ކ. މާލެ
|
17 ޖޫން 2018 | އާދީއްތަ 22:12
މެކްސިކޯ އަދި ޖަރުމަނު ކުޅުނު މެޗުގެ ތެރެއިން
މެކްސިކޯ އަދި ޖަރުމަނު ކުޅުނު މެޗުގެ ތެރެއިން
އޭއެފްޕީ
ފީފާ ވާރލްޑް ކަޕް 2018
ވާރލްޑް ކަޕް: މެކްސިކޯ އަތްދަށުވެ، އެންމެފަހުގެ ޗެމްޕިއަން ޖަރުމަނު ބަލިވެއްޖެ
މެކްސިކޯއިން ކާމިޔާބު ހޯދީ 1-0 ގެ ނަތީޖާއަކުން
މެކްސިކޯގެ ލަނޑު ޖެހީ ޒުވާން ފޯވާޑް ހާވިން ލޮޒާނޯ

ފީފާ ވާރލްޑް ކަޕްގެ ޑިފެންޑިން ޗެމްޕިއަނުން ކަމަށްވާ ޖަރުމަނު ކުޅުނު މެޗުގައި މެކްސިކޯ އަތުން އެ ޓީމު ބަލިވެއްޖެއެވެ.

ރަޝިއާގެ ލުޒްނުކީ ސްޓޭޑިއަމްގައި ކުޅުނު އެ މެޗުން ޖަރުމަނާއި ވާދަކޮށް މެކްސިކޯއިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މެޗާ ޖަރުމަނު ކުރިމަތިލިއިރު އެންމެ ފަހުން ކުޅުނު ހަތް ވާރލްޑް ކަޕްގައި ވެސް އެ ޓީމުން ވަނީ މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ. އާދީއްތަ ދުވަހު ކުޅުނު މެޗަށް ޖަރުމަނުން އެރުވި ފުރަތަމަ އެގާރައަކީ 2002 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ފައިނަލްގެ ފަހުން ވާރލްޑް ކަޕެއްގައި އެ ގައުމު ބޭނުން ކުރި އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިން ހިމެނޭ ފުރަތަމަ އެގާރައެވެ.

މެޗުގެ ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ޖަރުމަނުގެ ކުޅުންތެރިން މެކްސިކޯގެ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މެކްސިކޯއިން ވަނީ ކައުންޓާގައި މެކްސިކޯގެ ގޯލަށް ނުރައްކާކޮށްފައެވެ. މެކްސިކޯއިން މެޗުގެ 35 ވަނަ މިނެޓުގައި ލީޑު ނެގީ ވެސް ފުރިހަމަ ކައުންޓާއެއްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހާވިން ލޮޒާނޯއެވެ. އޭގެ ހަތަރު މިނެޓު ފަހުން ޓޯނީ ކްރޫސް ޖެހި ހިލޭ ޖެހުމެއް މެކްސިކޯގެ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައިވެއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ މެކްސިކޯއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި އެ ޓީމުން ކުޅެފައި ވަނީ ޑިފެންސަށް ވިސްނައިގެންނެވެ. މެކްސިކޯގެ ކުޅުންތެރިންނަށް އެ ހާފުގައި ވެސް ވަނީ ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ޖަރުމަނުގެ ކުޅުންތެރިން ތަކުރާރުކޮށް އުފައްދަމުންދިޔަ ހަމަލާތަކުގެ ހުރަހަކަށް ވެގެން ދިޔައީ މެކްސިކޯގެ ކީޕަރު ގުއިލާމޯ އޮޗޯއާއެވެ. މެޗުގެ އެންމެފަހު މިނެޓުގައި ޖަރުމަނުގެ ބެންޗުން އެރި ހޫލިއަން ބްރަންޓް ފޮނުވާލި ހަމަލާއެއް ވެސް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

މި މެޗުގައި ކުޅުނު މެކްސިކޯގެ ކެޕްޓަން ރަފައޭލް މާކުއޭޒް ވެގެން ދިޔައީ ޖެހިޖެހިގެން ފަސް ވާރލްޑް ކަޕެއްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާއަށެވެ. މި މެޗުގައި މެކްސިކޯގެ ގޯލު ބެލެހެއްޓި އޮޗޯއާ ނުވަ ހަމަލާއެއް ދިފާއުކުރިއެވެ.

ކުރިޔަށް އޮތް މެޗުގައި ޖަރުމަނު ސްވިޑެން އާއި ދެކޮޅަށް ނުކުންނައިރު މެކްސިކޯ ނުކުންނާނީ ދެކުނު ކޮރެއާ އާއި ދެކޮޅަށެވެ.

- ކޮމެންޓް