ކ. މާލެ
|
6 ޖޫން 2018 | ބުދަ 20:48
ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް
ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް
ފީފާ
ޓްރާންސްފާ މާކެޓް
ބްރެޒިލްގެ ފްރެޑް ޔުނައިޓެޑަށް
ފްރެޑް ޔުނައިޓެޑާއި ގުޅިފައިވަނީ 52.5 މިލިއަން ޕައުންޑްގެ ފީއަކަށް

ޔޫކްރެއިންގެ ޝަކްތަރު ޑޮނޭޓްސްކްއަށް ކުޅެމުންދިޔަ ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.

ފްރެޑް ޔުނައިޓެޑާއި ގުޅިފައިވަނީ 52.5 މިލިއަން ޕައުންޑްގެ ފީއަކަށެވެ. މި ދެ ކްލަބްއިން ވެސް ވަނީ އޭނާ ކްލަބް ބަދަލުކުރިކަން ކަށަވަރު ކޮށްދީފައެވެ.

ޔުނައިޓެޑްގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނެއްގައި ވަނީ ފްރެޑްގެ ސޮއި ލިބުމަކީ އެ ޓީމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ޔުނައިޓެޑުން އަންނަނީ އެޓީމުގެ މިޑްފީލްޑު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިނިމުނު ސީޒަނަށް ފަހު މައިކަލް ކެރިކް ރިޓަޔާކުރުމާއެކު އެ ޓީމުގެ މިޑްފީލްޑަށް ވަނީ މައްސަލަތަކަކާއި ދިމާވެފައެވެ. ހަމައެހެންމެ އެ ޓީމަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފީލްޑަރު މަރުއާން ފެލައީނީ ވެސް އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފައެއް ނުވެއެވެ.

ފްރެޑްއަކީ ދެކުނު އެމެރިކާގެ ކުޅުންތެރިންނަށް ޔުނައިޓެޑްއިން އިސްކަން ދޭކަމުގެ މިސާލެކެވެ. އޭނާއަކީ ޔޫރަޕުގެ ފެންވަރުގައި ވެސް ވަރަށް ތަޖުރިބާ ހުރި ކުޅުންތެރިޔަކަށް ވާއިރު ބެލެވޭ ގޮތުގައި އަންނަ ސީޒަނުގެ މެންޗެސްޓާ ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން އޭނާއަށް ފުރުސަތު ލިބޭނެއެވެ.

ފްރެޑްގެ ކުރީގެ ކޯޗު މިރްޗާ ލުޗެސްކޫ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ޓީމަކަށް އޭނާ ބަދަލުވުމުން ވަރަށް އުފާވެފައި ހުރި ކަމަށާއި އޭނާއަށް ކޯޗުކަން ކޮށްދެވުމަކީ ލިބުނު ފަހުރެއް ކަމަށެވެ. އޭނާ ބުނީ އެންމެ ފުރަތަމަ އޭނާ ޝަކްތަރަށް ގުޅުނުއިރު ފްރެޑް ކުޅުނު މަގާމަށް އެހެން ދެ ކުޅުންތެރިން ކުޅުނު ކަމަށާއި އޭނާގެ ރޯލު ދަނޑުމަތީގައި ބަދަލުކުރީ އޭނާ ކަމަށެވެ.

ފްރެޑް ވަނީ މިހާތަނަށް އަށް ފަހަރެއްގެ މަތިން ބްރެޒިލްގެ ގައުމީ ޓީމަށް ކުޅެފައެވެ. މިއަހަރު ރަޝިއާގައި އޮންނަ ވޯލްޑް ކަޕަށްދާ ބްރެޒިލްގެ 23 ކުޅުންތެރިންގެ ސްކޮޑުން ވެސް ފްރެޑްއަށް ވަނީ ޖާގަދީފައެވެ.

ފްރެޑް ވަނީ 2015 ވަނަ އަހަރުގެ ތެރޭގައި މަނާ ބޭސް ބޭނުން ކުރުމާއި ގުޅިގެން ދެ އަހަރު ދުވަސް ވަންދެން ފުޓްބޯޅައާ ގުޅުން ހުރި ކަންކަމުން ސަސްޕެންޑްވެސް ކޮށްފައެވެ. އެހެން ނަމަވެސް 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އޭނާގެ ހުރިހާ ސަސްޕެންޝަނެއް ވަނީ ނިމުމަކަށް އައިސްފައެވެ.

ފްރެޑް ވަނީ ޝަކްތަރަށް ކުޅުނު 156 މެޗުގައި އެ ޓީމަށް 14 ލަނޑު ޖަހައިދީފައެވެ. އޭނާ ވަނީ އެ ޓީމާއެކު ޔޫކްރެއިން ލީގާއި ޔޫކްރެއިން ކަޕް ތިން ފަހަރު ކާމިޔާބު ކޮށްފައެވެ. ހަމައެހެންމެ އޭނާ ވަނީ އެ ޓީމާއެކު ޔޫކްރެއިން ސުޕާ ކަޕް ހަތަރު ފަހަރު ކާމިޔާބު ކޮށްފައެވެ.  

 

 

- ކޮމެންޓް