ކ. މާލެ
|
12 ޖޫން 2018 | އަންގާރަ 07:54
ޑޭވިޑް ޑެހެއާ
ޑޭވިޑް ޑެހެއާ
ގޯލް.ކޮމް
ޑޭވިޑް ޑެހެއާ
ރޯނާލްޑޯއާ ކުރިމަތިލާން ޑެހެއާ ތައްޔާރު
މިއަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން އަދި ޕޯޗުގަލް ހިމެނިފައިވަނީ އެއް ގްރޫޕެއްގައި

ބުރާސްފަތި ދުވަހު ރަޝިއާގައި ފަށާ ފީފާ ވޯލްޑް ކަޕްގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ ކުރިމަތިލާން ހުރީ ތައްޔާރަށް ކަމަށް ސްޕެއިންގެ ކީޕަރު ޑޭވިޑް ޑެހެއާ ބުނެފިއެވެ.

މިއަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން އަދި ޕޯޗުގަލް ހިމެނިފައިވަނީ އެއް ގްރޫޕެއްގައެވެ. ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސްޕެއިން ހުކުރު ދުވަހު ނުކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯއަކީ ޑެހެއާއަށް އެންމެ ނުރައްކާކުރާނެ ކުޅުންތެރިޔާއެވެ. މިދިޔަ ސީޒަނުގައި ވެސް ރޮނާލްޑޯ 44 ލަނޑު ޖެހިއެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޑެހެއާ ބުނީ ފުރަތަމަ މެޗަކީ އަބަދުވެސް މުހިންމު މެޗެއް ކަމަށާއި ޕޯޗުގަލް ފަދަ އުނދަގޫ އަދި މޮޅު ޓީމަކާއި ދެކޮޅަށް ކުޅުން ވެގެންދާނީ އިމްތިހާނަކަށް ކަމަށެވެ. ކޮލިފައިންގައި ވެސް ކުޅުނު ގޮތަށް އަމިއްލަ ގޭމް ކުޅެވޭތޯ އިސްކަން ދޭންޖެހޭ ކަމަށް ޑެހެއާ ބުނެފައިވެއެވެ. ޑެހެއާ ބުނީ ރޮނާލްޑޯގެ ފަހަތުގައި ވަރުގަދަ ޓީމެއް އެބައޮތް ކަމަށާއި އެއީ ޔޫރަޕުގެ ޗެމްޕިއަނުން ކަމުން އެއްވެސް ވަރަކަށް މެޗު ފަސޭހަކޮށްގެން ނުވާނެ ކަމަށެވެ.

އުމުރުން 27 އަހަރުގެ ކީޕަރު އިކަރ ކަސިޔަސް އަތުން ސްޕެއިންގެ އަންގި ނެގިފަހުން އޭނާއަކީ އެގައުމުގެ އެއް ނަމްބަރު ކީޕަރެވެ. އޭނާގެ ފަރާތުން މޮޅު ކުޅުމެއް އަބަދުވެސް ފެނުނު ނަމަވެސް ހެދޭ ބައެއް ގޯސްތަކުގެ ސަބަބުން ފާޑުކިޔުންތަކާއި އަމާޒުވެސްވެއެވެ.

އަމާޒުވާ ފާޑުކިޔުންތަކާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޑެހެއާ ބުނީ އެފަދަ ވާހަކަތަކާއި ގުޅިގެން ކަންކުރަން ޖެހޭ ގޮތް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ކިތަންމެ ރަނގަޅަށް ކަންކަންކުރި ނަމަވެސް ފާޑުކިޔުންތަކާއި އަމާޒުވާނެ ކަމަށެވެ. ވަކިން ހާއްސަކޮށް ގޯލްކީޕަރެއްގެ ފަރާތުން ހެދޭ ގޯސްތަކަށް ސަމާލުކަން ލިބޭ ކަމަށާއި ރަހުމަތްތެރިކަމުގެ މެޗެއްގައި އެފަދަ ގޯހެއް ހެދުން ވޯލްޑް ކަޕެއްގައި ހެދުމަށްވުރެ މާ ރަނގަޅު ކަމަށް ޑެހެއާ ބުންޏެވެ. އޭނާ ބުނީ އަދިވެސް ކަންކަން ރަނގަޅު ކުރުމަށް ވަގުތު އެބައޮތް ކަމަށާއި ކުރިއަރާނީ ހެދޭ ގޯސްތައް ރަނގަޅު ކޮށްގެން ކަމަށެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން ހިމެނިފައިވަނީ އީރާން އަދި މޮރޮކޯ އަދި ޔޫރަޕުގެ ޗެމްޕިއަނުން ކަމަށްވާ ޕޯޗުގަލްއާއެކު ގްރޫޕް ބީ ގައެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޖޫން މަހުގެ 15 ވަނަ ދުވަހު ޕޯޗުގަލްއާ ދެކޮޅަށް ސްޕެއިން ނުކުންނައިރު ދެވަނަ މެޗުގައި އޭގެ ފަސް ދުވަސް ފަހުން އެގައުމު ނުކުންނާނީ އިރާންއާ ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްޕެއިން ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.

ސްޕެއިންގެ ސްކޮޑުގައި ހިމެނޭ 23 ކުޅުންތެރިންގެ ތެރެއިން 10 ކުޅުންތެރިންނަކީ އެ ގައުމުގެ އެންމެ ބޮޑު ދެ ޓީމު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާގެ ކުޅުންތެރިންނަށްވާއިރު އަންނަ ސީޒަނުގައި އޭނާ ރެއާލްއިން ފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ސްޕެއިންއަކީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަނުންނެވެ. އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި އެ ޓީމު ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް