ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކޯޗުކަމުން ޒައިނުއްދީން ޒިދާން މިދިޔަ މަހު އިސްތިއުފާ ދިނުމަށްފަހު އެޓީމުގެ ކޯޗަކަށް ގެންނާނީ ކާކުތޯއާއިމެދު ގިނަ ބަހުސްތަކެއް ކުރެވެމުންދަނިކޮށް، ސްޕެއިންގެ ޤައުމީ ޓީމުގެ ކޯޗު ހޫލެން ލެޕަތެޣީ ގެންނަން އެޓީމުން ނިންމައިފިއެވެ.
ލެޕަތެޣީ ރެއާލްއާއި ހަވާލުވާނީ ވޯލްޑްކަޕަށް ފަހުގައެވެ. 2016ވަނަ އަހަރުގެ ޖުލައި މަހު ސްޕެއިންގެ ޤައުމީ ޓީމާއި ހަވާލުވުމުގެ ކުރިން އުމުރުން 51 އަހަރުގެ ލެޕަތެޣީ ވަނީ 2 އަހަރު ވަންދެން ޕޯޓޯގެ ކޯޗުކަން ކޮށްފައެވެ.
ލެޕަތެޣީއަކީ އޭނާގެ ކުޅުމުގެ ކެރިއަރުގައި ގޯލްކީޕަރެކެވެ. އަދި އެއް މެޗުގައި ރެއާލްއަށްވެސް ކުރިން ކުޅެފައިވެއެވެ. އެހެންނަމަވެސް ލެގްރާނޭސްއަށް 107 މެޗް ކުޅެދީފައިވެއެވެ.
ލެޕަތެޣީ ވަނީ މީގެ ކުރިން ސްޕެއިންގެ ޒުވާން ޤައުމީ ޓީމަށްވެސް ކޯޗުކޮށްދީފައެވެ. އެގޮތުން 2003ވަނަ އަހަރު ކޯޗިން ކެރިއަރ ލެޕަތެޣީ ފެށީ ސްޕެއިންގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ. އަދި އޭގެ ފަހުގައި 19 އަހަރުން ދަށް، 20 އަހަރުން ދަށް އަދި 21 އަހަރުން ދަށުގެ ޤައުމީ ޓީމަށް ކޯޗުކޮށްދީފައިވެއެވެ.
2013ވަނަ އަހަރު ލެޕަތެޣީގެ ބެލުމުގެ ދަށުން ސްޕެއިންގެ ޤައުމީ ޓީމު ވަނީ ޔޫރަޕްގެ 21 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި މިއަހަރުގެ ވޯލްޑްކަޕަށް ސްޕެއިން ކޮލިފައިކޮށްދިންނަމަވެސް، ކްލަބް ލެވެލްގައި ލެޕަތެޣީއަށް މާބޮޑު ކާމިޔާބީއެއް ލިބިފައެއް ނެތެވެ.
ރެއާލް މެޑްރިޑަށް ލެޕަތެޣީ އަންނައިރު ސްޕެއިންގެ ޤައުމީ ޓީމުގައި ހިމެނޭ ސަރޖިއޯ ރާމޯސް އަދި އިސްކޯއާއިިއެކު ރަނގަޅު ގުޅުމެއް އޮންނާތީ، ރެއާލްއަށް ހޭނުމަށް އޭނާއަށް އުނދަގޫވާނެކަމަށް ނުބެލެވެއެވެ. އެހެން ނަމަވެސް މި ދަނޑިވަޅަކީ ރެއާލްގެ މުހިއްމު ކުޅިންތެރިންކަމަށްވާ ގެރެތު ބޭލް އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ޓީމު ދޫކޮށް ގޮސްދާނެކަމުހެ އިޝަރާތްތަކެއް ދީފައިވާ ދަނޑިވަޅެކެވެ. އެހެންކަމުން ޓީމާއި ހަވާލުވުމަށްފަހު ލެޕަތެޣީއަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކަށް މިމައްސަލަވުން އެކަށީގެންވެއެވެ.
ރެއާލްއިން ކުއްލިއަކަށް ކޯޗެއް ހަމަޖެއްސިކަން އަންގާރަ ދުވަހު އިއުލާންކޮށްފައި މިވަނީ ސްޕެއިންގެ ކުޅިވަރު ނޫހެއްކަމަށްވާ މާސާއިން ހޯމަ ދުވަހު، ރެއާލްއިން ގެންނަން އުޅެނީ ޓޮޓެންހަމްގެ ކޯޗް މޮރީޝިއޯ ޕޮޗެޓީނޯކަމަށް ބެލެވޭކަމަށް ރިޕޯޓްކޮށްފައި ވަނިކޮށެވެ. މީގެ އިތުރުން ލިވަރޕޫލްގެ ޖަރގެން ކްލޮޕް، ޗެލްސީގެ އެންޓޯނިއޯ ކޮންޓޭ އަދި ރެއާލްގެ ކުރީގެ ކުޅުންތެރިއެއްކަމަށްވާ މައިކަލް ލޮޑްރަޕްވެސް ގެނެސްދާނެކަމަށް ބެލެވުނެވެ.
ވޯލްޑްކަޕް ފެށެން ދެތިން ދުވަހަށް ވެފައިވަނިކޮށް، އަދި ސްޕެއިންގެ ޓީމު ގޮވައިގެން ގޮސް ރަޝިޔާގައި ލެޕަތެޣީ ހުއްޓައި، ރެއާލްއިން އޭނާ ގެންނަކަން އިއުލާންކުރީ ކީއްވެތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ.