އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގު ހޯދަން ބޭނުންވާނަމަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ގެންނަންޖެހޭ ކަމަށް ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ.
ގްރީޒްމަންއާ ގުޅިގެން މިގޮތަށް މެސީ ވާހަކަ ދައްކާފައިވާއިރު އަންނަ ސީޒަނުގައި ގްރީޒްމަން ފެންނާނީ ބާސާއިން ކަމަށް ބެލެވެއެވެ. އެގޮތުން އެޓްލެޓިކޯއާއެކު އެންމެ އެދެވޭ ކާމިޔާބު ނުހޯދޭތީ ގްރީޒްމަން އެހެން ޓީމަކަށް ބަދަލުވާން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
2015 ވަނަ އަހަރުގެ ފަހުން މެސީގެ ބާސެލޯނާއަށް ޗެމްޕިއަންސް ލީގުގެ ތަށި ހޯދިފައިނުވާއިރު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ހޯދުމަށް އެ ޓީމުން އަންނަނީ އައު ކުޅުންތެރިން ގެނައުމުގެ މަސައްކަތްކުރަމުންނެވެ. ނޫސްވެރިންނާއި ވާހަކަ ދައްކަމުން މެސީ ބުނީ އަލުން އަނބުރާ ޗެމްޕިއަންސް ލީގު ހޯދަން ބޭނުންވާނަމަ އެންމެ މޮޅު ކުޅުންތެރިން ޓީމުގައި ތިބެން ޖެހޭ ކަމަށާއި ގްރީޒްމަންއަކީ އޭގެތެރޭގައި ހިމެނޭ ކުޅުންތެރިޔެއް ކަމަށެވެ.
މެސީ ބުނީ ބާސާއިން ގްރީޒްމަން ގެނައުން ވެގެންދާނީ ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ކަމަށާއި އޭނާ ގެންނަން ކުރަމުންދާ މަސައްކަތް ނޭނގޭ ކަމަށެވެ. ގްރީޒްމަން ގެނައުމުގެ ހުރިހާ މައުލޫމާތެއް އެނގޭނީ ކޯޗާއި ޓްރާންސްފާގެ ކަންކަމުގައި އުޅޭ މީހުންނަށް ކަމަށް މެސީ ބުނެފައިވެއެވެ. ހަމައެހެންމެ ޗެމްޕިއަންސް ލީގު ހޯދުމަށް ދުނިޔޭގައި ތިބި އެންމެ މޮޅު ކުޅުންތެރިން ގެންނަންޖެހޭ ކަމަށް މެސީ ބުނެފައިވެއެވެ.
މެސީ ބުނީ ގްރީޒްމަންއަކީ އޭނާއަށް ވަރަށް ކަމުދާ ކުޅުންތެރިޔެއް ކަމަށާއި އަދި އެއީ އެންމެނަށް ވެސް އެނގޭ ކަމެއް ކަމަށެވެ. މެސީ ބުނީ ގްރީޒްމަންއަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިޔެއް ކަމަށެވެ. އޭނާ ބުނީ ގްރީޒްމަން ބާސާއަށް ބަދަލުވާން އުޅޭ ކަމަށް ބުނާ ވަހަކަތަކަށް އެއްވެސް ޖަވާބެއް ދެވެން ނެތް ކަމަށާއި އެހެން ނަމަވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިޔަކު އެ ޓީމާއި ގުޅުމަކީ ލިބޭނެ ކުރިއެރުމެއް ކަމަށެވެ.
ބާސާގެ އިތުރުން އިނގިރޭސިވިލާތުގެ މެންޗެސްޓާރ ޔުނައިޓެޑުން ވެސް އަންނަނީ އުމުރުން 27 އަހަރުގެ ފޯވާޑުގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ސްޕެއިންގެ ބައެއް ނޫސްތަކުން ވަނީ އޭނާ ބާސާއަށް ބަދަލުވުމަށް އެ ޓީމާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ބުނެ ހަބަރު ފަތުރާފައެވެ.
ގްރީޒްމަން ހޯދުމަށް ބާސާއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން އެޓްލެޓިކޯއިން ވަނީ ދާދިފަހުން ބާސާއަށް އިންޒާރުދީ ބަޔާނެއް ވެސް ނެރެފައެވެ. އެ ޓީމުން ވަނީ ގްރީޒްމަން ނުވިއްކާނެ ކަމަށް ބުނެ ދައްކަމުންދާ ވާހަކަ ތަކުރާރު ވެސް ކޮށްފައެވެ.
އެޓްލެޓިކޯއާ އެކު ގްރީޒްމަން ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވަނީ 2022 ވަނަ އަހަރު ކަމަށްވާއިރު އޭނާގެ ރިލީޒްފީއެއްގެ ގޮތުގައި ކޮންޓްރެކްޓްގައި ކަނޑައަޅާފައި ވަނީ 200 މިލިއަން ޔޫރޯއެވެ. އެހެން ނަމަވެސް މިއަހަރުގެ ޖުލައި މަހަށް ފަހު މި އަދަދު 100 މިލިއަން ޔޫރޯއަށް ދަށްވެގެން ދާނެއެވެ.
ގްރީޒްމަން ވަނީ މި ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ. އެޓްލެޓިކޯއާއެކު ޔުއެފާ ޔުރޮޕާ ލީގު ކާމިޔާބުކުރި ގްރީޒްމަން ވަނީ އެ ޓީމަށް ކުޅުނު 48 މެޗުގައި މި ސީޒަނުގައި 29 ލަނޑު ޖަހާފައެވެ.