ކ. މާލެ
|
31 މެއި 2018 | ބުރާސްފަތި 22:41
އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ
އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ
އޭއެފްޕީ
ސިޓީގެ ޓްރާންސްފާތައް
ސިޓީއަށް ނޫނެކޭ ބުނެވެން ނެތް: ޖޯޖީނިއޯ
ސިޓީއިން ވަނީ އޭނާ ހޯދުމަށް 50 މިލިއަން ޔޫރޯ ހުށަހަޅާފައި
އޭނާގެ ކޮންޓްރެކްޓްގައި ބާކީ ދެއަހަރު އެބައޮތް

މެންޗެސްޓާ ސިޓީއަށް ނޫނެކޭ ބުނެވެން ނެތް ކަމަށް ނަޕޯލީއަށް ކުޅެމުން އަންނަ އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ ބުނެފިއެވެ.

އަންނަ ސީޒަނުގައި ޖޯޖީނިއޯ ފެނިގެންދާނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމަކުން ކަމަށް އިޓަލީގެ މީޑިއާތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ. އެގޮތުން އާސެނަލް އާއި ލިވަޕޫލް އަދި ޗެލްސީގެ އިތުރުން ސިޓީއިން އޭނާއަށް ފާރަލަމުންދާ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ. ބުދަ ދުވަހުގެ ވަގުތެއްގައި ނަޕޯލީގެ ހަބަރުތައް ގެނެސްދޭ ނޫހަކުން ވަނީ އެ ކްލަބާއި ސިޓީއާ ދެމެދު ޖޯޖީނިއޯގެ ޓްރާންސްފާ އާއި ގުޅިގެން 50 މިލިއަން ޔޫރޯގެ އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓް ކޮށްފައެވެ.

ޖޯޖީނިއޯގެ އޭޖެންޓް ޖޯ ސަންޓޯސް ވެސް ވަނީ އޭނާއަށް ހުށަހެޅުމެއް އައިސްފައިވާކަން ކަށަވަރު ކޮށްދީފައެވެ. އޭނާ ބުނީ ސިޓީއިން ޖޯޖީނިއޯ ހޯދުމަށް ނަޕޯލީއަށް ހުށަހަޅާފައިވާ ކަމަށާއި އެ ހުށަހެޅުމަށް ނަޕޯލީއިން ފުރަގަސް ދީފައިނުވާ ކަމަށެވެ. އަދި ނަޕޯލީއިން އެ ހުށަހެޅުން ގަބޫލުކޮށްފިނަމަ ހުރިހާ ކަމަކަށް ބަލާނެ ކަމަށް ސަންޓޯސް ބުނެފައިވެއެވެ. އޭނާ ބުނީ ސިޓީއަށް ނޫނެކޭ ބުނެވެން ނެތް ކަމަށާއި ސިޓީގެ ކޯޗަކީ ޔޫރަޕުގެ ފުޓްބޯޅައިގައި ހަރަކާތްތެރިވަމުންދާ ކޯޗުންގެ ތެރެއިން އެންމެ މޮޅު އެއް ކޯޗު ކަމަށެވެ.

މިމަހުގެ ކުރީކޮޅު ނޫސްވެރިންނާއި ވާހަކަ ދައްކަމުން އޭނާގެ އޭޖެންޓް ބުނީ ޖޯޖީނިއޯ ހޯދުމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ހަތަރު ފަސް ޓީމަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ހަމައެހެންމެ އެއްވެސް ކްލަބަކާއި ޖޯޖީނިއޯ މަޝްވަރާތައް ކުރިޔަށް ގެންދާނީ ނަޕޯލީއިން ރަސްމީކޮށް ގޮތެއް ނިންމުމުން ކަމަށް ވެސް ސަންޓޯސް ބުނެފައިވެއެވެ.

ޖޯ ސަންޓޯސް ބުނެފައިވަނީ ޖޯޖީނިއޯއަކީ ދުނިޔޭގެ އެންމެ ވަރުގަދަ ގައުމީ ޓީމުތަކުގެ ތެރޭގައި ގުނާލެވޭ އިޓަލީ އަދި އިޓަލީގެ ލީގަށް ވާދަކުރަމުން އަންނަ ނަޕޯލީގެ ކުޅުންތެރިޔަކަށްވުމާއެކު އޭނާ ހޯދުމަށް ގިނަ ކްލަބްތަކަކުން މަސައްކަތްކުރާނެ ކަމަށް އެނގޭ ކަމަށެވެ. އޭނާ ބުނީ ނަޕޯލީގެ ސްޕޯޓިން ޑައިރެކްޓަރ ގެ މަގާމުގައި ހުރި ކްރިސްޓިއާނޯ ގަންޓޫލީއާ ތިން ފަހަރެއްގެ މަތިން މަޝްވާރަކޮށްފައިވާ ކަމަށެވެ.

ނަޕޯލީއާއެކު ޖޯޖީނިއޯ ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ ދެއަހަރު އޮތްއިރު ނަޕޯލީއިން އޭނާގެ ކޮންޓްރެކްޓް އާކުރުމަށް އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައިނުވެއެވެ. އެހެންކަމުން މިއީ އޭނާ ވިއްކާލުމަށް އެކްލަބްއިން ނިންމާފައިވާތީ އެކަމަށް ބާރުލިބޭ ގޮތަށް އެ ކްލަބްއިން ނިންމި ނިންމުމެއް ކަމަށް ބެލެވެއެވެ.

ބްރެޒިލްއަށް އުފަން ޖޯޖިނިއޯ ގައުމީ ފެންވަރުގައި ކުޅެމުން އަންނަނީ އިޓަލީއަށެވެ. ނަޕޯލީގައި ދެއްކި މޮޅު ކުޅުމާއެކު ޖޯޖީނިއޯއަށް ވަނީ އިޓަލީގެ ގައުމީ ޓީމުން ވެސް ފުރުސަތުދީފައެވެ. މިދިޔަ އަހަރުގެ ތެރޭގައި އޭނާ އިޓަލީގެ ގައުމީ ޓީމަށް ކުޅެން ފެށިއިރު މިހާތަނަށް އޭނާ އިޓަލީގެ ގައުމީ ޓީމަށް ކުޅެފައިވަނީ އެންމެ ތިން މެޗެވެ. ނަޕޯލީއާއެކު އޭނާ މިހާރު ހަދާފައިވާ ކޮންޓްރެކްޓް 2020 ވަނަ އަހަރުގެ ނިޔަލަށް ހަމަވާނެއެވެ. އޭނާ ވަނީ 2014 ވަނަ އަހަރުން ފެށިގެން އެ ޓީމަށް 160 މެޗު ކުޅެދީފައެވެ.

 

- ކޮމެންޓް