ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ހޯދުމަށް ރެއާލް މެޑްރިޑްއިން ވެސް 180 މިލިއަން ޔޫރޯ ހުށަހެޅި ކަމަށް އޭނާ ކުރިން ކުޅުނު ކްލަބް ކަމަށްވާ މޮނާކޯއިން ބުނެފިއެވެ.
މޮނާކޯއިން ޗެމްޕިއަންސް ލީގުގެ ސެމީއަށް ދަތުރުކުރި ސީޒަނުގައި އެމްބާޕޭ ދެއްކި މޮޅު ކުޅުމާއެކު މުޅި ދުނިޔޭގެ ލޯ އޭނާއަށް އަމާޒުވިއެވެ. އެކަމުގެ ސަބަބުން އޭނާ ހޯދުމަށް ދުނިޔޭގެ އެންމެ ބޮޑު ޓީމުތަކުން މަސައްކަތްކުރިއިރު އޭނާ ބަދަލުވީ މޮނާކޯގެ ވާދަވެރި ޕީއެސްޖީއަށެވެ. މި ސީޒަނުގައި އެމްބާޕޭ ޕީއެސްޖީއަށް ކުޅުނީ 180 މިލިއަން ޔޫރޯގެ ލޯނު އެއްބަސްވުމެއްގެ ދަށުން ކަމަށްވާއިރު ޕީއެސްޖީގެ ދާއިމީ ކުޅުންތެރިޔެއްގެ ގޮތުގައި އޭނާ ހެދުމަށް އެ ޓީމުން މި ސީޒަނުގައި މޮނާކޯއަށް އެ އަދަދު ދައްކާނެއެވެ.
އެމްބާޕޭގެ ކުރީގެ ކްލަބް ކަމަށްވާ މޮނަކޯގެ ރައީސް ވަޑިމް ވްސިލްޔޭވް ބުނީ ރެއާލްއިން އެމްބާޕޭ ހޯދުމަށް 180 މިލިއަން ޔޫރޯ ހުށަހެޅުމުން އެކަން އެޓީމުން ގަބޫލުކުރި ކަމަށެވެ. އޭނާ ބުނީ އެ ހުށަހެޅުން ލިބުނުކަން އެމްބާޕޭއަށް އެންގި ކަމަށާއި ގޮތެއް ނިންމުމުގެ ހުރިހާ ބާރެއް ވެސް ދިނީ އޭނާއަށް ކަމަށެވެ. އެހެން ނަމަވެސް އެހިސާބުން އޭނާ ރެއާލްއަށް ނުދާނެ ކަމަށް ނިންމައި ބޭނުންވަނީ ޕީއެސްޖީއަށް ދާން ކަމަށް އެންގި ކަމަށެވެ. ހުރިހާ ކަމެއް ވެސް ނިމިގެންދިޔައީ އެންމެ ފަހު ވަގުތު ކަމަށް ވްސިލްޔޭވް ބުނެފައިވެއެވެ.
އެމްބާޕޭ އެގޮތަށް ނިންމީ އޭނާގެ އަމިއްލަ ގައުމުގައި ހުރެގެން ކުރިޔަށް ދިޔުމަށެވެ. އެގޮތުން އޭނާ ދެކޭ ގޮތުގައި ދުނިޔޭގައި ތިބި އެންމެ މޮޅު ކުޅުންތެރިން ކުރިޔަށް ގޮސްފައިވަނީ އަމިއްލަ ގައުމުގައި ތިބެގެން ކަމަށާއި ޅައުމުރުގައި ގައުމު ދޫކޮށްލުމަކީ ހެދިދާނެ ގޯހެއް ކަމަށެވެ.
ޕީއެސްޖީއަށް އެމްބާޕޭގެ ކޮންޓްރެކްޓް ދާއިމީ ކުރެވިފައިނުވާއިރު މި ސީޒަނަށްފަހު އޭނާގެ އަގު އިތުރަށް މަތިވެގެންދާނެއެވެ. ރިޕޯޓްތައް ބުނާގޮތުން އިނގިރޭސި ޗެމްޕިއަނުން ކަމަށްވާ މެންޗެސްޓާ ސިޓީއިން އަންނަނީ އެމްބާޕޭ ހޯދުމަށް މަސައްކަތްކުރަމުންނެވެ.