ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިނގިރޭސިވިލާތުގެ ލިވަޕޫލާއި ދެކޮޅަށް ނުކުންނައިރު ރެއާލް މެޑްރިޑަކީ ފެވަރިޓުން ނޫން ކަމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.
އެންމެފަހުން ކުޅުނު ދެ ފައިނަލް ވެސް ރެއާލްއިން ކާމިޔާބުކުރިއިރު ޔޫކްރެއިންގެ ކިއޭވްގައި ކުޅޭ ފައިނަލް ވެސް ރެއާލްއިން ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ފައިނަލް މެޗުގެ ކުރިން ދިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ޒިދާން ބުނީ ގިނަ ބަޔަކު ރެއާލްއަކީ ފެވަރިޓުންގެ ގޮތުގައި ދެކުނަސް އެކަން އޮތީ އެގޮތަށް ނޫން ކަމަށެވެ. އޭނާ ބުނީ ފައިނަލަކަށް ދާއިރު އެއްވެސް ފެވަރިޓެއް ނޯންނާނެ ކަމަށާއި އެހެންކަމުން ލިވަޕޫލްއަކީ ވެސް ފެވަރިޓެއްގެ ގޮތުގައި ނުބަލާނެ ކަމަށެވެ. އޭނާ ބުނީ ޑްރެސިން ރޫމްގައި ވެސް އެގޮތަށް ވާހަކަ ނުދައްކާނެ ކަމަށާއި ކުރަން ޖެހޭ ކަމަކީ މޮޅު ކުޅުމެއް ކުޅުން ކަމަށެވެ.
މިއީ މިވަގުތު ރެއާލްގެ ޓީމުގައި ތިބި ގިނަ ކުޅުންތެރިން ޖެހިޖެހިގެން ކުޅޭ ތިންވަނަ ބޮޑު ފައިނަލަށްވާއިރު ޒިދާން ބުނީ އެކަމުގެ އަސަރު ކުޅުންތެރިންނަށް ނުކުރާނެ ކަމަށެވެ. އޭނާ ބުނީ ހުރިހާ ކުޅުންތެރިން ވެސް ތިބީ އިތުރު ފައިނަލެއްގައި ކުޅުމުގު ފުރުސަތު ލިބުމުން ވަރަށް އުފާވެފައި ކަމަށާއި މިފަދަ އެތައް މުބާރާތެއްގައި ކުޅެވިއްޖެ ކަމަށެވެ. އެހެންކަމުން މި ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފަން ޖެހޭ ކަމަށާއި އެހެން ނޫނީ އެފަދަ ފުރުސަތުތައް ނުލިބުމަކީ ވެސް ވެދާނެ ކަމެއް ކަމަށް ޒިދާން ބުނެފައިވެއެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ ޒިދާންގެ އުކުޅުތަކަކީ ވަރަށް ކަމުދާ އުކުޅުތަކެއް ކަމަށް ބުނެފައެވެ. އެކަމަށް އިޝާރާތްކޮށް ވާހަކަ ދައްކަމުން ޒިދާން ބުނީ ފުޓްބޯޅައަކީ ވަރަށް ސިމްޕަލް އެއްޗެއް ކަމަށާއި އަބަދުވެސް އިދިކޮޅު ޓީމު ބަލިކުރެވޭނެ އުކުޅުތައް ހޯދަން ޖެހޭ ކަމަށެވެ. އޭނާ ބުނީ މިރޭގެ މެޗުގައި ލިވަޕޫލްއިން ވެސް ނުރައްކާ ކުރާނެ ކަން އެނގޭ ކަމަށާއި އެހެންކަމުން ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފަންޖެހޭ ކަމަށެވެ.
ލިވަޕޫލް ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ 7-6 ގެ އެގްރިގޭޓް ނަތީޖާއަކުން އިޓަލީގެ ރޯމާގެ މައްޗަށް ކުރި ހޯދައިގެންނެވެ. ހަމައެހެންމެ ރެއާލް ފައިނަލަށް ދަތުރު ކުރީ 4-3 ގެ އެގްރިގޭޓް ނަތީޖާއަކުން ޖަރުމަނުގެ ބަޔާން މިއުނިކް ބަލިކޮށްގެންނެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލަކަށް ފަސް އަހަރު ތެރޭ ހަތަރުވަނަ ފަހަރަށް ރެއާލް ނުކުންނައިރު އެ ޓީމުން ވަނީ ފާއިތުވެދިޔަ ދެ އަހަރު ވެސް މި މުބާރާތް ކާމިޔާބު ކޮށްފައެވެ. މިފަހަރުގެ މުބާރާތް ރެއާލް ކާމިޔާބުކޮށްފިނަމަ އެ ޓީމަށް މި މުބާރާތް ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މިއަހަރުގެ ފައިނަލް ވެގެންދާނީ ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ފައިނަލުން ފެނިގެންދާނެ އަށްވަނަ ފަހަރަށެވެ. މި އަދަދަށް އިނގިރޭސިވިލާތަށް ނިސްބަތްވާ އެހެން އެއްވެސް ޓީމަކަށް ފައިނަލްގައި ވާދަކުރެވިފައެއް ނުވެއެވެ.
ޗެމްޕިއަންސް ލީގު ފައިނަލްގައި ލިވަޕޫލާއި ރެއާލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 11:45 ގައެވެ.