ބްރެޒިލްގެ ތަރި ނޭމާ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގައި ހުރީ ހިތްހަމަޖެހިގެންކަން އެނގޭ ކަމަށް ބާސެލޯނާއަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ ފޯވާޑް އިވާން ރަކިޓިޗް ބުނެފިއެވެ.
މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ބާސެލޯނާ ދޫކޮށް ނޭމާ ޕީއެސްޖީއަށް ބަދަލުވީ 222 މިލިއަން ޔޫރޯގެ ފީއަކަށެވެ. އެހެން ނަމަވެސް އަނެއްކާ ވެސް އޭނާ ކްލަބް ބަދަލުކުރަން ބޭނުންވާ ކަމުގެ އަޑުތައް ވަނީ މީޑިއާގައި ގަދަވެފައެވެ. އެގޮތުން ބާސާގެ ވާދަވެރި ރެއާލް މެޑްރިޑަށް ނޭމާ ބަދަލުވާން އުޅޭކަމަށް ގިނަ މީޑިއާތަކަކުން ވަނީ ރިޕޯޓްކޮށްފައެވެ. މިކަމާއި ގުޅިގެން އުމުރުން 26 އަހަރުގެ ނޭމާއާއެކު ބާސާގައި ކުޅުނު ކުޅުންތެރިން އަންނަނީ އޭނާ ރެއާލްއަށް ބަދަލުނުވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް މީޑިއާގައި ބުނަމުންނެވެ.
މެޑްރިޑަށް ނިސްބަތްވާ ކުޅިވަރު މަޖައްލާއެއް ކަމަށްވާ މާސާއާ ވާހަކަ ދައްކަމުން ރަކިޓިޗް ބުނީ ނޭމާ ރެއާލްއަށް ބަދަލުވާން ބޭނުންނުވާ ކަމަށެވެ. އެހެން ނަމަވެސް ހުރިހާ ނިންމުމެއް ވެސް ނިންމަން ޖެހޭނީ އަމިއްލައަށް ކަމަށް ރަކިޓިޗް ބުންޏެވެ. އޭނާ ބުނީ ނޭމާ ޕީއެސްޖީގައި ހުރީ ހިތްހަމަޖެހިގެން ކަމަށާއި އެގޮތަށް އޭނާ ބާސާގައި ވެސް ހުރީ ހިތްހަމަޖެހިގެން ކަމަށެވެ. ބާސާގައި ވެސް ހިތްހަމަޖެހިގެން ހުރެ ކަމަށް ބުނެ އޭނާ ބާސާ ވެސް ދޫކޮށްލި ކަމަށް ރަކިޓިޗް ބުންޏެވެ. އޭނާ ބުނީ ނޭމާގެ ކުރިމަގު ނިންމުމުގެ ބާރު އޮތްނަމަ އޭނާ ޕީއެސްޖީގައި މަޑުކުރުވާނެ ކަމަށެވެ.
ނޭމާ ޕީއެސްޖީ ދޫކޮށް ރެއާލްއަށް ބަދަލުވާނަމަ ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް ދޫކޮށްލާނެ ކަމަށް ބެލެވެއެވެ. އުމުރުން 30 އަހަރުގެ ކްރިސްޓިއާނޯއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ރަކިޓިޗް ބުނީ އޭނާ ރެއާލް ދޫކޮށްލާނެކަން ގަބޫލުނުކުރެވޭ ކަމަށާއި އެހެން ނަމަވެސް ފުޓްބޯޅައިގައި ވަރަށް ގިނަ ކަންކަން ވަރަށް އަވަހަށް ހިނގާ ކަމަށެވެ. އޭނާ ބުނީ ރޮނާލްޑޯ ރެއާލް ދޫކޮށްލައިފިނަމަ ވަރަށް އުފާވާނެ ކަމަށާއި އެއީ އެކަން އޮންނާނެ ގޮތް ކަމަށެވެ.
ޔޫރަޕުގެ ފުޓްބޯޅައިގެ ތާރީހު ރެއާލްއިން ލިޔުނު ނަމަވެސް ރަކިޓިޗް ވަނީ ބާސާއާއެކު ސްޕެއިންގައި ކުޅޭ އެންމެ ޝަރަފުވެރި ދެ މުބާރާތް ކާމިޔާބުކޮށްފައެވެ. މިދިޔަ ސީޒަނުގައި ރަކިޓިޗް ބާސާއަށް 55 މެޗު ކުޅުނުއިރު އޭނާ އެ ޓީމަށް ހަތަރު ލަނޑު ޖަހައިދިނެވެ. މިވަގުތު އޭނާ ހުރީ ކްރޮއޭޝިއާގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕްގައި ކުޅުމަށް ރަޝިއާއަށް ގޮހެވެ. ކްރޮއޭޝިއާ ހިމެނިފައިވަނީ ނައިޖީރިއާ އަދި އާޖެންޓީނާގެ އިތުރުން އައިސްލޭންޑާއެކު ގްރޫޕް ޑީގައެވެ.