ކ. މާލެ
|
3 ޖޫން 2018 | އާދީއްތަ 08:36
ވޯލްޑް ކަޕްގެ ބިޑު ކާމިޔާބުވެއްޖެނަމަ މޮރޮކޯއިން އަޅަން ނިންމާފައިވާ ސްޓޭޑިއަމެއް
ވޯލްޑް ކަޕްގެ ބިޑު ކާމިޔާބުވެއްޖެނަމަ މޮރޮކޯއިން އަޅަން ނިންމާފައިވާ ސްޓޭޑިއަމެއް
ގެޓީ އިމޭޖަސް
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް ބޭއްވުމަށް މޮރޮކޯއިން ހުށަހެޅި ބިޑު ބަލައިގެންފި
މޮރޮކޯއިން ވަނީ މީގެކުރިން ހަތަރު ފަހަރަކު ބިޑު ކޮށްފައި
ފީފާގެ ޓެސްޓުން މޮރޮކޯއަށް ފަހަކުން ލިބިފައިވަނީ 2.7 ގެ ސްކޯއެއް
ީ ވޯލްޑް ކަޕަށް އިމާރާތްކުރަން ޖެހޭ ތަންތަން އިމާރާތް ކުރުމަށް އެގައުމުން 16 ބިލިއަން ޑޮލަރު ހަރަދުކުރާނެ

2026 ވަނަ އަހަރު އޮންނަ ފީފާ ވޯލްޑް ކަޕް ބޭއްވުމަށް މޮރޮކޯއިން ހުށަހެޅި ބިޑު ފީފާއިން ބަލައިގެންފިއެވެ.

ފީފާއިން ކުރިޔަށް ގެންދިޔަ އިންސްޕެކްޝަނަށް ފަހު އެ އިދާރާއިން ވަނީ މޮރޮކޯގެ ބިޑު ބަލައިގެންފައިވާކަން ހާމަކޮށްފައެވެ. އުތުރު އެފްރިކާގެ ގައުމެއް ކަމަށްވާ މޮރޮކޯގެ އިތުރުން ދެން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ބިޑުކޮށްފައިވަނީ ތިން އުތުރު އެމެރިކާގެ ތިން ގައުމެއް ގުޅިގެންނެވެ. އެއީ އެމެރިކާ އަދި ކެނަޑާގެ އިތުރުން މެކްސިކޯ ގުޅިގެން ތައްޔާރުކޮށްފައިވާ ބިޑެކެވެ. މިއީ ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި ތިން ގައުމެއް ގުޅިގެން ވޯލްޑް ކަޕް ބޭއްވުމަށް ބިޑު ކުރި ފުރަތަމަ ފަހަރެވެ.

ފީފާގެ ޓެސްޓުން މޮރޮކޯއަށް ފަހަކުން ލިބިފައިވަނީ 2.7 ގެ ސްކޯއެކެވެ. ފީފާއިން ބުނެފައިވަނީ މޮރޮކޯއިން ވޯލްޑް ކަޕް ބޭއްވުމަށް ބިޑުގައި ހިމެނި 14 ސްޓޭޑިއަމްގެ ތެރެއިން ނުވަ ސްޓޭޑިއަމް އަޅަން ޖެހޭ ކަމަށާއި އަދި ބާކީ ފަސް ސްޓޭޑިއަމްއަށް ބޮޑު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. ހަމައެހެންމެ އެކޮމޮޑޭޝަންގެ ގޮތުން ބަލާއިރު އޭގެތެރެއިން ފާސްވަނީ އެންމެ ދެ ސްޓޭޑިއަމް ކަމަށް ވެސް ފީފާއިން ބުނެފައިވެއެވެ. މީގެއިތުރުން މޮރޮކޯގެ ދަތުރުފަތުރުގެ ކަންކަން ހަމަޖެހިފައިވާ ގޮތަކީ ވެސް އެންމެ އެދެވޭ ފެންވަރުގައި ހުރި ކަންކަން ނޫން ކަމަށް ފީފާއިން ހާމަކޮށްފައިވެއެވެ.

އެހެން ނަމަވެސް ފީފާގެ ޓާސްކްފޯހުން ބުނެފައިވަނީ މޮރޮކޯގެ ސަރުކާރުން ވޯލްޑް ކަޕް ބާއްވާ 12 ސިޓީގައި 2026 ވަނަ އަހަރު އަންނައިރު އެކަށީގެންވާ މިންވަރަށް ހޮޓެލް ރޫމް ހުންނާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.

މޮރޮކޯއިން ބުނެފައިވަނީ ވޯލްޑް ކަޕަށް އިމާރާތްކުރަން ޖެހޭ ތަންތަން އިމާރާތް ކުރުމަށް އެގައުމުން 16 ބިލިއަން ޑޮލަރު ހަރަދުކުރަން ޖެހޭ ކަމަށެވެ.

މޮރޮކޯއިން ވަނީ މީގެކުރިން ހަތަރު ފަހަރެއްގެ މަތިން ވޯލްޑް ކަޕް ބޭއްވުމަށް ބިޑުކޮށްފައެވެ. އެއީ 1994، 1998 އަދި 2006 ގެ އިތުރުން 2010 އެވެ. ހަމައެހެންމެ އެމެރިކާއިން ވަނީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕް އެ ގައުމުގައި ބާއްވާފައެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް އެމެރިކާއިން ބިޑު ކުރި ނަމަވެސް އެ ބިޑު ވަނީ ނާކާމިޔާބުވެފައެވެ. އުތުރު އެމެރިކާގެ ގައުމުތަކުގެ ތެރެއިން މެކްސިކޯއިން ވަނީ 1970 ވަނަ އަހަރާއި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް އެ ގައުމުގައި ބާއްވާފައެވެ.

މި ދެ ބިޑު ވެސް ޖޫން މަހުގެ 10 ވަނަ ދުވަހު އޮންނަ ފީފާގެ އިސްވެރިންގެ ބައްދަލުވުމަކުން ފާސްވާން ޖެހޭއިރު އޭގެ ތިން ދުވަސްފަހުން ފީފާގެ 207 މެމްބަރު ގައުމަކުގެ މެދުގައި މި ބިޑުތަކަށް ވޯޓަށް އަހާނެއެވެ.

ފީފާގެ ރޮޓޭޝަނަލް ޕޮލިސީގެ ދަށުން ވޯލްޑް ކަޕް ބޭއްވުމުގައި ހުރިހާ ބައްރުތަކެއް ހަމަކުރަންޖެހެއެވެ. އެގޮތުން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމަށް ފުރުސަތު ލިބެނީ އުތުރު އެމެރިކާ، ދެކުނު އެމެރިކާ، އޯޝޭނިއާ ނުވަތަ އެފްރިކާގެ ގައުމުތަކަށެވެ. އެ އަހަރުގެ ވޯލްޑް ކަޕްގައި 48 ޓީމު ވާދަކުރާނެ ކަމަށް ފީފާއިން ވަނީ ބުނެފައެވެ.

އެފްރިކާގެ ގައުމެއްގައި މީގެކުރިން ވޯލްޑް ކަޕް ބާއްވާފައި ވަނީ 2010 ވަނަ އަހަރުއެވެ. އެފަހަރުގެ ވޯލްޑް ކަޕް ބާއްވާފައި ވަނީ ދެކުނު އެފްރިކާގައެވެ.

- ކޮމެންޓް