ކ. މާލެ
|
9 ޖޫން 2018 | ހޮނިހިރު 22:29
ރަފައޭލް ނަޑާލް
ރަފައޭލް ނަޑާލް
ގެޓީ އިމޭޖަސް
ފްރެންޗް އޯޕަން
ފްރެންޗް އޯޕަން: ނަޑާލް 11 ވަނަ ފައިނަލަކަށް
އޭނާ ވަނީ މިހާތަނަށް ކުޅުނު 10 ފައިނަލް ވެސް ކާމިޔާބުކޮށްފައި

ފްރެންޗް އޯޕެންގެ ފައިނަލުން ރެކޯޑް 11 ވަނަ ފަހަރަށް ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ކަމަށްވާ ސްޕެއިންގެ ރަފައޭލް ނަޑާލް ޖާގަ ހޯދައިފިއެވެ.

އުމުރުން 32 އަހަރުގެ ނަޑާލް ފައިނަލުން ޖާގަ ހޯދީ ފަސްވަނައަށް ސީޑު ކުރެވިފައިވާ އާޖެންޓީނާގެ ހުއާން މާޓިން ޑެލްޕޮޓްރީ ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ނަޑާލް ގެންދިޔައީ 6-4، 6-1 އަދި 6-2 އިންނެވެ.

ފައިނަލުން ޖާގަ ހޯދުމަށް ފަހު ވާހަކަ ދައްކަމުން ނަޑާލް ބުނީ މިއީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި އަނެއްކާ ވެސް ފައިނަލުން ޖާގަ ލިބުމަކީ ގަބޫލުކުރަން ދަތި ކަމެއް ކަމަށެވެ. އޭނާ ބުނީ 2005 ވަނަ އަހަރު މި މުބާރާތުގެ ފުރަތަމަ ފައިނަލް ކުޅުނުއިރު ދެވަނަ ފައިނަލެއްގައި ކުޅުމަށް އުއްމީދުނުކުރާ ކަމަށާއި މިއީ ބުރަ މަސައްކަތާ އެކު ލިބުނު ކާމިޔާބެއް ކަމަށެވެ.

 މުބާރާތުގެ ފައިނަލުގައި ނަޑާލްއާ ދެކޮޅަށް ނުކުންނާނީ އޮސްޓްރިއާގެ ޑޮމިނިކް ތިއެމްއެވެ. އޭނާ ފައިނަލަށް ދަތުރުކުރީ އިޓަލީގެ މާކޯ ސެޗިނާޓޯ ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ތިއެމް ގެންދިޔައީ 7-5، 7-6 އަދި 6-1 އިންނެވެ.

ފްރެންޗް އޯޕަންގައި މިހާތަނަށް ނަޑާލް 87 މެޗު ކުޅެފައިވާއިރު އޭގެތެރެއިން އޭނާ ބަލިވީ އެންމެ ދެ މެޗުންނެވެ. ހަމައެހެންމެ ނަޑާލް ވެގެންގޮސްފައިވަނީ ރޯޖާ ފެޑެރާގެ ފަހުން އެއް ގްރޭންޑް ސްލޭމްއެއްގެ ފައިނަލުން ތަފާތު 11 ފަހަރު ޖާގަ ހޯދި ކުޅުންތެރިޔާއަށެވެ. އޭނާ ވަނީ މިހާތަނަށް ކުޅުނު 10 ފައިނަލް ވެސް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް