އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މެރަޑޯނާއަށްވުރެ މޮޅުވާން ބޭނުންވާނަމަ ބާސެލޯނާގެ ފޯވާޑް އަދި މިވަގުތު އާޖެންޓީނާގެ ކެޕްޓަންކަން ކުރަމުން އަންނަ ލިއޮނެލް މެސީ ވާރލްޑް ކަޕް އުފުލާލަން ޖެހޭ ކަމަށް އިޓަލީގެ ލެޖެންޑް އަންދްރެއާ ޕިރްލޯ ބުނެފިއެވެ.
މެސީއަކީ މެރަޑޯނާއަށްވުރެ މޮޅު ކުޅުންތެރިޔެއް ކަމަށް އެތައް ބަޔަކު ބުނާއިރު މިކަމުގެ ސަބަބުން ފުޓްބޯޅަ ކުޅޭ އަދި ބަލާ ފަރާތްތަކުގެ މެދުގައި ފާއިތުވެދިޔަ އަހަރުތަކުގައި ހޫނު ބަހުސްތަކެއް ކުރެވިފައިވެއެވެ. ގިނަ މީހުން ދެކޭ ގޮތުގައި 1986 ވަނަ އަހަރުގެ ވާރލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދިނުމާއެކު މެރަޑޯނާއަކީ ދުނިޔޭގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއެވެ. އޭނާއަކީ ފީފާއިން ހޮވި 20 ވަނަ ގަރުނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ބްރެޒިލްގެ ލެޖެންޑް ޕެލޭއާއެކު ހިއްސާކުރި ކުޅުންތެރިޔާވެސްމެއެވެ.
މެދުކެނޑުމެއްނެތި ކުރެވެމުންދާ މި ބަހުސްގައި ޕިރްލޯ ވެސް ވަނީ އޭނާގެ ހިޔާލު ހިއްސާކޮށްފައެވެ. ބުރާސްފަތި ދުވަހު ފަށާ ވާރލްޑް ކަޕާއި ގުޅޭގޮތުން ދިން ހާއްސަ އިންޓަވިއުއްގައި ޕިރްލޯ ބުނީ ޓީމެއްގައި ގޮތުގައި އާޖެންޓީނާއަށް ވާރލްޑް ކަޕް ކާމިޔާބުކުރުން މުހިއްމުވާ އުސޫލުން ކުޅުންތެރިޔެއްގެ ގޮތުގައި މެސީއަށް ވެސް ވާރލްޑް ކަޕް ކާމިޔާބުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އޭނާ ބުނީ އަބަދުވެސް މެސީ އަޅާކިޔަނީ މެރަޑޯނާއަށް ކަމަށާއި އޭނާއަށްވުރެ މޮޅުވާން ބޭނުންވާނަމަ މެސީ ވާރލްޑް ކަޕް ކާމިޔާބުކުރަން ޖެހޭ ކަމަށެވެ. ވާރލްޑް ކަޕް ކާމިޔާބުނުކުރާ ނަމަ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި މެސީގެ ނަން ނުގުނޭނެ ކަމަށް ޕިރްލޯ ބުނެފައިވެއެވެ.
ވާރލްޑް ކަޕަށް އާޖެންޓީނާ ކޮލިފައިވުމުގައި ވެސް ދަތިތަކާއި ދިމާވިއެވެ. ހަމައެހެންމެ ވާރލްޑް ކަޕަށް ތައްޔާރުވުމަށް އެގައުމު ކުޅެމުން އަންނަ އެކުވެރިކަމުގެ މެޗުތަކުން ވެސް މާ ރަނގަޅު ނަތީޖާތަކެއް ހާސިލްކުރެވިފައެއް ނުވެއެވެ. މިއީ ވާރލްޑް ކަޕް ކާމިޔާބު ކުރުމަށް މެސީއަށް ލިބޭނެ އެންމެ ފަހު ފުރުސަތަށްވާއިރު މިފަހަރުގެ ވާރލްޑް ކަޕަށް ވެސް އާޖެންޓީނާ ދާނީ ފެވަރިޓުންގެ ގޮތުގައެވެ.
އާޖެންޓީނާއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޕިރްލޯ ބުނީ ވާރލްޑް ކަޕަށް ތައްޔާރުވުމަށް އާޖެންޓީނާއަށް އެކަށީގެންވާ ވަގުތު ލިބުނު ކަމަށާއި އެހެންކަމުން މިފަހަރުގެ ވާރލްޑް ކަޕްގައި އެގައުމުން ރަނގަޅު ނަތީޖާތަކެއް ނެރޭނެ ކަމަށެވެ. އާޖެންޓީނާގެ ޓީމުގައި ވަރަށް މޮޅު ކުޅުންތެރިން ތިބިކަން ފާހަގަކުރަމުން ޕިރްލޯ ބުނީ ޓީމުގައި ތިބި މުހިއްމު ކުޅުންތެރިން އެންމެ މޮޅު ކުޅުން ދައްކައިފިނަމަ އެޓީމަށް މުބާރާތުގައި ރަނގަޅު ހިސާބަކަށް ދަތުރުކުރެވޭނެ ކަމަށެވެ.
ގައުމީ ޓީމާއެކު މެސީ 20 އަހަރުން ދަށުގެ ފީފާ ވާރލްޑް ކަޕާއި އޮލިމްޕިކް ރަން މެޑަލް ހޯދިއިރު އޭނާގެ ކެޕްޓަން ކަމުގެ ދަށުން އާޖެންޓީނާ ވަނީ ޖެހިޖެހިގެން ބައިނަލްއަގްވާމީ ބޮޑު ތިން މުބާރާތެއްގެ ފައިނަލުން ބަލިވެފައެވެ. މިކަމުގެ ސަބަބުން ވެސް އާޖެންޓީނާގެ ގިނަ ރައްޔިތުން ދެކެނީ މެސީއަށްވުރެ މެރަޑޯނާއަކީ މޮޅު ކުޅުންތެރިޔެއްގެ ގޮތުގައެވެ. މި ބަހުސްގައި ފުޓްބޯޅައިގައި ޝާމިލުވާ އެތައް ބަޔަކު ބަސް ބުނެފައިވެއެވެ.
މިފަހަރުގެ ވާރލްޑް ކަޕްގައި އާޖެންޓީނާ ހިމެނިފައިވަނީ އައިސްލޭންޑާއި ކްރޮއޭޝިއާ އަދި ނައިޖީރިއާއެކު ގްރޫޕް ޑީ ގައެވެ.