ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާއިން އިޓަލީގެ ތަޖުރިބާކާރު ކީޕަރު ޖިއަންލުއީޖީ ބުފޮން ތިން މެޗަށް ސަސްޕެންޑްކޮށްފިއެވެ.
ބުފޮން ތިން މެޗަށް ސަސްޕެންޑްކުރަން ޔުއެފާއިން ނިންމީ މިނިމުނު ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅުނު ދެވަނަ ލެގުގެ މެޗުގައި އޭނާއަށް ދެއްކި ރަތް ކާޑާއި ވިދިގެންނެވެ.
އޭނާއަށް ރަތް ކާޑު ދައްކާފައިވަނީ އެމެޗުގައި ރެފްރީކަންކުރި މައިކަލް އޮލިވަރ އާއި ޒުވާބުކުރުމުންނެވެ. ބުފޮން ރެފްރީއާ ޒުވާބުކުރީ ރެއާލްއަށް ޕެނަލްޓީއެއް ދިނުމާއި ގުޅިގެންނެވެ. ރެފްރީ ޕެނަލްޓީ ނުދިންނަމަ މި މެޗު ދާނީ އެކްސްޓްރާ ޓައިމްއަށެވެ. މި މެޗުން ޔުވެންޓަސް ބަލިވެ މުބާރާތުން ކެޓީ ރެއާލްއަށް ލިބުނު ޕެނަލްޓީ ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރުމާއެކު 4-3 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިވުމުންނެވެ.
ރެފްރީ ޕެނަލްޓީ ދިނުމާއެކު ދަނޑުން ފޮނުވާލަންދެން ބުފޮން ވަނީ ރެފްރީއާ ޒުވާބުކޮށް އެ ނިންމުމާއި މެދު ނުރުހުންފާޅުކޮށްފައެވެ. މެޗު ނިމުމަށްފަހު ވެސް ބުފޮން ވަނީ ރެފްރީއާ ބަހުގެ ހޫނު ހަމަލާތަކެއް އަމާޒުކޮށްފައެވެ. މެޗުގައި ރެފްރީކަންކުރި މައިކަލް އޮލިވަރއަށް އަމާޒުކޮށް ބުފޮން ބުނީ އޭނާގެ ހިތެއް ނޯންނަ ކަމަށާއި ހިތެއްގެ ބަދަލުގައި އޮންނަނީ ޑަސްބިނެއް ކަމަށެވެ. އޭނާ ވަނީ މެޗުގެ ނަތީޖާ ރެއާލް ކޮޅަށް އެނބުރީ ރެފްރީ އެކަމަށް އެހީތެރިވުމުން ކަމަށް ބުނެފައެވެ.
ބުފޮންއާ ދެކޮޅަށް މިކަމުގައި ޔުއެފާއިން ތިން ތުހުމަތެއްކުރި ނަމަވެސް އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅާފައިވަނީ ދެކަމެއްގައެވެ.
ބުފޮން ވަނީ ޔުވެންޓަސްއިން އަންނަ ސީޒަނުގައި ނުފެންނާނެ ކަމަށް ބުނެފައެވެ. އަންނަ ސީޒަނުގައި އޭނާ ފެނުން އެންމެ އެކަށީގެންވަނީ ޔޫރަޕުގެ ގަދަ ބާރަކަށްވުމަށް މަސައްކަތްކުރަމުންދާ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިންނެވެ.
ޔުއެފާއިން ވަނީ ބުފޮންގެ އިތުރުން އިޓަލީގެ ރޯމާ އަދި އެތުލެޓިކް ބިލްބާއޯގެ އިތުރުން ސްޕާޓަކް މޮސްކޯއާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާފައެވެ.