ކ. މާލެ
|
20 ޖޫން 2018 | ބުދަ 18:36
އިނގިރޭސި ޤައުމީ ފުޓުބޯޅަ ޓީމްގެ ކެޕްޓަން ހެރީ ކޭން
އިނގިރޭސި ޤައުމީ ފުޓުބޯޅަ ޓީމްގެ ކެޕްޓަން ހެރީ ކޭން
ފީފާ
ފީފާ ވާރލްޑް ކަޕް 2018
މެސީއާއި ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށްފަހު އެންމެ މޮޅު ކުޅުންތެރިޔާއަށް ވާން ހެރީ ކޭން ބޭނުންވޭ
ކޭން ވަނީ މިދިޔަ 4 އަހަރު 135 ގޯލް ކާމިޔާބުކޮށްފައި

ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާއި އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ ފަހަތަށް ޖައްސާލުމަށްފަހު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްވާން ބޭނުންވާކަން އިނގިރޭސި ކެޕްޓަން ހެރީ ކޭން ހާމަކޮށްފިއެވެ. 

ޓިއުނީޝިއާ އަތުން 2 - 1 އިން މޮޅުވި މެޗަށްފަހު ކޭން ބުނީ ލިމިޓެއް ނެތި މަސައްކަތްކުރަން ޖެހޭކަމަށާއި، އެންމެ މޮޅު ކުޅުންތެރިޔާއަށްވާން ވަރަށް އުހަށް އަމާޒު ހިފަން ޖެހޭކަމަށެވެ. ކޭން ބުނީ ބޮޑު މުބާރާތެއްގައި އޭނާގެ ކުޅުން ދައްކާލައި، ހުނަރު ދައްކާލަން ބޭނުންވާކަމަށެވެ. އަދި އެންމެ މޮޅީ ރޮނާލްޑޯއާއި މެސީކަމަށާއި، ޗެލެންޖަކީ އެމީހުންނާއި އަރާ ހަމަކުރުންކަމަށް އޭނާ ބުންޏެވެ. 

މިދިޔަ 10 އަހަރު ބެލެންޑޯ އެވޯޑް ކާމިޔާބުކޮށްފައިވަނީ ކޮންމެ އަހަރަކުވެސް މެސީ ނުވަތަ ރޮނާލްޑޯއެވެ. އެ 2 ކުޅުންތެރިންނާއި ވާދަކުރުމަށް މަސައްކަތްކުރާ ކޭން ވަނީ މިދިޔަ 4 އަހަރު 135 ގޯލް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި މިދިޔަ ސީޒަންގައި އޭނާ ކުޅޭ އިނގިރޭސި ޕްރިމިއަރލީގްގެ ޓޮޓެންހަމް ހޮޓްސްޕަރސްއަށް ޖަހައިދިން 41 ގޯލް ހިމެނެއެވެ. ޓޮޓެންހަމް ސީޒަން ނިންމާލީ ލީގުގެ 3 ވަނައިގައި އޮވެގެންނެވެ. 

ކޭން ވަނީ އިނގިރޭސި ޤައުމީ ޓީމަށް ކުޅުނު 25 މެޗުގައި 15 ލަނޑު ޖަހާފައެވެ. އޭނާއަކީ 1990ވަނަ އަހަރުގެ ފަހުން އިނގިރޭސި ޤައުމީ ޓީމަށް ވޯލްޑްކަޕް މެޗެއްގައި 2 ލަނޑު ޖަހައިދިން ހަމައެކަނި ކުޅުންތެރިޔާއެވެ. 

އަނެއްކޮޅުން ސްޕެއިންގެ ރެއާލްއަށް ކުޅެމުން އަންނަ ރޮނާލްޑޯ އެޓީމަށް ކުޅުނު 438 މެޗުގައި 450 ގޯލް ޖަހާފައިވާއިރު، ހަމަ އެ ލީގުގައި ކުޅޭ ބާސެލޯނާއަށް މެސީވަނީ 552 ގޯލް ޖަހައިދީފައެވެ. 

މިހާރު ރަޝިޔާގައި ކުރިއަށްދާ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖްގައި އަންނަ އާދިއްތަ ދުވަހު އިނގިރޭސިވިލާތް ނިކުންނާނީ ނިޒްނީ ނޮވްގޮރޮޑްގައި ޕެނަމާއާއި ދެކޮޅަށެވެ. އަދި އަންނަ  ބުރާސްފަތި ދުވަހު ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ކެލިނިންގްރެޑްގައި ބެލްޖިއަމްއާއި ދެކޮޅަށް ނިކުންނާނެއެވެ. 

- ކޮމެންޓް