން ބަލިނުވެއެވެ. ޖެހިގެން އައި 2013 ވަނަ އަހަރުގެ ސީޒަންގެ ހުރިހާ ތައްޓެއް 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑަކާ އެކު ނިއު އިން ކާމިޔާބުކުރުމުގައި ދަގަނޑޭ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެ އަހަރުގެ އޭއެފްސީ ކަޕްގައި ވެސް ދަގަނޑޭ ކާމިޔާބުކޮށްދިން ލަނޑުތަކާ އެކު ނިއު ކުއާޓާ ފައިނަލަށް ދަތުރުކުރިއެވެ.
ނިއު ދޫކޮށްލުމަށް ފަހު އޭނާ ޖެހިގެން އައި އަހަރު ބަދަލުވީ މެލޭޝިއާގެ ދެވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ޕީޑީއާރްއެމް އަށެވެ. އެ ކްލަބް ފުރަތަމަ ޑިވިޝަންއަށް ޕްރޮމޯޓުކޮށްދީ މެލޭޝިއާގައި ކުޅޭ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑު ވެސް އޭނާ ހޯދިއެވެ. އަނިޔާގެ ސަބަބުން ޕީޑީއާރްއެމް އާއެކު ހަދާފައި އޮތް އެއްބަސްވުން އުވާލުމަށް ފަހު 2016 ވަނަ އަހަރުގެ ސީޒަނުގައި ފަހު ބައިގައި ދަގަނޑޭ ފެނިގެންދިޔައީ މާޒިޔާގެ ފެހި ޖާޒީގައެވެ.