ޑިއެގޯ މެރަޑޯނާއަކީ އާޖެންޓީނާއަށް އުފަން އެންމެ މޮޅު ކުޅުންތެރިޔާ ނޫން ކަމަށާއި އެމަގާމު ހައްގު ކުޅުންތެރިޔަކީ އެގައުމުގެ ކެޕްޓަންކަން މިވަގުތު ކުރަމުންދާ ލިއޮނެލް މެސީ ކަމަށް ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޯސް ބުނެފިއެވެ.
ރާމޯސް މެރަޑޯނާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފައި ވަނީ މި ހަފްތާގެ ތެރޭގައި ރާމޯސްއާ ބެހޭ ގޮތުން މެރަޑޯނާ ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. އެގޮތުން މެރަޑޯނާ ވަނީ އެޓްލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ އުރުގުއޭގެ ޑިފެންޑަރު ޑިއޭގޯ ގޯޑިންއަކީ ރާމޯސްއަށް ވުރެ މާ މޮޅު ކުޅުންތެރިއެއް ކަމަށް ބުނެފައެވެ. އެހެން ނަމަވެސް 1-0 އިން އީރާން ބަލިކުރި މެޗަށް ފަހު ރާމޯސް ވަނީ މެރަޑޯނާގެ މި ހިޔާލަށް ރައްދު ދީފައެވެ.
އެގޮތުން އޭނާ ބުނީ މެސީއަކީ މެރަޑޯނާ އަށް ވުރެ އެތަކެއް އަލި އަހަރު މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާއަށް އާޖެންޓީނާގެ ތާރީހުގައި ވެސް އެފެދުނު އެންމެ މޮޅު ކުޅުންތެރިޔަކީ ލިއޮނެލް މެސީ ކަމަށެވެ.
މެސީއަކީ މެރަޑޯނާ އަށް ވުރެ މޮޅު ކުޅުންތެރިއެއް ކަމަށް އެތައް ބަޔަކު ބުނާއިރު މިކަމުގެ ސަބަބުން ފުޓްބޯޅަ ކުޅޭ އަދި ބަލާ ފަރާތްތަކުގެ މެދުގައި ފާއިތުވެދިޔަ އަހަރުތަކުގައި ހޫނު ބަހުސްތަކެއް ކުރެވިފައިވެއެވެ. ގިނަ މީހުން ދެކޭ ގޮތުގައި 1986 ވަނަ އަހަރުގެ ވާރލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދިނުމާ އެކު މެރަޑޯނާއަކީ ދުނިޔޭގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއެވެ. އޭނާއަކީ ފީފާއިން ހޮވި 20 ވަނަ ގަރުނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ބްރެޒިލްގެ ލެޖެންޑް ޕެލޭއާ އެކު ހިއްސާކުރި ކުޅުންތެރިޔާ ވެސް މެއެވެ.
ގައުމީ ޓީމާ އެކު މެސީ 20 އަހަރުން ދަށުގެ ފީފާ ވާރލްޑް ކަޕާއި އޮލިމްޕިކް ރަން މެޑަލް ހޯދިއިރު އޭނާގެ ކެޕްޓަން ކަމުގެ ދަށުން އާޖެންޓީނާ ވަނީ ޖެހިޖެހިގެން ބައިނަލްއަގްވާމީ ބޮޑު ތިން މުބާރާތެއްގެ ފައިނަލުން ބަލިވެފައެވެ. ރާމޯސް މިހެން ބުނެފައިވީ ނަމަވެސް ގައުމީ ޓީމާ އެކު ބޮޑު ކާމިޔާބެއް ނުހޯދޭތީ އާޖެންޓީނާގެ ގިނަ ރައްޔިތުން ދެކެނީ މެސީ އަށް ވުރެ މެރަޑޯނާ މޮޅު ކަމަށެވެ.
މިފަހަރުގެ ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގެ ފުރަތަމަ މެޗުގައި މެސީ ބޭކާރުކޮށްލި ޕެނަލްޓީގެ ސަބަބުން ވެސް އޭނާއަށް ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު ރާމޯސް ބުނީ އާޖެންޓީނާގެ ރައްޔިތުންނަށް ވެސް މެރަޑޯނާ އަށް ވުރެ މެސީ މޮޅު ކަން އެނގޭ ކަމަށެވެ.
މިފަހަރުގެ ވާރލްޑް ކަޕްގެ ސެމީ ފައިނަލުން ސްޕެއިން އަދި އާޖެންޓީނާއަށް ޖާގަ ލިބިއްޖެ ނަމަ ރާމޯސް އަދި މެސީގެ ކުރިމަތިލުމެއް ބައިނަލްއަގްވާމީ ފެންވަރުގައި ފެނުމަކީ އެކަށީގެންވާ ކަމެކެވެ.