މިނިމުނު ސީޒަނުގައި މެންޗެސްޓާ ސިޓީއިން ޕްރިމިއާ ލީގުގެ ތަށި ހޯދިއިރު އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ގެންދިޔަ ލެރޯއި ސާނޭ ބާކީކޮށް މިއަހަރުގެ ވޯލްޑް ކަޕަށްދާ އެގައުމުގެ ގައުމީ ޓީމުގެ ސްކޮޑް އިއުލާންކޮށްފިއެވެ.
ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ޖަރުމަނުން 27 ކުޅުންތެރިންގެ ޕްރެލިމިނަރީ ސްކޮޑެއް ނެގިއިރު އެ ސްކޮޑުން ބާކީކޮށްފައިވަނީ ސާނޭގެ އިތުރުން ބަޔާ ލެވަކޫސެންގެ ދެ ކުޅުންތެރިން ކަމަށްވާ ބަނާޑް ލީނޯ އަދި ޖޮނަތަން ޓާރ ގެ އިތުރުން ފްރެއިބާގްގެ ނިލްސް ޕެޓާސަންއެވެ.
ނުވަ މަސްދުވަހުގެ އިންޖަރީއަކަށް ފަހު ކުޅުމުގެ ތެރެއަށް އެނބުރި އައި މެނުއެލް ނޯޔާއަށް ވަނީ މިފަހަރުގެ ސްކޮޑުން ފުރުސަތު ދީފައެވެ. މިފަހަރު ޖަރުމަނު ޓީމުގެ ކެޕްޓަން ބޭންޑް ވެސް އަޅާނީ ނޯޔާއެވެ. ފާއިތުވެދިޔަ ހަތަރު ވޯލްޑް ކަޕްގައި ވެސް ޖަރުމަނުން ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.
ޖަރުމަނުގެ ގައުމީ ޓީމުން އިއުލާންކުރި 23 ކުޅުންތެރިންގެ ސްކޮޑް:
ގޯލްކީޕަރުން: މެނުއެލް ނޯޔާ (ބަޔާން މިއުނިކް)، މާކް އެންޑަރ ޓަރ ސްޓީޖެން (ބާސެލޯނާ)، ކެވިން ޓްރެޕް (ޕީއެސްޖީ)
ޑިފެންޑަރުން: ޖެރޯމް ބޯޓެންގް، ޖޯޝުއާ ކިމިޗް، މެޓްސް ހުމެލްސް، ނިކްލަސް ސޫލޭ (ބަޔާން މިއުނިކް)، ޖޯނަސް ހެކްޓަރ (ކޮލޯން)، މެތިއަސް ގިންޓަރ (ބޮރޫޝިއާ މޮންޗެންގްލެޑްބެކް)، އެންޓޯނިއޯ ރޫޑިގަރ (ޗެލްސީ)، މަރވިން ޕެލްޓެންހާޓް (ހާތަރ ބަރލިން)،
މިޑްފީލްޑަރުން: އައިކޭ ގުންޑޮގަން (މެންޗެސްޓާ ސިޓީ)، ސެބެސްޓިއަން ރޫޑް (ބަޔާން މިއުނިކް)، މެސުޓް އޮޒިލް (އާސެނަލް)، ޓޯނީ ކްރޫސް (ރެއާލް މެޑްރިޑް)، ސަމީ ކެދީރާ (ޔުވެންޓަސް)، ލިއޯން ގޮރެޓްޒްކާ (ޝާލްކޭ)، ހޫލިއަން ޑްރެކްސްލަރ (ޕީއެސްޖީ)، ހޫލިއަން ބްރަންޑްޓް (ބަޔާ ލެވަކޫސެން)
ފޯވާޑުން: މާރިއޯ ގޯމޭޒް (ސްޓުޓްގާޓް)، ތޯމަސް މުލާ (ބަޔާން މިއުނިކް)،މާކޯ ރޮއިސް (ބޮރޫޝިއާ ޑޯޓްމަންޑް)، ޓީމޯ ވަރނަރ (އާރްބީ ލީޕްޒީގް)
މިފަހަރުގެ ވޯލްޑް ކަޕްގައި ޖަރުމަނު ހިމެނިފައިވަނީ މެކްސިކޯ އަދި ސްވިޑެންގެ އިތުރުން ދެކުނު ކޮރެއާ އާއެކު ގްރޫޕް އެފްގައެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި ޖޫން މަހުގެ 17 ވަނަ ދުވަހު މެކްސިކޯއާ ދެކޮޅަށް ނުކުންނައިރު ގްރޫޕްގެ ދެވަނަ މެޗުގައި ޖޫން މަހުގެ 23 ވަނަ ދުވަހު އެ ގައުމު ނުކުންނާނީ ސްވިޑެންއާ ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕްގެ ފަހު މެޗުގައި ޖަރުމަނު ނުކުންނާނީ ޖޫން މަހުގެ 27 ވަނަ ދުވަހު ދެކުނު ކޮރެއާ އާއި ދެކޮޅަށެވެ.
ޑިފެންޑިން ޗެމްޕިއަނުންގެ ގޮތުގައި މި މުބާރާތާ ކުރިމަތިލާ ޖަރުމަނު މިފަހަރުގެ ތަށި ކާމިޔާބުކޮށްފިނަމަ އެ ޓީމު ވެގެންދާނީ ބްރެޒިލްއާއެކު ވޯލްޑް ކަޕްގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ޓީމަށެވެ. މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ކޮންފެޑެރޭޝަންސް ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދީ ޖަރުމަނެވެ.