ޗެލްސީގެ ކޯޗުގެ މަގާމަށް ނަޕޯލީގެ ކުރީގެ ކޯޗު މައުރީޒިއޯ ސައްރީ ގެންނަން އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
މީޑީއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަހަރަކު ފަސް މިލިއަން ޕައުންޑް ލިބޭ ގޮތަށް ޗެލްސީއާއެކު ސައްރީ ވަރަށް އަވަހަށް ކޮންޓްރެކްޓެއްގައި ސޮއިކުރާނެއެވެ. އޭނާ ޗެލްސީއާއެކު ސޮއިކުރާނެ ކަމަށް ބެލެވެނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ނަޕޯލީގެ ކޯޗުގެ މަގާމުން ސައްރީ ވަކިކުރި ނަމަވެސް ސައްރީގެ ރިލީސް ފީއެއްގެ ގޮތުގައި އަށް މިލިއަން ޕައުންޑް ޗެލްސީއިން ދައްކަން ޖެހެއެވެ. ނަޕޯލީގެ ކޯޗުގެ މަގާމަށް ސައްރީގެ ބަދަލުގައި ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޯޓީ ވަނީ އައްޔަނުކޮށްފިއެވެ.
ޗެލްސީގެ ކޯޗުގެ މަގާމުގައި އަދިވެސް ހުރީ އެންޓޯނިއޯ ކޮންޓޭއެވެ. އެހެން ނަމަވެސް އޭނާ އެ މަގާމުން ވަކިކުރުމަށް ޗެލްސީގެ މެނޭޖްމަންޓުން ވަނީ ނިންމާފައެވެ. ޗެމްޕިއަނުންގެ ގޮތުގައި މިދިޔަ ސީޒަނާއި ޗެލްސީއިން ކުރިމަތިލި ނަމަވެސް އެ ޓީމު މި ނިމުނު ސީޒަން ނިންމާލީ ތާވަލުގެ ފަސްވަނައިގައި އޮވެގެންނެވެ. އެހެން ނަމަވެސް އެ ޓީމުން ވަނީ މި ސީޒަނުގެ އެފްއޭ ކަޕްގެ ފައިނަލްގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ތަށި އުފުލާލާފައެވެ.
އުމުރުން 59 އަހަރުގެ ސައްރީ ވަނީ އޭނާގެ ކެރިއަރުގައި ނުވަ ޓީމަކަށް އިރުޝާދު ދީފައެވެ. މި ސީޒަން ނަޕޯލީއިން ނިންމާލީ ތާވަލުގެ ދެވަނަ މަގާމުގައި އޮވެގެންވާއިރު އެ ޓީމުން ވަނީ މި ސީޒަނުގައި 91 ޕޮއިންޓް 38 މެޗުން އެއްކޮށްފައެވެ. މިއީ އެކްލަބްގެ ތާރީހުގައި ވެސް އެންމެ ގިނައިން އެއްކުރި ޕޮއިންޓްގެ އަދަދަށްވާއިރު ނަޕޯލީ ވެގެންދިޔައީ 90 ޕޮއިންޓަށްވުރެ ގިނައިން ހޯދުމަށްފަހު ސެރީއޭގެ ޗެމްޕިއަންކަން ނުލިބުނު ފުރަތަމަ ޓީމަށެވެ. ހަމައެހެންމެ މިއީ ސައްރީގެ ކެރިއަރުގައި އޭނާ އެއް ޓީމަކަށް އެންމެ ގިނަ އަދަދަކަށް ޕޮއިންޓް ހޯދައިދިން ފަހަރެވެ.
ޗެލްސީގެ ކޯޗުގެ މަގާމަށް ސައްރީ ގެނައުމަށް އެ ޓީމުން މަސައްކަތް ކުރަމުން ދާއިރު ރަޝިއާގެ ޒެނިތު ސެއިންޓް ޕީޓަސްބާގުން ވެސް އޭނާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސައްރީ ޗެލްސީގެ ކޯޗުކަމާ ހަވާލު ވެއްޖެނަމަ އޭނާގެ އެންމެ ބޮޑު މަސައްކަތަކަށް ވެގެންދާނީ ޔުއެފާ ޗެމްޕިއަންސް ލީގަށް އެ ޓީމު ކޮލިފައި ކޮށްދިނުމެވެ. ހަމައެހެންމެ އެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ޓީމުގައި މަޑުކުރުވުމަކީ ވެސް ސައްރީގެ ޒިންމާއެކެވެ. އެގޮތުން އަލްވާރޯ މޮރާޓާ ހޯދުމަށް އިޓަލީގެ ޔުވެންޓަސް އަދި އޭސީ މިލާނުން މަސައްކަތްކުރަމުންދާއިރު އެޑެން ހަޒާޑް އަދި ކީޕަރު ތީބައު ކޯޓުވާ ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑްއިން މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސައްރީއަކީ މިދިޔަ ސީޒަނުގައި ހޮވި އިޓާލިއަން ސެރީއޭގެ އެންމެ މޮޅު ކޯޗެވެ.