ކ. މާލެ
|
15 ޖޫން 2018 | ހުކުރު 22:51
ސައުދީގެ ޖެނެރަލް ސްޕޯޓްސް އޮތޯރިޓީގެ ޗެއާމަން ތުރާކީ އަލް ޝައިހް
ސައުދީގެ ޖެނެރަލް ސްޕޯޓްސް އޮތޯރިޓީގެ ޗެއާމަން ތުރާކީ އަލް ޝައިހް
ގެޓީ އިމޭޖަސް
ފީފާ ވާރލްޑް ކަޕް 2018
ކޮމެންޓްރީއާ މެދު ހިތްހަމަނުޖެހި ބީން ސްޕޯޓްސްއާ ދެކޮޅަށް ދައުވާކުރަން ސައުދީއިން ނިންމައިފި
ބީން ސްޕޯޓްސްއަކީ ޤަތަރަށް ނިސްބަތްވާ ބްރޯޑްކާސްޓަރެއް

ފީފާ ވާރލްޑް ކަޕް ހުޅުވުމަށް މުބާރާތް ބާއްވާ ގައުމު ކަމަށް ރަޝިއާ އަދި ސައުދީ އަރަބިއްޔާ ކުޅުނު މެޗުގެ ކޮމެންޓްރީއާ މެދު ހިތްހަމަނުޖެހޭކަން ހާމަކޮށް ބީން ސްޕޯޓްސްއާ ދެކޮޅަށް ދައުވާ އުފުލުމަށް ސައުދީ އަރަބިއްޔާއިން ނިންމައިފިއެވެ.

ރަޝިއާ އަތުން 5-0 ގެ ނަތީޖާއަކުން ސައުދީ ބަލިވި މެޗުގައި ބީން ސްޕޯޓްސްއިން ކޮމެންޓްރީ ގެނެސްދީފައިވަނީ ރަޝިއާ ކޮޅަށް ޖެހިގެން ކަމަށް ސައުދީގެ ކުޅިވަރާއި ބެހޭ ވަޒީރު ވަނީ ތުހުމަތު ކުރައްވާފައެވެ.

ބީން ސްޕޯޓްސްއަކީ ޤަތަރަށް ނިސްބަތްވާ ބްރޯޑްކާސްޓަރެކެވެ. ސައުދީގައި ބީން ސްޕޯޓްސް ބްލޮކް ކޮށްފައިވީ ނަމަވެސް އެ ގައުމުން ވަނީ ބީން ސްޕޯޓްސްއާ ދެކޮޅަށް ދައުވާ ކުރުމަށް ނިންމާފައެވެ.

ސައުދީގެ ޖެނެރަލް ސްޕޯޓްސް އޮތޯރިޓީގެ ޗެއާމަން ތުރާކީ އަލް ޝައިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބީން ސްޕޯޓްސްއާ އެ ކުންފުނީގެ މުވައްޒަފުންނާއި ދެކޮޅަށް އެކަށީގެންވާ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެ ޗެނަލްއިން ކޮމެންޓްރީ ގެނެސްދީފައިވަނީ ސިޔާސީ މަންފާއެއް ހޯދުމަށް އެއް ފަޅިއަކަށް ޖެހިގެން ކަމަށާއި މިކަމުން ވެސް ހާމަވަނީ އެ ޗެނަލް ބްލޮކް ކުރުމަށް ސައުދީގެ އިދާރާތަކުން ނިންމި ނިންމުމަކީ ރަނގަޅު ކަމެއްކަން ކަމަށެވެ.

ސައުދީ ކޮޅަށް ރަޝިއާއިން ފަސް ލަނޑު ޖެހުމާއެކު އެގައުމުގެ ކުޅުންތެރިންނަށް ވަނީ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. މި މެޗުން ބަލިވުމާއެކު ވާރލްޑް ކަޕްގައި އެންމެފަހުން ކުޅުނު 11 މެޗުން ވެސް ސައުދީ ވަނީ ބަލިވެފައެވެ.

ކުރިޔަށް އޮތް މެޗުގައި އަންނަ ބުދަ ދުވަހު ސައުދީ ނުކުންނާނީ އުރުގުއޭއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް