މިސްރުގެ ސްކޮޑްގެ ތެރޭގައި މައްސަލަތަކެއް އުޅޭ ކަމުގެ ރިޕޯޓްތަކެއް ފެތުރިފައިވާ ވަނިކޮށް މުހައްމަދު ސަލާހު އެ ރިޕޯޓްތައް ދޮގުކޮށްފިއެވެ.
މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް ބަލިވެ މުބާރާތުން މިސްރު ކަޓާފައިވާ އިރު ރަޝިއާ އަތުން 3-1 އިން އެ ޓީމު ބަލިވި މެޗަށް ފަހު ސްކޮޑްގެ ތެރޭގައި މައްސަލަތަކެއް އުޅޭ ކަމުގެ ރިޕޯޓްތަކެއް ފެތުރުނެވެ. މިސްރަށް 1990 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވާރލްޑް ކަޕްގެ ޖާގައެއް ލިބިގެންދިޔައީ ކޮންގޯއާ ދެކޮޅަށް ކުޅުނު ކޮލިފައިންގެ އެންމެ ފަހު މެޗުގެ އެންމެ ފަހު މިނެޓުގައި ސަލާހު ޖެހި ޕެނަލްޓީއަކުންނެވެ.
ވާރލްޑް ކަޕް ފުރަތަމަ މެޗު ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލިބުނު އަނިޔާއެއްގެ ސަބަބުން ސަލާހަށް ގެއްލުނު ނަމަވެސް ދެވަނަ މެޗުގައި ކުޅެން އަރާ އޭނާ މިސްރަށް ލަނޑެއް ޖަހައިދިނެވެ. މި ލަނޑާއެކު އޭނާ ވެގެންދިޔައީ ވާރލްޑް ކަޕްގެ ތާރީހުގައި ވެސް މިސްރަށް ލަނޑެއް ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާއަށެވެ.
ރަޝިއާ އަތުން ބަލިވި މެޗަށް ފަހު، މިސްރުގެ ފަރާތުން ފުރަތަމަ ދެމެޗުގައި ފެނުނު ކުޅުމާ ވިދިގެން ޓީމުގެ ސްޓާފުންނާއި ކުޅުންތެރިންނާއި ދެމެދު މައްސަލަތަކެއް ޖެހުނު ކަމުގެ ރިޕޯޓްތަކެއް ފެންމަތިވިއެވެ.
އެހެން ނަމަވެސް ޓްވިޓަރ މެދުވެރިކޮށް ސަލާހު ވަނީ މި ރިޕޯޓްތައް ދޮގުކޮށްފައެވެ. އޭނާ ބުނީ މިސްރުގެ ޓީމުގެ ހުރިހާ އެންމެންގެ މެދުގައި ވެސް އޮތީ އެކުވެރިކަން ކަމަށާއި ޓީމުގެ ތެރޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އޭނާ ކުރި ޓްވީޓްގައި އިތުރަށް ވަނީ އެންމެން ވެސް އެކަކު އަނެކަކަށް ވަރަށް އިހުތިރާމްކުރާ ކަމަށާއި އެންމެންގެ މެދުގައި ވެސް ވަރަށް ގާތް ގުޅުމެއް އެބައޮތް ކަމަށެވެ.
މިފަހަރުގެ ވާރލްޑް ކަޕް ފެށުމުގެ ކުރިން ސަލާހުއަށް ނޫސްތަކުގައި ފަލަސުރުހީތަކުން ޖާގަ ލިބެމުންދިޔުމާ އެކު އޭނާގެ ކުޅުމަށް އަސަރުކޮށްފާނެ ކަމަށް މިސްރުގެ ޓީމުގެ ބައެއް ސްޓާފުން ދެކުނު ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން ޗެޗްނިޔާގެ ލީޑަރު ރަމަޒާން ކަޑީރޯވްއާ އެކު ސަލާހު ނަގާފައިވާ ފޯޓޯތަކެއް އާއްމުވުމާ ގުޅިގެން ސިޔާސީ ކަންކަމުގައި ސަލާހު ހަރަކާތްތެރިވާކަމުގެ ތުހުމަތުތަކެއް ކުރެވުނެވެ.
ހަމައެހެންމެ މި މައްސަލަތަކުގެ ތެރެއިން އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ހެކްޓަރ ކޫޕަރ މަގާމުން ވަކިކުރުމަށް އެގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވެސް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ވާރލްޑް ކަޕްއިން މިސްރު ކަޓާފައިވާއިރު މި ނިމުނު ސީޒަނަކީ ސަލާހުއަށް ވަރަށް ކާމިޔާބު ސީޒަނެކެވެ. އެގޮތުން އޭނާއަށް ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ޕީއެފްއޭގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްގެ އިތުރުން އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދިއެވެ. ހަމައެހެންމެ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ވެސް ޖެހީ އޭނާއެވެ.