ކ. މާލެ
|
9 ޖޫން 2018 | ހޮނިހިރު 21:38
ހަޒާޑް ބެލްޖިއަމްގެ ޖާޒީގައި
ހަޒާޑް ބެލްޖިއަމްގެ ޖާޒީގައި
ގެޓީ އިމޭޖަސް
ފީފާ ވޯލްޑް ކަޕް 2018
ބެލްޖިއަމްގެ ގޯލްޑެން ޖެނެރޭޝަންގެ ކެޕްޓަން އުއްމީދުގައި
އެންމެފަހުން ކުޅުނު ވޯލްޑް ކަޕްއިން ބެލްޖިއަމް ކެޓީ ކުއާޓާ ފައިނަލުން
ބެލްޖިއަމްގެ ގައުމީ ޓީމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅުންތެރިން އެބަތިބި

ބެލްޖިއަމްގެ ގައުމީ ޓީމުގައި މިވަގުތު އޮތީ ގޯލްޑެން ޖެނޭރަޝަނެއް ކަމަށާއި އެކުޅުންތެރިން މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރަން ޖެހޭ ކަމަށް އެޓީމުގެ ކެޕްޓަން އެޑެން ހަޒާޑް ބުނެފިއެވެ.

އެންމެ ފަހުން ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ކުޅުނު އެންމެ ބޮޑު ދެ މުބާރާތް ކަމަށްވާ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުން ބެލްޖިއަމް ޖާގަ ހޯދިއެވެ. ބެލްޖިއަމްގެ ގައުމީ ޓީމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅުންތެރިން ތިބިއިރު އެ ކުޅުންތެރިންނަށް ޓީމެއްގެ ގޮތުގައި ނުކުޅެވޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިފަހަރުގެ ވޯލްޑް ކަޕަށް ވެސް އެގައުމު ދާނީ ކުރިން ކުޅުނު މުބާރާތްތަކަށް ވުރެ ދުރަށް ދިޔުމުގެ އުއްމީދުގައެވެ.

ރަޝިއާއަށް ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ހަޒާޑް ބުނީ ޓީމުގައި ތިބީ ހުސް މޮޅު ކުޅުންތެރިން ކަމަށާއި ޓީމުގައި ތިބީ ސްޕެއިން އަދި އިނގިރޭސިވިލާތާއި އިޓަލީގެ ޓީމުތަކަށް ކުޅޭ އެންމެ މޮޅު ކުޅުންތެރިން ކަމަށެވެ. އޭނާ ބުނީ މިއީ ބެލްޖިއަމްގެ ގޯލްޑެން ޖެނެރޭޝަން ކަމަށް ގިނަ ބަޔަކު ބުނާ ކަމަށާއި މިފެންވަރުގެ ކުޅުންތެރިންނާ އެކު މިއީ ގޯލްޑެން ޖެނެރޭޝަން ކަމަށް ބަލައިގަންނަން ޖެހޭ ކަމަށެވެ. އިނގިރޭސިވިލާތުގައި ވެސް ގޯލްޑެން ޖެނެރޭޝަނެއް އޮތް ކަމަށާއި އެހެން ނަމަވެސް 15 އަހަރު ވެގެން ދިޔައިރު ވެސް އެގައުމަށް މުބާރާތެއް ކާމިޔާބުކުރެވިފައިނުވާ ކަމަށް ހަޒާޑް ބުނެފައިވެއެވެ.

އޭނާ ބުނީ ބެލްޖިއަމްގެ ހުރިހާ ރައްޔިތުން ވެސް ބޭނުންވަނީ ގައުމަށް ކާމިޔާބު ކުރަން ކަމަށާއި ޓީމުގައި ތިބި ކުޅުންތެރިން ވެސް މަސައްކަތްކުރަނީ އެގޮތަށް ކަމަށެވެ. ހަމައެހެންމެ ވޯލްޑް ކަޕަށް ގައުމީ ޓީމުގެ ކުޅުންތެރިން ތިބީ ވަރަށް ކެތްމަދުވެފައި ކަމަށާއި އިނގިރޭސި ގައުމީ ޓީމަށް ވި ގޮތް ވާން ބޭނުންނުވާ ކަމަށް ހަޒާޑް ބުނެފައިވެއެވެ. އޭނާ ބުނީ މިހާރު ވެސް ކުރިޔަށްދަނީ މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ކަމަށާއި ވޯލްޑް ކަޕް ފެށެންވާއިރަށް ޓީމު އޮންނާނީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށެވެ.

ވޯލްޑް ކަޕްގައި ބެލްޖިއަމް ހިމެނިފައި ވަނީ ޓިއުނީޝިއާ އަދި ރަޝިއާގެ އިތުރުން ޕެނަމާއާ އެއް ގްރޫޕެއްގައެވެ. އޭނާ ބުނީ އިނގިރޭސިވިލާތާ ދެކޮޅަށް ކުޅޭ މެޗު ވަރަށް ހާއްސަ ވާނެ ކަމަށާއި އެހެން ނަމަވެސް އަނެއް ދެ މެޗަށް ވެސް ވިސްނަން ޖެހޭ ކަމަށެވެ. މީގެކުރިން އިނގިރޭސިވިލާތް ފެވަރިޓުންގެ ތެރޭގައި ގުނާ ކަމަށާއި އެހެން ނަމަވެސް ބެލްޖިއަމް އާއި ކުރިމަތިލާއިރު އެ ޓީމަކީ ފެވަރިޓުން ކަމަށް ނުބަލާނެ ކަމަށް ހަޒާޑް ބުނެފައިވެއެވެ.

ހަޒާޑަކީ ބެލްޖިއަމްގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ކުޅުންތެރިޔާއެވެ. އެކަމަށް އިޝާރާތްކޮށް ހަޒާޑް ބުނީ ކެޕްޓަނެއްގެ ގޮތުގައި ހުރުމަކީ އޭނާ ވަރަށް ކުރާ ހިތްވާ ކަމެއް ކަމަށާއި ދަނޑުމަތީގައި ލީޑަރެއްގެ ރޯލު އަދާކުރަން ބޭނުންވާ ކަމަށެވެ. އޭނާއެކޭ އެއްގޮތަށް އެހެން ކުޅުންތެރިން ވެސް ތިބޭ ކަމަށާއި އެ ކުޅުންތެރިންނަކީ ވެސް ބުނަންޖެހޭ އެއްޗެހި ބުނާނެ ކުޅުންތެރިން ކަމަށް ހަޒާޑް ބުނެފައިވެއެވެ.

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި  ޖޫން މަހުގެ 18 ވަނަ ދުވަހު ބެލްޖިއަމް ނުކުންނާނީ ޕެނަމާއާ ދެކޮޅަށެވެ.

- ކޮމެންޓް