ފީފާ ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގައި ކުޅުނު ފުރަތަމަ މެޗުގެ އެންމެ ފަހު ވަގުތުގައި ކެޕްޓަން ހެރީ ކޭން ޖެހި ލަނޑާއެކު އިނގިރޭސިވިލާތް މެޗުން މޮޅުވެއްޖެއެވެ.
ރަޝިއާގެ ސިޓީއެއް ކަމަށްވާ ވޮލްގޮގްރަޑްގައި ހުންނަ ވޮލްގޮގްރަޑް އެރީނާގައި ޓިއުނީޝިއާ އާއި ދެކޮޅަށް ކުޅުނު މެޗުން އިނގިރޭސިވިލާތް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މިމެޗުގެ ކުރިން މި ދެ ޓީމު ވާރލްޑް ކަޕެއްގައި ކުޅެފައިވަނީ 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި ވާރލްޑް ކަޕްގައެވެ. އެ މެޗު 2-0 އިން ކާމިޔާބުކުރީ އިނގިރޭސިވިލާތެވެ. މި މެޗާއި އިނގިރޭސިން ކުރިމަތިލިއިރު އެޓީމު އެފްރިކާގެ ގައުމެއް އަތުން ވާރލްޑް ކަޕްގެ ތާރީހުގައި ވެސް ބަލިވެފައެއް ނުވެއެވެ.
ފުރަތަމަ ހާފު ފެށިގެން އިނގިރޭސިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. މި މެޗުގެ 11 ވަނަ މިނެޓުގައި އިނގިރޭސިންނަށް ލީޑު ނަގައިދިނީ އެގައުމުގެ ކެޕްޓަން ހެރީ ކޭންއެވެ. މި ލަނޑަށްފަހު ޓިއުނީޝީއާއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އަނިޔާވުމުގެ ސަބަބުން އެގައުމުގެ ކީޕަރު ދަނޑުން ބާލަން ޖެހުމެވެ.
އިނގިރޭސި ކުޅުންތެރިން ފުލުފުލުގައި ހަމަލާ އުފައްދަމުންދިޔަ ނަމަވެސް އެކުޅުންތެރިންނަށް މިހަމަލާތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފިފައެއް ނުވެއެވެ. ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ޓިއުނީޝިއާއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެގައުމަށް ޖަހައިދިނީ ފަރްޖާން ސަސީއެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޖެސޭ ލިންގާޑް ފޮނުވާލި ހަމަލާއެއް ވަނީ ޓިއުނީޝިއާގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.
ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ދެވަނަ ހާފުގައި ޓިއުނީޝިއާއިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެހެން ނަމަވެސް އެޓީމުގެ ފޯވާޑުންނަށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެއެވެ. މި މެޗުގައި އިނގިރޭސިން މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީވެސް ކޭންއެވެ.
މި މެޗުގައި ކުޅުން ނުކުތް އިނގިރޭސިވިލާތުގެ ފުރަތަމަ އެގާރައަކީ 2002 ވަނަ އަހަރުގެ ވާރލްޑް ކަޕްގައި ސްވިޑެންއާ ދެކޮޅަށް އެގައުމު ކުޅުނު މެޗުގައި ނުކުތް ފުރަތަމަ އެގާރާއިގެ ފަހުން ވާރލްޑް ކަޕަކަށް ނެރުނު އެގައުމުގެ އެންމެ ޒުވާން ފުރަތަމަ އެގާރައެވެ. މި މެޗުގައި ޖެހި ދެ ލަނޑާއެކު ކޭން ވެގެންދިޔައީ ޑިއޭގޯ ފޯލާންގެ ފަހުން އެއް މެޗެއްގައި ދެ ކީޕަރަކާއި ދެކޮޅަށް ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މި ގްރޫޕްގެ ދެވަނަ މެޗުގައި ބެލްޖިއަމްއިން ވަނީ 3-0 ގެ ނަތީޖާއަކުން ވާރލްޑް ކަޕްގައި އަލަށް ވާދަކުރާ ޕެނަމާ ބަލިކޮށްފައެވެ.
ކުރިޔަށް އޮތް މެޗުގައި ބެލްޖިއަމް އާއި ދެކޮޅަށް ޓިއުނީޝިއާ ނުކުންނައިރު އިނގިރޭސިވިލާތް ނުކުންނާނީ ޕެނަމާއާ ދެކޮޅަށެވެ.