ޗައިނީޒް ޓައިޕޭއާ ދެކޮޅަށް އިންޑިއާ ކުޅުނު މެޗަށް ވަން ސަޕޯޓަރުންގެ އަދަދު މަދުވުމާއި ގުޅިގެން އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ވީޑިއޯ މެސެޖެއް އާންމުކޮށްފިއެވެ.
ދުނިޔޭގެ 97 ވަނައިގައި މިވަގުތު ރޭންކް ކުރެވިފައި އޮތް އިންޑިއާ ވަނީ 5-0 ގެ ނަތީޖާއަކުން ޗައިނީޒް ޓައިޕޭ ބަލިކޮށްފައެވެ. މުމްބާއީގައި ކުޅުނު މި މެޗު ބަލާލުމަށް ދަނޑަށް ވަދެފައިވަނީ އެންމެ 2569 ސަޕޯޓަރުންނެވެ. މި މެޗަކީ އިންޑިއާގައި މިހާރު ކުރިޔަށްދާ އިންޓަކޮންޓިނެންޓަލް ކަޕްގެ މެޗެކެވެ. މި ދެ ޓީމުގެ އިތުރުން މި މުބާރާތުގައި ކުޅެނީ ނިއު ޒިލޭންޑާއި ކެންޔާއެވެ.
މި މެޗުގައި ހެޓްރިކެއް ހެދި ޗެތުރީ އާންމުކުރި މެސެޖުގައި އޭނާ ބުނެފައިވަނީ އިންޑިއާގެ ފުޓްބޯޅައާ މެދު އެއްވެސް އުއްމީދެއް ނެތް ނަމަވެސް ދަނޑަށް އައިސްލަން އެދޭ ކަމަށެވެ. އޭނާ ބުނީ އިންޓަނެޓް މެދުވެރިކޮށް ފާޑުކިޔުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި ސްޓޭޑިއަމްއަށް އައުމަށް ފަހު ފާޑުކިޔާ ހަޅޭލަވައި ހެދުން މާ ރަނގަޅުވާނެ ކަމަށެވެ.
ޗެތުރީ ވަނީ ޔޫރަޕުގެ ފުޓްބޯޅަ ބެލުމަށް ފަހު އިންޑިއާގެ ޓީމުތައް ކުޅޭ މެޗު ބަލަން ނުދާ ސަޕޯޓަރުންނަށް ވެސް އިލްތިމާސެއްކޮށްފައެވެ. އޭނާ ބުނީ ޔޫރަޕުގެ ފުޓްބޯޅައާއި އެއް ފެންވަރަކަށް ނުދެވޭ ކަމަށާއި އެހެން ނަމަވެސް މަސައްކަތާއެކު ދަނޑަށް ވަންނަ ސަޕޯޓަރުން ބަލާ ހިތްވާނެ ފަދަ ފުޓްބޯޅައެއް ކުޅެވޭނެ ކަމަށެވެ.
އިންޑިއާގައި އެންމެ މަގުބޫލު ކުޅިވަރަކީ ކްރިކެޓަށްވާއިރު އެ ގައުމުގެ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާތު ކޯލީ ވެސް ވަނީ ހުރިހާ ކުޅިވަރަކަށް އެއްވަރަކަށް ސަޕޯޓް ކުރަން ޖެހޭނެ ކަމަށް ބުނެފައެވެ.
އާބާދީގައި 1.3 ބިލިއަން މީހުންނަށް ވުރެ ގިނައިން އުޅޭ އިންޑިއާގެ 41 އިންސައްތަ މީހުން ފުޓްބޯޅަ ބަލާކަމަށް ދާދިފަހުން ހެދި ސާވޭއަކުން ދައްކައެވެ.
2015 ވަނަ އަހަރު އިންޑިއާ ރޭންކް ކުރެވިފައި އޮތީ ދުނިޔޭގެ 166 ވަނައިގައެވެ. އެހެންނަމަވެސް ފާއިތުވެދިޔަ ތިން އަހަރު ކުރެވުނު މަސައްކަތާއެކު އެ ޓީމުން ވަނީ ދުނިޔޭގެ ގަދަ 100 އިން ޖާގަ ހޯދާފައެވެ. މުމްބާއީގައި ކެންޔާއާ ދެކޮޅަށް އިންޑިއާ ކުޅޭ މެޗު ވެގެންދާނީ ގައުމީ ޓީމަށް ޗެތުރީ ކުޅެދޭ 100 ވަނަ މެޗަށެވެ.