އެމެރިކާގެ ނެޝެނަލް ބާސްކެޓްބޯލް އެސޯސިއޭޝަން މުބާރާތުގެ ޗެމްޕިއަންކަން ހަތަރު އަހަރުތެރޭ ތިން ވަނަ ފަހަރަށް ގޯލްޑެން ސްޓޭޓް ވޯރިއާރސް އިން ހޯދައިފިއެވެ.
އެންބީއޭގެ ޗެމްޕިއަންކަން ވޯރިއާރސް އިން ހޯދީ ފައިނަލުގައި ލެބްރޮން ޖޭމްސްގެ ކްލީވްލެންޑް ކެވެލިއަރސް ބަލިކޮށްގެންނެވެ. ކެވެލިއަރސްގެ މައްޗަށް ވޯރިއާރސް އިން ވަނީ ހަތަރު މެޗުގައި ވެސް ކުރި ހޯދާފައެވެ. އެންބީއޭ ފައިނަލްސް ކުޅޭ ގޮތުން ކުޅޭ ހަތް މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކުރާ ޓީމަކަށް މުބާރާތުގެ ތަށި ޔަގީންވެއެވެ. މިފަހަރުގެ ތަށި ވޯރިއާރސް ގެންދިޔައީ ފުރަތަމަ ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބުކޮށްގެންނެވެ.
އަމިއްލަ ކޯޓުގައި ކުޅުނު ފައިނަލްގެ ފުރަތަމަ މެޗު ވޯރިއާރސް އިން ގެންދިޔައީ 124 ޕޮއިންޓް އަދި 114 ޕޮއިންޓްއިންނެވެ. ދެވަނަ މެޗުގައި އެ ޓީމު ކުރި ހޯދީ 122 ޕޮއިންޓް 103 ޕޮއިންޓްއިންނެވެ. ފައިނަލްސްގެ ތިންވަނަ މެޗުގައި ކެވެލިއަރސްގެ ކޯޓުގައި ކުޅުނު މެޗު 110 ޕޮއިންޓް 102 ޕޮއިންޓް އިން ކާމިޔާބުކުރީ ވޯރިއާރސްއެވެ. އެންބީއޭގެ ތަށި ވޮރިއާރސް އިން ޔަގީކުރީ ހަތަރުވަނަ މެޗު 108 ޕޮއިންޓް 85 ޕޮއިންޓްއިން ކާމިޔާބުކޮށްގެންނެވެ.
މިފަހަރުގެ އެންބީއޭ ފައިނަލްސް އެމްވީޕީއަކަށް ހޮވުނީ ވޮރިއާރސްގެ ކެވިން ޑިޔުރަންޓްއެވެ. މިއީ އެންމެ މޮޅު ކުޅުންތެރިޔަކަށް ޑިޔުރަންޓް ޖެހިޖެހިގެން ހޮވުނު ދެވަނަ ފަހަރެވެ.
ފައިނަލްސްގެ ފަހު ތިން މެޗުގައި ޖޭމްސް ކުޅެފައި ވަނީ އަތަށް ލިބިފައިވާ އަނިޔާއަކާއެކުއެވެ. މިފަހަރުގެ ފައިނަލްސްއަކީ އޭނާ ކެވެލިއަރސްއަށް ކުޅޭނެ އެންމެ ފަހު ފައިނަލް ކަމަށް ރިޕޯޓްތައް ބުނެއެވެ.