ކ. މާލެ
|
3 ޖޫން 2018 | އާދީއްތަ 08:36
ރަފައޭލް ނަޑާލް ކުޅުނު މެޗުގެ ތެރެއިން
ރަފައޭލް ނަޑާލް ކުޅުނު މެޗުގެ ތެރެއިން
އޭއެފްޕީ
ފްރެންޗް އޯޕަން
ފްރެންޗް އޯޕެން: ފަސޭހަކަމާއެކު ނަޑާލް ގަދަ 16 އަށް
ނަޑާލް ގަދަ 16 ގެ ޖާގައެއް ކަށަވަރުކުރީ ފްރާންސްގެ ރިޗާޑް ގެސްކުއެޓް ސީދާ ތިން ސެޓުން ބަލިކޮށްގެން

ފްރާންސްގެ ޕެރިހުގައި މިހާރު ކުރިޔަށްދާ ފްރެންޗް އޯޕެންގެ ގަދަ 16 އިން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ކަމަށްވާ ސްޕެއިންގެ ރަފައޭލަ ނަޑާލް ޖާގަ ހޯދައިފިއެވެ.

ނަޑާލް ގަދަ 16 ގެ ޖާގައެއް ކަށަވަރުކުރީ ފްރާންސްގެ ރިޗާޑް ގެސްކުއެޓް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. އެއްވަނައަށް ސީޑު ކުރެވިފައިވާ ނަޑާލް މި މެޗުގެ ސެޓުތައް ގެންދިޔައީ 6-3، 6-2 އަދި 6-2 އިންނެވެ. ނަޑާލް ބުނީ މެޗުގައި ދެއްކުނީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށާއި ގެސްކުއެޓްއަކީ އޭނާގެ ވަރަށް ގާތް އެކުވެރިޔެއް ކަމަށެވެ.

ނަޑާލްއާ ދެކޮޅަށް ދެން އޮންނަ މެޗުގައި ނުކުންނާނީ ޖަރުމަނުގެ މެކްސިމިލިއަން މާޓާއެވެ. އޭނާ ވަނީ އެސްޓޯނިއާގެ ޖާގެން ޒޮޕް ސީދާ ތިން ސެޓުން ބަލިކޮށްފައެވެ.

މި މުބާރާތުގައި ތިންވަނައަށް ސީޑު ކުރެވިފައިވާ ކްރޮއޭޝިއާގެ މަރިން ޗިލިޗް ވެސް ވަނީ ގަދަ 16 އަށް ދަތުރުކޮށްފައެވެ. އޭނާ ވަނީ އެމެރިކާގެ ސްޓީވް ޖޯންސަން ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ޗިލިޗް ގެންދިޔައީ 6-3، 6-2 އަދި 6-4 އިންނެވެ. ކުރިޔަށް އޮންނަ މެޗުގައި ޗިލިޗް ނުކުންނާނީ އިޓަލީގެ ފަބިއޯ ފޮގްނީނީއާ ދެކޮޅަށެވެ.

ހަމައެހެންމެ އާޖެންޓީނާގެ ހުއާން މާޓީން ޑެލްޕޮޓްރޯ ވެސް ވަނީ ހައަހަރަށްފަހު ފުރަތަމަ ފަހަރަށް ފްރެންޗް އޯޕެންގެ ގަދަ 16 އިން ޖާގަ ހޯދާފައެވެ. އޭނާ ވަނީ ސްޕެއިންގެ އަލްބާޓް ރާމޯސް ވިނޯލާސް ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 7-5، 6-4 އަދި 6-1 އިންނެވެ. ގަދަ 16 ގެ މެޗުގައި ޑެލްޕޮޓްރޯ ނުކުންނާނީ ނުވަވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޖޯން އިސްނާ އާއި ދެކޮޅަށެވެ.

މި ކުޅުންތެރިންގެ އިތުރުން ބެލްޖިއަމްގެ ޑޭވިޑް ގޮފިން އަދި ދެކުނު އެފްރިކާގެ ކެވިން އެންޑަސަން ވެސް ވަނީ ގަދަ 16 އިން ޖާގަ ހޯދާފައެވެ.

މިދިޔަ އަހަރު ވެސް މި މުބާރާތް ކާމިޔާބުކުރި ނަޑާލް ނުކުންނާނީ 11 ވަނަ ފަހަރަށް މި މުބާރާތް ކާމިޔާބު ކުރުމަށެވެ.

- ކޮމެންޓް