ކ. މާލެ
|
5 ޖޫން 2018 | އަންގާރަ 16:22
އުމްޓީޓީ އަދި ބާސެލޯނާގެ ރައީސް ބާޓޯމޯ
އުމްޓީޓީ އަދި ބާސެލޯނާގެ ރައީސް ބާޓޯމޯ
އެފްސީ ބާސެލޯނާ
އެފްސީ ބާސެލޯނާ
އުމްޓީޓީ އައު ކޮންޓްރެކްޓެއްގައި ސޮއި ކޮށްފި
އުމްޓީޓީ ވަނީ ބާސާއާއެކު ފަސްއަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި
އޭނާގެ ރިލީޒް ފީއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 500 މިލިއަން ޔޫރޯ

ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ އިތުބާރު ޑިފެންޑަރު ސެމުއެލް އުމްޓީޓީ އެޓީމާއެކު ހަދާފައިވާ އެއްބަސްވުން އައުކޮށްފިއެވެ.

އުމްޓީޓީ ވަނީ ބާސާއާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އެހެންކަމުން 2023 ވަނަ އަހަރުގެ ނިޔަލަށް އޭނާ ބާސާގެ ކުޅުންތެރިޔެއްގެ ގޮތުގައި ދެމިހުންނާނެއެވެ. މި ކޮންޓްރެކްޓްގެ ދަށުން އޭނާގެ ރިލީޒް ފީއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 500 މިލިއަން ޔޫރޯއެވެ. އެހެންކަމުން އެހެން ޓީމަކުން މި ކޮންޓްރެކްޓްގެ މުއްދަތުގެ ތެރޭގައި އޭނާ ގެންދަން ބޭނުންވާނަމަ 500 މިލިއަން ޔޫރޯއަށް ވުރެ ބޮޑު އަދަދެއް ދައްކަން ޖެހޭނެއެވެ.

މީގެކުރިން އުމްޓީޓީގެ ރިލީޒް ފީއަކީ 60 މިލިއަން ޔޫރޯއެވެ. މި އަދަދަކީ މިހާރުގެ މާކެޓަށް ބަލާއިރު ދަށް އަގެއްކަމުން މެންޗެސްޓާ ޔުނައިޓެޑްއިން ވަނީ އޭނާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ބާސެލޯނާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމޯ ބުނީ އޭނާގެ ރިލީޒް ފީ އެހާ ބޮޑުކުރަން ޖެހުނީ އެހެން ކްލަބްތަކުން އޭނާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން ކަމަށެވެ. އެހެންކަމުން މިހާރު އޭނާ ހޯދުމަށް އެހެން ޓީމަކުން ނުވެސް ވިސްނާނެ ކަމަށް ބާޓޮމޯ ބުނެފައިވެއެވެ.

އައު ކޮންޓްރެކްޓްގައި ސޮއި ކުރުމަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން އުމްޓީޓީ ބުނީ ފުރަތަމަ ދުވަހުން ފެށިގެން ބާސާއަކީ އޭނާގެ އަމިއްލަ ކްލަބެއްގެ ގޮތުގައި ދެކޭ ކަމަށާއި ބޭނުންވަނީ އެތަކެއް އަހަރުތަކެއް ވަންދެން ބާސާގެ ކުޅުންތެރިޔެއްގެ ގޮތުގައި ދެމިހުންނަން ކަމަށެވެ. އޭނާ ބުނީ ޓީމުގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި އެންމެންގެ ވެސް އިތުބާރު އޭނާއަށް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އޭނާ ބުނީ އަބަދު ވެސް ވިސްނަމުންދިޔައީ ބާސާއާއެކު އައު ކޮންޓްރެކްޓެއްގައި ސޮއިކުރަން ކަމަށާއި އެހެން ޓީމަކަށް ބަދަލުވާން ވިސްނާފައި ވެސް ނުވާނެ ކަމަށެވެ.

އުމްޓީޓީގެ އިތުރުން ބާސާއިން ދަނީ އެ ޓީމުގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސްގެ ކޮންޓްރެކްޓް އައުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ހަމައެހެންމެ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް އައު ކުޅުންތެރިން ގެނައުމަށް ވެސް އެ ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ.

ފްރާންސްގެ ލިޔޯން ދޫކޮށް 2016 ވަނަ އަހަރު 25 މިލިއަން ޔޫރޯގެ އެއްބަސްވުމުއްގެ ދަށުން ބާސާއަށް ބަދަލުވިފަހުން އުމްޓީޓީ އަންނަނީ އެ ޓީމުގެ ޑިފެންސް ބެލެހެއްޓުމުގައި ޖެރާޑް ޕީކޭއާއެކު މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ ބާސާއަށް ޖުމްލަ 83 މެޗު ހުރިހާ މުބާރާތެއްގައި ކުޅެދީފައެވެ. އޭނާ އަންނަނީ ފްރާންސްގެ ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރަމުންނެވެ.

- ކޮމެންޓް