ކ. މާލެ
|
12 ޖޫން 2018 | އަންގާރަ 07:54
ޖަސްޓިން ކްލައިވެޓް ރޯމާގެ ސްކާފެއް ހިފަހައްޓާލައިގެން
ޖަސްޓިން ކްލައިވެޓް ރޯމާގެ ސްކާފެއް ހިފަހައްޓާލައިގެން
ސޯޝަލް މީޑިއާ
ޓްރާންސްފާ މާކެޓް
ޖަސްޓިން ކްލައިވެޓް އޭއެސް ރޯމާއަށް
ރޯމާއަށް އޭނާ ބަދަލުވަނީ 20 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުން

ބާސެލޯނާއަށް ކުޅުނު ނެދަލޭންޑްސްގެ ފޯވާޑް ޕެޓްރިކް ކްލައިވެޓްގެ ދަރިފުޅު ޖަސްޓިން ކްލައިވެޓް އިޓަލީގެ އޭއެސް ރޯމާއަށް ބަދަލުވާން ނިންމައިފިއެވެ.

އުމުރުން 19 އަހަރުގެ ޖަސްޓިން ވަނީ ރޯމާގެ މެޑިކަލް ފުރިހަމަ ކުރުމަށް އިޓަލީއަށް ގޮސްފައެވެ. އަންގާރަ ދުވަހު އޭނާ މެޑިކަލް ފުރިހަމަ ކުރުމަށްފަހު ރޯމާގެ ކޮންޓްރެކްޓްގައި ސޮއިކުރާނެއެވެ. މިދިޔަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދި ރޯމާއަށް އޭނާ ބަދަލުވަނީ 20 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ނެދަލޭންޑްސްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އަޔަކްސް އެމްސަޓަޑަމްއަށް ޖަސްޓިން ކްލައިވެޓް ކުޅެން ފެށީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އޭގެ ދެ މަސް ފަހުން އޭނާގެ ފުރަތަމަ ސީނިއަރ ލަނޑު ޖެހިއިރު އޭނާ ވަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު 30 މެޗުގައި 10 ލަނޑު ޖަހާފައެވެ. މިކަމުގެ ސަބަބުން އޭނާއަށް ނެދަލޭންޑްސްގެ ގައުމީ ޓީމުން ފުރުސަތު ލިބިފައިވެއެވެ.

ޖަސްޓިން ކްލައިވަޓް ރޯމާއަށް ބަދަލުވާން ނިންމިއިރު އޭނާ ބޭނުންވަނީ އޭނާގެ ބައްޕަ ގޮތަށް ބާސެލޯނާއަށް ކުޅެންށެވެ. މީގެކުރިން ދިން އިންޓަވިއުއެއްގައި ޖަސްޓިން ކްލައިވެޓް ބުނެފައިވަނީ އޭނާ ނަމޫނާއެއްގެ ގޮތުގައި ބަލަނީ ރެއާލް މެޑްރިޑްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށާއި އުއްމީދަކީ އެހެން ނަމަވެސް ބާސެލޯނާއަށް ކުޅުން ކަމަށެވެ.

ޖަސްޓިން ކްލައިވެޓް ތަމްރީނުވީ އަޔަކްސްގެ އެކަޑަމީއިންނެވެ. އޭނާވަނީ ނެދަލޭންޑްސްގެ ސީނިއަރ ޓީމުގެ އިތުރުން އެކި އުމުރުފުރާތަކުގައި ގައުމު ތަމްސީލުކޮށްފައެވެ. ޖަސްޓިންގެ ބައްޕަ ޕެޓްރިކް ވެސް އަޔަކްސްއަށް އެންމެ ފުރަތަމަ ކުޅުނުއިރު ދެވަނަ ޓީމެއްގެ ގޮތުގައި ކުޅުނީ އިޓަލީގެ ޓީމެއް ކަމަށްވާ އޭސީ މިލާނަށެވެ. ރޯމާއަށް ޖަސްޓިން ބަދަލުވާން ނިންމުމާއި ވިދިގެން ގިނަ ބަޔަކު ބުނަމުން އަންނަނީ އޭނާ ހިނގަމުން އަންނަނީ ބައްޕަގެ ފިޔަވަޅުތައް މަތިން ކަމަށެވެ.

 ޖަސްޓިން ކްލައިވެޓް ވަނީ އޭނާ އަޔަކްސްއަށް ކުޅުނު 44 މެޗުގައި އެޓީމަށް 12 ލަނޑު ޖަހައިދީފައެވެ. އޭނާއަކީ ހަލުވި ވިންގަރެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކުޅުންތެރިޔެކެވެ.

- ކޮމެންޓް