ކ. މާލެ
|
20 ޖޫން 2018 | ބުދަ 07:43
ބްރެޒިލްގެ ތަރި ނޭމާ - މިއީ އޭނާ ފެބްރުއަރީ މަހުގެ ފަހުން ކުޅޭ ވާދަވެރި ފުރަތަމަ މުބާރާތް
ބްރެޒިލްގެ ތަރި ނޭމާ - މިއީ އޭނާ ފެބްރުއަރީ މަހުގެ ފަހުން ކުޅޭ ވާދަވެރި ފުރަތަމަ މުބާރާތް
ގެޓީ އިމޭޖަސް
ފީފާ ވާރލްޑް ކަޕް 2018
ބްރެޒިލްގެ ފަރިތަކުރުންތަކުން ނޭމާ ފެންނަން ނެތް!
މިދިޔަ ސީޒަނުގެ ފަހު ބައި ވެސް އަނިޔާގެ ސަބަބުން އޭނާއަށް ގެއްލުނު
ސްވިޓްޒަލޭންޑްގެ ކުޅުންތެރިން އޭނާއަށް 10 ފައުލްކުރި

ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގެ ދެވަނަ މެޗުގައި ކޮސްޓަ ރިކާއާ ދެކޮޅަށް އަންނަ ހުކުރު ދުވަހު ނުކުތުމުގެ ކުރިން ބްރެޒިލްގެ ގައުމީ ޓީމުން ކުރިޔަށް ގެންދާ ފަރިތަކުރުންތައް އެގައުމުގެ ތަރި ނޭމާ ބައިވެރިނުކޮށް ކުރިޔަށް ގެންގޮސްފިއެވެ.

ހޯމަ ދުވަހު ބޭއްވި ބްރެޒިލްގެ ފަރިތަކުރުންތަކުގައި ނޭމާ ފެންނަން ނެތެވެ. އޭނާ މި ފަރިތަކުރުންތަކުގައި ބައިވެރިވެފައިނުވާއިރު ގްރޫޕް ފިޔަވަހީގެ ފުރަތަމަ މެޗުގައި ސްވިޓްޒަލޭންޑާއި ދެކޮޅަށް ބްރެޒިލް ކުޅުނު މެޗުގައި އޭނާއަށް ގިނަ ފައުލްތަކަކާއި އަމާޒުވިއެވެ. އެގޮތުން ސްވިޓްޒަލޭންޑްގެ ކުޅުންތެރިން އޭނާއަށް 10 ފައުލްކުރިއިރު މިއީ އެއް މެޗެއްގައި އެލެން ޝިއެރާއަށް 1998 ވަނަ އަހަރުގެ ވާރލްޑް ކަޕްގައި ޓިއުނީޝިއާއިން 11 ފައުލްކުރި ފަހުން ވާރލްޑް ކަޕެއްގައި އެއް ކުޅުންތެރިޔަކަށް އެންމެ ގިނަ ފައުލް އަމާޒުވި މެޗެވެ.

ސްވިޓްޒަލޭންޑާއި ދެކޮޅަށް ކުޅުނު މެޗު ވެގެންދިޔައީ ފެބްރުއަރީ މަހުގެ ފަހުން އޭނާ ވާދަވެރި މެޗެއްގައި ކުޅުނު ފުރަތަމަ ފަހަރަށެވެ. އެގޮތުން އޭނާގެ ކްލަބް ކަމަށްވާ ޕީއެސްޖީއަށް ކުޅެނިކޮށް ފެބްރުއަރީ މަހު ލިބުނު އަނިޔާއެއްގެ ސަބަބުން ފުޓްބޯޅަ ސީޒަނުގެ ބާކީ ބައިގައި އޭނާ އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ. އޭނާ ކުޅުމުގެ ތެރެއަށް އެނބުރި އައި ކްރޮއޭޝިއާ އަތުން 3-0 އިން ބްރެޒިލް މޮޅުވި ރަހުމަތްތެރިކަމުގެ މެޗުގައެވެ. އެ މެޗުގައި އޭނާ ލަނޑު ވެސް ޖެހިއެވެ.

ހޯމަ ދުވަހުގެ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިނުވާއިރު އަންގާރަ ދުވަހު ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިވިއެވެ. އެހެން ނަމަވެސް އޭގެ 10 މިނެޓު ފަހުން އޭނާ ވަނީ ބްރެޒިލްގެ ޓީމުގެ މެޑިކަލް ސްޓާފަކާއެކު ޓްރެއިނިން ދޫކޮށް ގޮސްފައެވެ.  

ބްރެޒިލްގެ މެޑިކަލް އޮފިސަރ ވިނީޝިއަސް ރޮޑްރިގޭޒް ބުނީ ނޭމާގެ ކަނާތު ފައިގެ ކުޑަހުޅުގައި ރިއްސުމުން އޭނާ ފަރިތަކުރުންތަކުގައި ބައިވެރިނުވާން ނިންމީ ކަމަށެވެ. އޭނާ ދިޔައީ ފިޒިއޮތެރަޕީ ފުރިހަމަކުރަން ކަމަށާއި އޭނާއަށް ތަދުވީ އެންމެފަހުން ކުޅުނު މެޗުގައި އޭނާއަށް ކުރި ފައުލްތަކުގެ ސަބަބުން ކަމަށް ރޮޑްރިގޭޒް ބުންޏެވެ. އޭނާ ބުނީ ދެން ކުރިޔަށް ގެންދާ ފަރިތަކުރުމެއްގައި ނޭމާ ބައިވެރިވާނެ ކަމަށާއި އެންމެ ފުރަތަމަ ވެސް ރާވައިފައި އޮތީ އޭނާއަށް ވަކިން ފަރިތަކުރުންތަކެއް ކުރިޔަށް ގެންދިޔުމަށް ކަމަށެވެ.

ސްވިޓްޒަލޭންޑްގެ ކުޅުންތެރިން ގަސްތުގައި ނޭމާއަށް ފައުލްކުރި ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް އެގައުމުގެ ކޯޗު އަދި ކެޕްޓަން ވެސް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

ދެވަނަ ބުރަށް ދިޔުމަށް ކޮސްޓަ ރިކާއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކުރަން ބްރެޒިލްއަށް ވަރަށް މުހިންމެވެ.

- ކޮމެންޓް