ކ. މާލެ
|
18 ޖޫން 2018 | ހޯމަ 03:39
މިސްރުގެ ފަރިތަކުރުންތަކުގައި ސަލާހު ބައިވެރިވަނީ - މި ވާރލްޑް ކަޕާއި އޭނާ ކުރިމަތިލީ އަނިޔާގައި ހުރެ
މިސްރުގެ ފަރިތަކުރުންތަކުގައި ސަލާހު ބައިވެރިވަނީ - މި ވާރލްޑް ކަޕާއި އޭނާ ކުރިމަތިލީ އަނިޔާގައި ހުރެ
އޭއެފްޕީ
ފީފާ ވާރލްޑް ކަޕް 2018
ރަޝިއާ އާއި ދެކޮޅަށް ސަލާހު ކުޅޭނެ
ސަލާހުއަށް އަނިޔާވީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި
ފުރަތަމަ މެޗުގައި އޭނާ އިނީ ބެންޗުގައި

ފީފާ ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގެ ދެވަނަ މެޗުގައި ރަޝިއާ އާއި ދެކޮޅަށް މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ކުޅޭނެ ކަމަށް އެގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފިއެވެ.

ސަލާހުއަށް އަނިޔާވީ ވާރލްޑް ކަޕްގެ ކުރިން އޭނާގެ ކްލަބް ކަމަށްވާ ލިވަޕޫލާއެކު ކުޅުނު މެޗެއްގައެވެ. އެގޮތުން އޭނާއަށް އަނިޔާވީ 3-1 ގެ ނަތީޖާއަކުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑް އަތުން ލިވަޕޫލް ބަލިވި މެޗުގައެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ސާޖިއޯ ރާމޯސްއާ އެކު ބޯޅަ ހޯދުމަށް މަސައްކަތްކުރަމުން ދަނިކޮށް ސަލާހު ވެއްޓުނު ވަގުތު އޭނާގެ އަތަށާއި ކޮނޑުހުޅަށް އަނިޔާވެފައިވެއެވެ. މި އަނިޔާގެ ސަބަބުން އޭނާއަށް ވާރލްޑް ކަޕް ގެއްލޭނެ ކަމުގެ ބިރު ވެސް އޮތެވެ.

އެހެން ނަމަވެސް ވާރލްޑް ކަޕްގައި މިސްރު ކުޅުނު ފުރަތަމަ މެޗަށް އޭނާ ފިޓުވާނެ ކަމަށް މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުންޏެވެ. އެހެން ނަމަވެސް އުރުގުއޭ އާއި ދެކޮޅަށް ކުޅެ 1-0 އިން މިސްރު ބަލިވި މެޗުގައި ސަލާހު ކުޅެފައެއް ނުވެއެވެ. އޭނާ އެ މެޗުގައި އިނީ ބެންޗުގައެވެ. އެ މެޗުގައި މިސްރު ބަލިވީ 89 ވަނަ މިނެޓުގައި އުރުގުއޭގެ ހޯސޭ މާރިއާ ހިމެނޭޒް ޖެހި ލަނޑަކުންނެވެ.

އެ މެޗަށްފަހު މިސްރުގެ ކޯޗު ހެކްޓަރ ކޫޕަރ ބުނީ ސަލާހު ކުޅެން އަރުވަން ބޭނުންވި ކަމަށާއި އެހެން ނަމަވެސް އޭނާ އެ މެޗުގައި ބޭނުންނުކުރީ ރިސްކެއް ނަގަން ބޭނުންނުވާތީ ކަމަށެވެ. ސަލާހު ވަނީ ހޮނިހިރު ދުވަހު ފުރަތަމަ ފަހަރަށް މިސްރުގެ ހުރިހާ ފަރިތަކުރުމެއްގައި ބައިވެރިވެފައެވެ.

މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިއާ އާއި ދެކޮޅަށް މިސްރު ކުޅޭ މެޗަކީ އެގައުމަށް ވަރަށް މުހިންމު މެޗެކެވެ. އެގޮތުން ދެވަނަ ބުރަށް ދިޔުމަށް ކުރިޔަށް އޮތް ދެ މެޗު އެ ޓީމުން ކާމިޔާބުކުރަން ޖެހޭއިރު ރަޝިއާއިން ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފައެވެ.

މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ ފުރަތަމަ މެޗަށް ވެސް ސަލާހު ހުރީ ފިޓުކޮށް ކަމަށާއި އެހެން ނަމަވެސް ކޯޗު އޭނާ ރިސްކްކުރަން ބޭނުންނުވީ ކަމަށެވެ. އެހެންކަމުން އޭނާ ދެވަނަ މެޗަށް ނުކުންނާނެ ކަމަށް މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެއެވެ.

މިސްރުގެ ތަމްރީންތަކުގައި ނަގާފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ސަލާހު ޖާޒީ ވެސް ލަނީ މީހުންގެ އެހީތެރިކަމާއެކުއެވެ. މި ފޮޓޯތަކާއެކު ސަލާހު 100 އިންސައްތަ ފިޓު ނޫން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

3-1 ގެ ނަތީޖާއަކުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑް އަތުން ލިވަޕޫލް ބަލިވި މެޗުގައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ސާޖިއޯ ރާމޯސްއާ އެކު ބޯޅަ ހޯދުމަށް މަސައްކަތްކުރަމުން ދަނިކޮށް ސަލާހު ވެއްޓުނު ވަގުތު އޭނާގެ އަތަށާއި ކޮނޑުހުޅަށް އަނިޔާވެފައިވެއެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި މިސްރު ހިމެނިފައި ވަނީ އުރުގުއޭ އަދި ރަޝިއާގެ އިތުރުން ސައުދީ އަރަބިއްޔާއާ އެކު ގްރޫޕް އޭގައެވެ. ގްރޫޕް ފިޔަވަހީގެ ދެވަނަ މެޗުގައި އަންނަ އަންގާރަ ދުވަހު ރަޝިއާ އާއި ދެކޮޅަށް މިސްރު ނުކުންނައިރު މި މަހުގެ 25 ވަނަ ދުވަހު ގްރޫޕް ފިޔަވަހީގެ އެންމެ ފަހު މެޗުގައި މިސްރު ނުކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ.

- ކޮމެންޓް